އުނގޫފާރު ދާއިރާގެ ބައި އިލެކްޝަނަށް ކުރިމަތިލުމަށް އެމްޑީޕީން ފުރުސަތު ހުޅުވާލައިފި

އެމްޑީޕީގެ ޓިކެޓްގައި ރ. އަތޮޅު އުނގޫފާރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި އިލެކްޝަނަށް ކުރިމަތި ލުމުގެ އެޕާޓީން މިއަދު ހުޅުވާލައިފިއެވެ.
އެމްޑީޕީން ބުނީ އުނގޫފާރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ގޮނޑިއަށް އެޕާޓީގެ ކެނޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް އެފުރުސަތު އެޕާޓީން ހުޅުވާލާފައިވާ ކަމަށާއި އެކަމަށް އެދޭ ފަރާތްތަކުން އެޕްލީކޭޝަން ފޯމާއި ވަނަވަރު ހުށަހެޅުމުގެ ސުންގަޑިއަކީ 2012 އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހުގެ 16:00 ކަމަށެވެ.
އަދި އެގޮނޑިއަށް އެކަކަށްވުރެ ގިނަ ބޭފުޅުން ވާދަކުރައްވަން އެޕްލިކޭޝަން ހުށަހަޅައިފިނަމަ 2012 އޮކްޓޯބަރު 13 ވަނަ ދުވަހު އުނގޫފާރު ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ބޭފުޅުންގެ ޕްރައިމަރީ އޮންނާނެކަމަށްވެސް އެމްޑީޕީން ބުނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދައިރާގެ ގޮނޑި ހުސްވެފައިވަނީ އެދާއިރާގެ ގޮނޑި ފުރުއްވި ޕީޕީއެމްގެ މެމްބަރު ޑރ.އަފްރާސީމް ވަރަށް އަނިޔާވެރި ގޮތަކަށް އަވަހާރަ ކޮށްލުމާއި ގުޅިގެންނެވެ.
އަލްމަރްހޫމް ޑރ.އަފްރާސީމް އަލީ އަވަހާރަކޮށްލި މައްސަލަ ފުލުހުން މިހާރުވެސް ތަހުގީގު ކުރަމުންއެދެެވެ. އަދި ބޭރުގެ ފަރާތެއްގެ އެހީތެރިކަންވެސް މިތަހުގީގަށް ފުލުހުން ބޭނުން ކުރަމުންދެއެވެ.
ރައްޔިތުންގެ މަޖިލީހުން އަންނަ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހު އުނގޫފާރުދާއިރާގެ ބައިއިލެކްޝަން ބާއްވާގޮތަށް ހަމަޖައްސަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ