ގާސިމް: ރައީސެއް ނޫން އެކަމަކު ރައީސުން އިންތިޚާބުކުރުމުގައި

މާ ކުރިން ވެސް ގާސިމް އިބްރާހިމާ މެދު ރާއްޖޭގެ ސިޔާސީ ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތެއް އޮވެ އެވެ؛ އޭނާ އަށް ރައީސްގެ މަގާމު ލިބިވަޑައިގަތުން ވަރަށް އުނދަގޫވާނެ އެވެ. އެކަމަކު ރިޔާސީ އިންތިޚާބު ވަކި ކެންޑިޑޭޓަކަށް ކާމިޔާބުކޮށްދޭން އޭނާ އަށް ވުރެ ބޮޑު ނުފޫޒެއް ނޯންނާނެ އެވެ. ރާއްޖޭގައި 2008 ގައި ބޭއްވި ރިޔާސީ އިންތިޚާބުން އެކަން ކަށަވަރެވެ. އަދި މިދިއަ ހޮނިހިރުދުވަހު އޮތް ރިޔާސީ އިންތިޚާބުން އެ ކަށަވަރުކަން މިހާރު ވަނީ މާ ވަރުގަދަވެފަ އެވެ. "މި ކާމިޔާބީގެ އެންމެ ބޮޑު ސިއްރަކީ ގާސިމް އިބްރާހިމް ގުޅިވަޑައިގަތުން،" ޕީޕީއެމްގެ އަބްދުﷲ ޔާމީން، އިންތިޚާބު ކާމިޔާބުކުރެއްވުމުގެ އުފަލުގައި ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވި އެވެ. "ގާސިމް އިބްރާހިމަކީ ކިންގް މޭކާއެއް،" އެ ބައްދަލުވުމުގައި އުމަރު ނަސީރު ވިދާޅުވި އެވެ. އެއީ ހަގީގަތެވެ. މައުމޫނަށް 2008 ގެ ރިޔާސީ އިންތިޚާބުގައި ހެއްދެވުނު އެންމެ ބޮޑު ގޯހަކީ، އޭރު ޑީއާރުޕީގައި މަސައްކަތްކުރި ބައެއް މީހުން ދުށް ގޮތުގައި، ސަރުކާރުގެ "33 ޕަސެންޓް" ދޭން އެއްބަސްވެ، ގާސިމާ އެކު ކޯލިޝަން ނުހެއްދެވުމެވެ. އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ނަޝީދުގެ ފަހަތްޕުޅަށް ގާސިމް ވަޑައިގަތީ މައުމޫންގެ ކޭމްޕުން ރަނގަޅު ޖަވާބެއް ލިބިވަޑައިނުގަތުމުންނެވެ. މިފަހަރު މައުމޫނާއި ޔާމީން ތިއްބެވީ އިންތިޚާބުގެ އެއްވެސް ކަމެއްގައި، އެއްވެސް ގޯހެއް ވިޔަނުދޭންކަން އެނގެ އެވެ. ފުރަތަމަ ބުރުގެ ވޯޓުގެ މައްސަލަ ސުޕްރީމް ކޯޓަށް ވެއްދުމުން ގާސިމްގެ ފަހަތަށް ޕީޕީއެމުން ވަނުމުގެ އެއް ސަބަބަކީ ވެސް އޭނާގެ މުހިންމުކަން ބޮޑުވުމެވެ. އެހެން ގޮތަކަށް ބުނާ ނަމަ އެންމެ ފަހު ސިކުންތާ ހަމައަށް ވެސް ގާސިމްގެ ފަހަތުން "އާދޭސްކުރަން" ޖެހޭނެކަން ޕީޕީއެމުން ގަބޫލުކުރި އެވެ. މިފަހަރުގެ އިންތިޚާބުގައި މައުމޫނާއި ޔާމީނަށް އެއީ މައްސަލައަކަށް ނުވެ އެވެ. އެއަށް ވުރެ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ނަޝީދު ބަލިކުރުން އުނދަގޫވާނެކަން އެ ދެ ބޭފުޅުންނަށް އެނގިވަޑައިގަނެ އެވެ. ގާސިމަކީ އޮޅުމެއް ނެތް ގޮތުގައި ނުފޫޒު ގަދަ ބޭފުޅެކެވެ. މިފަހަރުގެ އިންތިޚާބަށް އޭނާ ހިންގެވި ދިގު ކެމްޕޭންގެ ސަބަބުން ރާއްޖޭގެ އެކި ހިސާބުތަކުގައި ޖުމްހޫރީ ޕާޓީން ފުދޭވަރެއްގެ ވަރުގަދަ ގުޅުންތަކެއް ގާއިމްކުރި އެވެ. އެކަމަކު ބައެއް މީހުން ދެކޭ ގޮތުގައި ޕީޕީއެމާ ގާސިމް ގުޅިވަޑައިނުގަތަސް އޭނާގެ ގިނަ ސަޕޯޓަރުން ވޯޓު ދޭނީ ނަޝީދާ ދެކޮޅަށެވެ. އެއީ ވެދާނެ ގޮތެކެވެ. އެހެންނަމަވެސް ނަޝީދަށް ބޭނުންވާ ވޯޓުގެ އަދަދު މަދުކަމުން އެ އަދަދަށް ގާސިމްގެ ސަބަބުން ވޯޓު ނުލިބޭނެއޭ ބުނާކަށް ނޭނގެ އެވެ. އެހެންކަމުން މީގައި، ސައިންޓިފިކް އެއްވެސް ދިރާސަކާ ނުލައި، ބުނެވެން އޮތީ، މައުމޫން ވިދާޅުވި ފަދައިން، ޕީޕީއެމަށް އިންތިޚާބު ކާމިޔާބުވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ޔާމީނާ ގުޅިވަޑައިގަތުމަށް ގާސިމް ނިންމެވި ނިންމެވުމެވެ. ޕީޕީއެމްގެ ކޮޅަށް ގާސިމް ވަޑައިގަތުމުން އެމްޑީޕީ އަށް ހެދުނު ގޯސް ކުޑައެއް ނޫނެވެ. އިންތިޚާބުގެ އެހާ ނާޒުކު ދަނޑިވަޅެއްގައި، އެ ބަޔަކު ގެނަޔަސް ވޯޓަށް ކުޑަކޮށް ވެސް ރަނގަޅު އަސަރެއް ނުކުރާނެ ފަދަ ބޭފުޅުންކޮޅެއް ޖުމްހޫރީ ޕާޓީން "ލުހެލައިގެން" އެމްޑީޕީ އަށް ވައްދައި، އެ ބޭފުޅުން ލައްވާ ގާސިމަށް އެއްޗެހި ކިއުއްވުމުން އެމްޑީޕީގެ ކެމްޕޭނަށް ލިބުނު ރަނގަޅެއް ނުފެނުނެވެ. އޭގެ ބަދަލުގައި ކުރިމަތިވީ މައްސަލަ އެވެ. ގާސިމް އަދި މާ ބޮޑަށް އެމްޑީޕީއާ ދެކޮޅަށް ނުކުންނަވައި، އެންމެ ފަހު ވަގުތު އެމްޑީޕީން އޭނާ އަށް ހުށަހެޅި އެއްބަސްވުން ހާމަކުރެއްވީ އެވެ. އޭނާ އަށް އެމްޑީޕީން "އަށް މިލިއަން ޑޮލަރު" ދޭން ބުނުން ފަދަ ވާހަކަތަކުން ނަޝީދުގެ ކެމްޕޭނަށް ނުބައި އަސަރެއް ކުރުން ނޫން އެހެން ނަތީޖާއެއް ނުނިކުތެވެ. ޖުމްހޫރީ ޕާޓީގައި ކުރިން އުޅުއްވި ޑރ. މުހައްމަދު ޝަމްހީދާއި މޫސާ ރަމީޒު ފަދަ ބޭފުޅުން ލައްވާ ގާސިމާ ދެކޮޅު ވާހަކަތަކެއް ދެއްކުވިޔަސް އެއީ ރާއްޖޭގެ ސިޔާސީ ދާއިރާގައި ކުޑަ ވެސް ނުފޫޒެއް ހުރި ބޭފުޅުންނެއް ނޫނެވެ. ހަމައެކަނި އެމްޑީޕީ އަށް ލިބުނީ އެ ބޭފުޅުންނާ އެކު ޕްރެސް ކޮންފަރެންސެއް ބާއްވައި، ކެމްޕޭން ފަހު ޖަލްސާގައި ވާހަކަ ދެއްކެވުމުގެ ފުރުސަތެވެ. އޭގެ ސަބަބުން އެމްޑީޕީ އަށް އިތުރުވާނެ ވޯޓަށް ވުރެ ކޯފާއިސްވެފައި ގާސިމް ދެއްކެވި ވާހަކަތަކުން މަދުވާނެ ވޯޓު މާ ގިނަވާނެ އެވެ. އެހެންކަމުން އެމްޑީޕީ އަށް މިފަހަރު ހެދިފައި އޮތީ، ކެމްޕޭންގެ މުހިންމު ދަނޑިވަޅުގައި، އޭގެ ކުރިން އެ ޕާޓީ އަށް ހެދިފައި ނެތް ވަރުގެ ގޯހެކެވެ. އިންތިޚާބުގެ ދެ ވަނަ ބުރެއްގައި ހުރިހާ ގޮތަކުން ވެސް މުހިންމީ ގާސިމެވެ. އޭނާގެ ނުފޫޒު އެހާ ވަރުގަދަ އިރު އެންމެ ރަނގަޅު ގޮތަކީ، ސިޔާސީ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި، ގާސިމާ ދިމާއަށް ހަރުކަށި ބަސް ބޭނުންނުކޮށް ދޫކޮށްލުމެވެ. ޕީޕީއެމުން ގެންގުޅުނީ އެ ސިޔާސަތެވެ. ގާސިމަށް ފާޑުކިއުމުގެ އެއްވެސް ކަމެއް ނުކޮށް ހަމަ މަޑުކުރީ އެވެ. އެމްޑީޕީއާ ގުޅިވަޑައިގެންފާނެކަމުގެ ނިޝަންތަކެއް ފެނުނު އިރު ވެސް ކެތްތެރިކަމާ އެކު ތިބީ އެވެ. މިހާރު މި އޮތީ ގާސިމްގެ ސަބަބުން ދެ ވަނަ އިންތިޚާބު ކާމިޔާބުވެފަ އެވެ. ހަމައެހެން އޭނާގެ އާންމު އުސޫލުން މިފަހަރު ވެސް ޖަޒުބާތުތައް ވަނީ އޮއްސާލައްވާފަ އެވެ. "އަޅުގަނޑު މަނިކުފާނު ދޫކޮށް ދާކަށް ނެތިން،" ޔާމީންގެ ކާމިޔާބު ފާހަގަކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔާމީނަށް އިޝާރަތްކުރައްވާ ގާސިމް ވިދާޅުވި އެވެ. "އަޅުގަނޑު މަސައްކަތްކުރީ މި އުއްމަތް ސަލާމަތްކުރުމަށްޓަކައި، އިސްލާމީ އުސޫލުތައް ދެމެހެއްޓުމަށްޓަކައި، އިގުތިސާދު ވަރުގަދަކުރުމަށްޓަކައި. އެކަމުގައި އަޅުގަނޑުގެ ލަޔާގަތާއި ގާބިލިއްޔަތު ތަންދިން އެންމެ މައްޗަކަށް އަދި އަޅުގަނޑުގެ މިލްކިއްޔާތު މި ދީނާއި މި ގައުމަށްޓަކައި ދޭނަން." ކުރިން ކަން ހިނގާފައިވާ ގޮތަށް ބަލާ އިރު ކާމިޔާބީގެ އުފަލުގައި ދައްކަވާ މިފަދަ ވާހަކަތައް ފަހުން ވަރަށް ބޮޑަށް ބަދަލުވެ އެވެ. ޚާއްސަކޮށް ގާސިމް ހިމަނައިގެން ސަރުކާރެއް ހިންގަން ފަސޭހަ ނުވާނެ ކަމަށް ސިޔާސީ ބައެއް ބޭފުޅުން ވިދާޅުވާ ވިދާޅުވުމަށް ބަލާއިރު، ރައީސް ޔާމީނަށް ވެސް ގޮންޖެހުންތަކެއް ހުންނާނެ އެވެ. އެކަމަކު އަނެއްކޮޅުން ރައީސް ނަޝީދުގެ ސަރުކާރުގައި ގާސިމާ މެދު ކަން ކުރި ގޮތް ޕީޕީއެމްގެ ސަރުކާރުގައި ތަކުރާރުވާކަށް ނުވެސް ޖެހެ އެވެ. މިހާރު އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި ގާސިމް ވަރުގަދައަށް ހުންނެވި ތަނެވެ. ރާއްޖޭގެ ރައީސްކަން އޭނާ އަށް ލިބިވަޑައިނުގަތަސް، ރިޔާސީ އިންތިޚާބުގެ ނަތީޖާ ބަދަލުކޮށްލަން ގާސިމަށް ވުރެ ވަކި ނުފޫޒު ގަދަ ބޭފުޅަކު ނެތްކަމެވެ. ރައީސް ނަޝީދަށް ވެސް ސަރުކާރު އުފެއްދެވުނީ އޭނާގެ ހިއްސާ އޮވެގެންނެވެ. އިއްޔެ ރައީސް ޔާމީން ރާއްޖޭގެ ވެރިކަމާ އެ ހަވާލުވެވަޑައިގަތީ ވެސް ހަމަ ގާސިމްގެ އެ ހިއްސާއާ އެކުގަ އެވެ. ދެން ވާނެ ގޮތް ބަލަން ތިބެމާ ހެއްޔެވެ؟ ސިޔާސީ ވެރިންގެ ވިސްނުން ތަފާތެވެ. ސަރުކާރު ހިންގާ ގޮތް ވެސް ތަފާތެވެ. އަދި ދިމާވާ މައްސަލަތައް ހައްލުކުރަން ގެންގުޅުއްވާ އުސޫލުތައް ވެސް ތަފާތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ