ގާނޫނު ބުނާ ތާރީހަށްވުރެ ހަ މަސް ފަހުން ޕްރީ ސްކޫލް ގަވައިދު ގެޒެޓްކޮށްފި

ޕްރީ ސްކޫލް ހިންގުމުގެ ޤާނޫނުގައި ބުނެފައިވާ ތާރީހަށްވުރެ ހަ މަސް ފަހުން ޕްރީ ސްކޫލް ހިންގުމުގެ ޤަވައިދު ގެޒެޓްކޮށްފި އެވެ.
ޕްރީ ސްކޫލް ހިންގުމުގެ ޤާނޫނުގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އެ ޤާނޫނު ތަސްދީޤު ކުރާ ދުވަހުން ފެށިގެން ހަމަސް ދުވަހުގެ ތެރޭގައި ޕްރީ ސްކޫލް ހިންގުމުގެ ޤަވައިދު އެކުލަވާލައި ގެޒެޓް ކުރަންވާނެ ކަމަށެވެ.
ޖެނުއަރީ 4، 2010 ގައި ރައީސް މުޙައްމަދު ނަޝީދު ގާނޫނު ތަސްދީޤު ކުރެއްވި ނަމަވެސް ޕްރީ ސުކޫލް ހިންގުމުގެ ޤަވައިދު ގެޒެޓްކޮށްފައިވަނީ ޤާނޫނު ފާސްވިތާ އެއް އަހަރު ފަހުން އިއްޔެ އެވެ.
އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިމާދު ސޯލިހް ވިދާޅުވީ ޤާނޫނުގައި ބުނެފައިވާ މުއްދަތުގައި ގަވައިދު ގެޒެޓް ކުރުމަށް މިނިސްޓްރީ ކުރަންޖެހޭ މަސައްކަތް ކުރި ކަމަށާ، ކަނޑައެޅިފައިވާ މުއްދަތަށް ގެޒެޓްކުރަން ވެސް ފޮނުވި ކަމަށެވެ. ނަމަވެސް ޤަވައިދުގައި ފުރިހަމަ ކުރަންޖެހޭ އިތުރު ކަންތައްތަކެއް ހުރިކަމަށް ބުނެ ބަންޑާރަނައިބު އޮފީހާއި ލޯކަލް ގަވަރުމެންޓް އޮތޯރިޓީ ޤަވައިދަށް ބައެއް ބަދަލުތައް ގެންނަން ބޭނުންވުމުން ގެޒެޓް ކުރުން ފަސްވީ ކަމަށެވެ.
"އަޅުގަނޑުމެން އެޤަވައިދު ގެޒެޓް އޮފީހަށް ފޮނުވިން. އެކަމަކު ބައެއް މުއައްސަސާތަކުން އިތުރަށް މަޝްވަރާކުރަން ބޭނުންވުމުން ޤަވައިދު ގެޒެޓްކުރުން ފަސްވެގެންދިޔައީ" އިމާދު ވިދާޅުވި އެވެ.
ޕްރީ ސުކޫލުތަކާއި ބެހޭ ޤާނޫނުގައި ބުނެފައިވަނީ ޤާނޫނުގެ ދަށުން އެކުލަވާ ގަވާއިދުގައި ބުނެފައިވާ ކަންކަން ގާނޫނަށް އަމަލު ކުރަން ފަށާތާ އެއްއަހަރު ދުވަހުގެ ތެރޭގައި ޕްރީ ސުކޫލުތަކުން ފުރިހަމަ ކުރަންޖެހޭނެ ކަމަށެވެ. އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ޕްރީ ސްކޫލް ހިންގުމުގެ ޤާނޫނަށް އަމަލު ކުރަން ފެށުމާއެކު ޕްރީސްކޫލް ތަކުގެ ހިންގުން ހަރުދަނާކޮށް އެތަންތަނުގެ ޤާބިލްކަން އިތުރުކުރުމަށް ފުރުސަތު ލިބިގެން ގޮސްފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ