ބޭނުންވަނީ ތަޖުރިބާހުރި އިޚުލާސްތެރި ވެރިއެއް - ގާސިމް

މިގައުމަށް ބޭނުންވަނީ ރައްޔިތުންނަށް އިޚުލާސްތެރިކަމާއި ތެދުވެރިކަމާއެކު ވެރިކަން ކޮށްދޭނެ ތަޖުރިބާކާރު ވެރިއެއްކަމަށާއި ގައުމެއް ކާމިޔާބުވުމުގެ އަސްލަކީ އެއީކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގަސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އއ މާޅޮހުގައި ޖުމްހޫރީ ޕާޓީގެ ހަރަކާތްތައް އިތުރަށް ވަރުގަދަކުރުމަށްޓަކައި އެރަށުގައި ޖުމްހޫރީ ޕާޓީގެ އޮފީހެއް ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ގާސިމް ވިދާޅުވީ ގައުމެއް ކާމިޔާބުކަމާއެކު ކުރިއަރައި ރައްޔިތުން ބޭނުންވާ ތަރައްގީ ހޯދުމަށް އިޚްލާސްތެރިކަމާއި އަމާނާތްތެރިކަން ބޭނުންވާކަމުގައެވެ.
އަދި ރައްޔިތުންގެ އިހުސާސްތަކަށް އިހުތިރާމްކުރާ އެ ރައްޔިތުންގެ ވާހަކަތައް އަޑުއަހާ ވެރިއެއް ހުރުމަކީ ގައުމެއް ކާމިޔާބުވުމުގެ އެއް އަސްލުކަމަށް ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ ގާނޫންތަކާއި ގަވާއިދުތަކެއް ކިތަންމެ މޮޅަށް ހެދިނަމަވެސް ވެރިކަމުގެ ނިޒާމުން އެ ގާނޫނުތަކަށް ތަބާނުވާނަމަ ގާނޫންތަކެއް ހެދުމުގެ ބޭނުމެއް ނެތްކަމަށާއި މިގައުމަށް ތަރައްގީ ގެނެވޭނީ މޮޅެތި ގާނޫންތައް ހަދައިގެން ނޫންކަމަށެވެ.
ގާނޫންތައް ހަދަނީ ކަން އޮންނަގޮތް އެންމެހާ ރައްޔިތުންނަށް ސާފުކޮށްދިނުމަށް ކަމަށާއި އިޚްލާސްތެރިކަމާއި އަމާނާތްތެރިކަމާއި ތެދުވެރިކަމާއެކު ޚިދުމަތްކުރާނަމަ މިގައުމު ކާމިޔާބު ގައުމަކަށް ވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ރޮނގުން ވާހަކަފުޅު ދައްކަވަމުން ގާސިމް އިބްރާހިމް ވިދާޅުވީ ދިވެހިންނަކީ ޒަމާނުއްސުރެ ރިވެތި އާދަކާދަތަކަށް އިހުތިރާމްކޮށް ރިވެތި ދިރިއުޅުމެއް އުޅެމުން ގެންދިޔަ ބައެއްކަމަށާ އެފަދަ ދިރިއުޅުމެއް އަލުން ހޯދުމަށް މިއަދު ރައްޔިތުން މަސައްކަތް ކުރަންޖެހިފައިވާކަމަށެވެ.
ޖުމްހޫރީ ޕާޓީން އަބަދުވެސް މަސައްކަތްކުރާނީ ރައްޔިތުންގެ ހައްގުގައިކަމަށާއި ޖުމްހޫރީ ޕާޓީގެ މައިގަނޑު ވިސްނުމަކީ އަދި ފިކުރަކީ ރައްޔިތުން އެދޭ ހެޔޮ ބަދަލު ގައުމަށް ގެނެސްދިނުންކަމަށް ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ އަމާޒަށް ކުރާ މަސައްކަތް ކާމިޔާބުވާނެކަމަށް އުންމީދުކުރައްވާކަމުގައެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ނާއިބް ރައީސް އަމީން އިބްރާހިމް ވިދާޅުވީ ގައުމެއް ބިނާކުރުމުގައި އެގައުމެއްގައި ވެރިކަންކުރާ ސަރުކާރެއްގައި އިޚްލާސްތެރިކަމާއި ތެދުވެރިކަން ނެތިއްޖެނަމަ ގައުމަށް ވެގެންދާނެގޮތް މިއަދު ރައްޔިތުން ތަޖުރިބާކޮށްފައިވާކަމަށެވެ.
ގާނޫނާއި ޚިލާފަށް އުސޫލުތަކުގެ ބޭރުން ކުރެވޭ މުއާމަލާތްތަކާއި ވެވޭ އެއްބަސްވުންތަކުގެ ސަބަބުން ގައުމަށް ފޫނުބެދޭވަރުގެ ބޮޑު ގެއްލުންތަކެއް ލިބިގެންދިއުމަކީ ދިމާނުވެނުދާނެ ކަމެއްކަމަށްވެސް އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ ޖުމްހޫރީ ޕާޓީން އެކަންކަމާއި ދެކޮޅަށް އަބަދުވެސް މަސައްކަތްކުރާނެކަމަށާ މިގައުމަށް ގެއްލުންދޭން ކުރާ ކޮންމެ މަސައްކަތަކާއި ދެކޮޅަށް ތެދުވާނެކަމަށެވެ.
މި ރަސްމިއްޔާތަށްފަހު ގާސިމް އިބްރާހިމް ވަނީ އއ މާޅޮހުގައި ޖުމްހޫރީ ޕާޓީގެ އޮފީސް ހުޅުވައިދެއްވާ އެރަށުގައި ތިބި ޖުމްހޫރީ ޕާޓީގެ މެންބަރުންނާއި ބައްދަލު ކުރައްވާފައެވެ.
އަދި އެރަށުގައި މީހުން ދިރިއުޅޭ ގޭގެއަށް ޒިޔާރަތްކުރައްވައި ބައެއް ރައްޔިތުންގެ ހާލު ވެސް ބައްލަވާލައްވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ