ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާގެ ގޮނޑި ގެއްލިއްޖެ

ގުފްތަގު އަޖީރު
ރައްޔިތުން މަޖިލީހުގައި ތިމަރަފުށީ ދާއިރާ ތަމްސީލުކުރައްވާ މުހައްމަދު މުސްތަފާގެ ގޮނޑި ގެއްލުނު ކަމަށް ސްޕްރީމް ކޯޓުން މިއަދު މެންދުރު ހުކުމް ކޮށްފައިވަނީ، މުސްތަފާގެ މަސްލަހަތު އޮންނަ ސީފުޑް އިންޓަނޭޝަނަލްސް އިން ބީސީސީއައި އިން ނަގާފައިވާ ލޯނެއް އެއްކޮށް ދައްކައި ނިންމާފައި ނުވާކަމަށް ބުނެ ޕީޕީއެމްގެ ވަގުތީ ކައުންސިލްގެ މެންބަރު އުމަރު ނަސީރު ކުރައްވާ ދައުވާގެ މިއަދުގެ އަޑުއެހުމުގައި އެވެ.
މިހުކުމް ކޮށްފައިވަނީ ސްޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރުންގެ އަގުލަބިއްޔަތުންނެވެ. އެ ފަނޑިޔާރުންނަކީ އަބްދުﷲ ސައީދު، އަލީ ހަމީދު އާދަމް މުހައްމަދު އަބްދުﷲ އަދި ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ.
މިގޮތަށް ސްޕްރީމް ކޯޓުގެ ހުކުމް އައިސްފައިވަނީ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި މުސްތަފާގެ ގޮނޑި ގެއްލޭނެކަމަށް އުމަރު ނަސީރު ވިދާޅުވެފައި ވަނިކޮށެވެ. އުމަރު ނަސީރުގެ މިވާހަކަ ފުޅާ ގުޅިގެން ސްޕްރީމް ކޯޓުންވަނީ ބަޔާނެއްނެރި ކޯޓުތަކުގެ ހުރުމަތް ކެނޑޭގޮތަށް ވާހަކަނުދެއްކުމަށް އުމަރު ނަސީރަށް އިލްތިމާސް ކޮށްފަ އެވެ.
ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާގެ މަސްލަހަތު އޮންނަ ސީފުޑު ކުންފުނިން ބޭންކް އޮފް ކްރެޑިޓް އެންޑް ކޮމާސް އިންޓަނޭޝަނަލް (ބީސީސީއައި) އިން ނަގާފައިވާ، ލޯނުގެ ބައެއް ނުދައްކައި އޮތްކަމަށް ބުނެ އުމަރު ނަސީރު ސްޕްރީމް ކޯޓަށް ހުޅަހަޅުއްވާފައިވާ މައްސަލައިގެ އަޑުއެހުން ފަށާފައިވަނީ މިއަދު މެންދުރު ދެގަޑި ތިރީހުގަ އެވެ.
ނަމަވެސް މިމައްސަލައިގައި އިއްޔެ މުސްތަފާ ރައީސް ނަޝީދަށާއި، މަޖިލީސް މެމްބަރުންނަށް ކުރައްވާފައިވާ އެސްއެމްއެސްގައި ވިދާޅުވެފައިވަނީ، މިމައްސަލައަކީ މީގެ 17 އަހަރު ކުރިން، ކޮމާޝަލް ކޯޓު އޮފް ލަންޑަނުން ސީފުޑު އިންޓަނޭޝަނަލްސް އާއި އެއްކޮޅަށް ނިޔާ ކަނޑައަޅާފައިވާ މައްސަލައެއް ކަމަށެވެ. މިމައްސަލައިގައި ސީފުޑަށް ފަސްލައްކަ އެމެރިކާ ޑޮލަރު ދިނުމަށް ލަންޑަނުގެ ކޮމާޝަލް ކޯޓުން ކުރި ހުކުމާ ގުޅިގެން ބީސީސީއައިގެ ބަލަދުވެރިއަކީ މޯލްޑިވިސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ނޫންކަމަށް ބުނެ އެ އޮތޯރިޓީން ސީފުޑް އިންޓަނޭޝަނަލްސް އަށް ފޮނުވާފައިވާ ސިޓީވެސް މިހާރު، ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާނޭ ކަމަށް މުސްތަފާގެ އެސްއެމްއެސްގައި ވިދާޅުވެފައިވެ އެވެ.
މިހެންކަމުން މިމައްސަލައިގެ ތެރެއަށް ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ވަންނަންވީ އެއްވެސް ހައިސިއްޔަތެއް ނެތްކަމަށް މުސްތަފާ އާއި އޭނާގެ އާއިލާއިން ދެކިލައްވާކަމަށްވެސް އެ އެސްއެމްއެސްގައި އޭނާ ވިދާޅުވެފައިވެ އެވެ.
ސީއެންއެމް އަށް މުސްތަފާ އިއްޔެ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މިމައްސަލައަކީ މައްސަލައަކީ ސިޔާސީ ނުފޫޒުތައް ވެރިވެފައިވާ ޝައިތާނީ ވަސްވާސްތަކުން ފުރިފައިވާ މައްސަލައެއްކަމަށެވެ. " އަޅުގަނޑުގެ މައްސަލައަކީ ސިޔާސީ ނުފޫޒުތައް ވެރިވެފައިވާ ޝައިތާނީ ވަސްވާސްތަކުން ފުރިފައިވާ މައްސަލައެއް. މިމައްސަލައިގައި އެމްއެމްއޭއިން ސިޓީ ފޮނުވާފައި އެ އޮތީ ބީސީސީއައި ގެ ބަލަދުވެރިއަކީ އެމީހުން ނޫންކަމަށްބުނެ. ދެން ކޮބާތޯ ބަލަދުވެރިއަކީ؟ މިމައްސަލައިގައި އަޅުގަނޑުގެ މައްޗަށް ހުކުމް ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ." މުސްތަފާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ