75 ޕަސެންޓް ވިޔަފާރިވެރިން މާޗް މަހުގެ ކަރަންޓް ބިލް ދައްކައިފި: ފެނަކަ

ވިޔަފާރިކުރާ ތަންތަނުގެ ކަރަންޓް ބިލަށް މިދިޔަ މާާޗް މަހުން ފެށިގެން ގެނައި ބަދަލާ މެދު ގިނަ ވިޔަފާރިވެެރިންތަކެއް ކަންބޮޑުވުން ފާޅުކޮށްފައި ވިޔަސް 75 ޕަސެންޓް ވިޔަފާރިވެރިން މިހާރު ކަރަންޓް ބިލް ދައްކައިފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ރޭ ބުނެފި އެވެ. ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ފެނަކަގެ މެނޭޖަރު އަހުމަދު ނަޖާހް ވިދާޅުވީ ވިޔަފާރިތަކުގެ ކަރަންޓް ބިލަށް ގެނައި ބަދަލާ ގުޅިގެން ގިނަ ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކެއް މިހާރަކު ނެތް ކަމަށެވެ. އެހެންވެ ވިޔަފާރިވެރިންގެ ތެެރެއިން 25 ޕަސެންޓް ފިޔަވައި އެހެން ވިޔަފާރިވެރިން މާޗް މަހުގެ ބިލް މިހާރު ދައްކާފައިވާ ކަމަަަށް އޭނާ ވިދާޅުވި އެވެ. ނަޖާހް ވިދާޅުވީ ވިޔަފާރިވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، ކަރަންޓްގެ އަގަށް ގެނައި ބަދަލު ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި އެންގުމާއި ބިލް ދައްކަން އޮތް މުއްދަތު ކުރުވުން ކަމަށެވެ. އެހެން ނަމަވެސް މާޗް މަހުގެ ކަރަންޓް ބިލް، މި މަހުގެ ނިޔަލަށް ދައްކަން މަޑު ކުރިޔަސް ޖުރިމަނާއެއް ނުކުރާނެ ކަމަށާއި މި މަސް ނިމުމުން ކަރަންޓް ކަނޑާ ވެސް ނުލާނެ ކަމަަށް އޭނާ ވިދާޅުވި އެވެ. މިކަން ފެނަަކައިން މި މަހުގެ ނުވަ ވަނަ ދުވަހު ވަނީ އާންމުކޮށް އިއުލާން ވެސް ކޮށްފަ އެވެ. އެކަމަކު މި މަހުގެ ބިލް ދައްކަން އަންނަ މަހު ދޭ މުއްދަތުގައި ބިލް ނުދައްކައިފި ނަމަ، ޖުރިމަނާ ކޮށް، އެހެން ތަންތަނުން ވެސް ކަރަންޓް ކަނޑާލާ އުސޫލެކޭ އެއްގޮތަށް އަމަލު ކުރާނެ ކަމަށް ފެނަކައިން ބުންޏެވެ. އެ ކުންފުނިން ރޭ ވެސް ތަކުރާރުކޮށް ބުނީ ވިޔަފާރިކުރާ ތަންތަނުގެ ކަރަންޓް ބިލް ބޮޑުވީ ސަރުކާރުން ވިޔަފާރިތަކަށް ދެމުން ގެންދިޔަ ސަބްސިޑީ ކަނޑާލައި، ހަމަ އަގުގައި ބިލް ހަދަން ފެށުމުން ކަމަށެވެ. އަދި ސަބްސިޑީ ކަނޑާލުމަކީ ފެނަކައިން ކުރި ކަމެއް ނޫން ކަމަށާއި އެކަމާ އެ ކުންފުނިން ކޮށްދޭނެ އެއްވެސް ކަމެއް ނެތް ކަމަށް ބުންޏެވެ. "އެނާޖީ އޮތޯރިޓީން 2009 ގައި ފާސްކުރި ޓެރިފަށް އަޅުގަނޑުމެން މިހާރު ބިލް ހަދަމުން މި އަންނަނީ. މިހާރު މި އައި ބަދަލަކީ ހަމަ އަގުގައި ބިލް ހަދަން ފެށުން،" ނަޖާހް ވިދާވި އެވެ. އެހެން ނަމަވެސް އައްޑު އާއި ފުވައްމުލަކުގެ ވިޔަފާރިވެރިން ބުނެފައި ވަނީ އެ މީހުންނަށް ދުވަހަކު ވެސް ކަރަންޓް ސަބްސިޑީއެއް ނުދޭ ކަމަށެވެ. އަދި ފެނަކައިން ކަރަންޓްގެ އަގު ބޮޑުކުރީ ކަމަށް އެންމެ ދެކުނުގެ ދެ އަތޮޅުގެ ވިޔަފާވެރިން ބުންޏެވެ. އެހެންވެ ބިލް ނުދައްކައި، ކުރިން ހުރި އަގަށް ކަރަންޓް ބިލް ގެންނަންދެން ހަޅުތާލު ކުރާނެ ކަމަށް އައްޑޫގެ ވިޔަފާވެރިން ބުނެފައިވެ އެވެ. އެ ވިޔަފާވެރިން ބުނެފައި ވަނީ ސަބްސިޑީ ކަނޑާލުމުން، ބިލް ބޮޑުވީ ކަމަށް ފެނަކައިން ބުނަނީ ހަގީގަތް އޮޅުވާލަން ކަމަށެވެ. ނަޖާހް ވިދާޅުވި ގޮތުގައި ފެނަކައިން ރާއްޖޭގެ 16 އަތޮޅެއްގެ 151 ރަށަކަށް ކަރަންޓްގެ ހިދުމަތް ދެމުން އަންނަ އިރު މީގެ ކުރިން އެންމެ ދަށްކޮށް ޓެރިފް ކަނޑައަޅާފައި އޮތީ ވެސް އައްޑު އާއި ފުވައްމުލަކަށެވެ. އެއީ އެ ސަރަހައްދުގެ ޑިމާންޑަށް ބަލައި ނިންމާފައި އޮތް ނިންމުމެއް ކަމަށް ގަބޫލު ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. ފެނަކަ ކޯޕަރޭޝަނުން މި ވަގުތު ހިންގަމުން މި ގެންދަނީ ކުރިން ހަތް ޔުޓިލިޓީއެއް ގޮތަށް ހިންގަމުން ދިޔަ ޔުޓިލީގެ ތެރެއިން ހަ ޔުލިޓީއެއް. އޭރު ކޮންމެ ޔުޓިލިޓީއެއް ވަކިން ހުރީ ބޭންޑްތަކަަކަށްވާ ގޮތަށް ރޭޓްތައް ފާސްކޮށްފައި. އޭގައި އެބަހުރި ތަފާތުތަކެއް. އަޅުގަނޑުމެން މި ހަވާލުވި ހަ ޔުޓިލިޓީ އަށް ބަލާ އިރު އައްޑު އާއި ފުވައްމުލައް މި ދެ އަތޮޅު ފިޔަވައި އަނެއްް ފަސް ޔުޓިލިޓީ އަށް ބަލާ އިރު އެ ޔުޓިލީޓްތަކުން ކަރަންޓްދޭ ހުރިހާ ރަށެއްގެ ވިޔަފާވެރިންނަށް ރޭޓްތައް ހުރީ އެއް އަގެެއްގައި. އެކަމަކު އައްޑޫ ފުވައްމުލަކުގެ ރޭޓްތަކުގައި އެބަހުރި ތަފާތުތަކެއް. ތަންކޮޅެއް ކުޑަ އެބޭފުޅުންގެ ރޭޓްތައް.--ނަޖާހް ނަޖާހް ވިދާޅުވީ އައްޑު އާއި ފުވައްމުލަކުުގެ ރޭޓްތައް ދަށްކޮށް ހުރީ ކަރަންޓަަށް ބޮޑު ޑިމާންޑެއް އޮތުމުން ކަމަށެވެ. އެގޮތުން އައްޑު އާއި ފުވައްމުލަކުގެ ރޭޓްތައް 3.25ރ. އަށް ހުރިއިރު އެހެން އަތޮޅުތަކުގެ ރޭޓްތައް އުޅެނީ 4.25ރ. ކަމަށް ފެނަކައިން ބުންޏެވެ. "އެ ޑިމާންޑަށް ބަލާފައި [އަގުތައް] ފާސް ކުރީ. އެކަމަކު [އައްޑޫ ފުވައްމުލައް ފިޔަވައި] އަނެއް ނުވަ އަތޮޅު މިއޮތީ އެއްގޮތަކަށް. އަނެެއް ދެ އަތޮޅު މިއޮތީ ތަފާތުކޮށް،" ނަޖާހް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ފެނަކައިން ހިންގާ އިންޖީނުގެތަކުގެ ތެރެއިން އައްޑޫ ފުވައްމުލައް ފިޔަވައި އެެހެން ތަންތަން ހިންގަނީ ވެސް ގެއްލުމާއެކު ކަމަށެވެ. "...ޑިމާންޑް ކުޑަ ބައެއް ރަށްރަށަކީ ހަމަ ހަގީގަތުގައި ވެސް ގެއްލުމާއެކު ހިދުމަތް ދޭ ތަންތަން. އެކަަމަކު އައްޑޫ ފުވައްމުލައް ތަންތަނަކީ ހަމަ ގާތްގަނޑަކަށް ހަމަ ލިބޭ އެއްޗަކަށް ބަލާއިރު ރަނގަޅު އެއްޗެއް ލިބޭ ތަންތަން،" ނަޖާހް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ