އިއްޔެއިން ފެށިގެން ގައްދޫން ކަރަންޓު ކެނޑިފައި

އިއްޔެއިން ފެށިގެން ގދ އަތޮޅު ގައްދޫން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށް އެރަށުގެ ކައުންސިލުން ބުނެފި އެވެ.
ކަރަންޓު ނެތުމުގެ ސަބަބުން ގާތްގަނޑަކަށް 2900 މީހުންގެ އާބާދީއެއް އޮންނަ އެ ރަށުގައިދޭ ގިނަ ހިދުމަތްތަކަކަށް ވަނީ ބުރޫއަރާފަ އެވެ.
ގައްދޫގެ ކައުންސިލްގެ ރައީސް މުހައްމަދު ރިޒާން ވިދާޅުވީ އިއްޔެގެ ހެނދުނުގެ ވަގުތެއްގައި އެ ރަށުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ އިންޖީނުގޭގައި ބޭނުންކުރާ ދެ އިންޖީނުގެ ހަލާކުވެގެން ކަމަށެވެ. އޭގެ ތެރެއިން އެއް އިންޖީނު މީގެ މަހެއްހާ ދުވަސްކުރިންސުރެ ހަލާކުވެފައިވާ ކަމަށާ ދެ ވަނަ އިންޖީނު ހަލާކުވެ މުޅި ރަށުން ކަރަންޓް ކެނޑުނީ އިއްޔެ ކަމަށެވެ.
ބޭނުން ކުރަމުންދަނިކޮށް ގައްދޫން ހަލާކުވީ 250 ކިލޯގެ އިންޖީނަކާއި 300 ކިލޯގެ އިންޖީނެކެވެ.
"ކުރިން ހަލާކުވެފަހުރި އިންޖީނު މަރާމާތު ކުރަން މިހާރު ވަނީ މާލެ ގެންގޮސްފައި،" ރިޒާން ވިދާޅުވި އެވެ. "އިންޖީނުގެތައް ބަލަހައްޓަމުންދާ ފެނަކަ ކޯޕޮރޭޝަނުން އިންޖީނު މަރާމާތު ކުރުމަށް ބޭނުންވާ ތަކެއްޗާއި މީހުން މިހާރު ވަނީ ފޮނުވާފައި. އެކަމަކު ކަރަންޓް ލިބޭނެ އަދި ނޭނގޭ،"
ރިޒާން ވިދާޅުވީ އެ ރަށުގައި ކަރަންޓްގެ މައްސަލައަކީ އާންމުކޮށް ދިމާވާ މައްސައެއް ކަމަށާ އޭގެ ސަބަބުން ގިނަ ދަތިތަކަކާއި އެ ރަށުގެ އާންމުން ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
"ފަހަކަށް އައިސް އިންޖީނުގޭގެ މައްސަލަ ކުރިމަތިވޭ ވަރަށް ގިނައިން، މިކަމުގެ ސަބަބުން ކަރަންޓުން ބޭނުންކުރާ ގޭގޭގަ ގެންގުޅޭ ސާމާނުތައް ހަލާކުވޭ. މިވެސް ކަންބޮޑުވުމެއް އަނެއްކޮޅުން ސްކޫލުގަ ކިޔަވާ ކުދިންނަށްވެސް އުނދަގޫތައް ކުރިމަތިވޭ،" ރިޒާން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ