ކައިވެނި ރަޖިސްޓްރީކުރަން ނުޖެހޭ ކަމަށް ބުނެ ފަތުވާ ދޭ ބަޔަކު އުޅޭ: ފެމިލީ ކޯޓުގެ އިސް ގާޒީ
ކޯޓުގައި ކައިވެނި ރަޖިސްޓްރީކުރަން ނުޖެހޭ ކަމަށް ބުނެ ފަތުވާ ދޭ ބަޔަކު އުޅޭ ކަމަށާއި އެއީ ދިމާވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ފެމިލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދު މިރޭ ވިދާޅުވެއްޖެ އެވެ. ގާނޫނާ ޚިލާފަށް ކުރާ ކައިވެންޏާ ބެހޭގޮތުން މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ފޯރަމްގައި ވާހަކަ ދައްކަވަމުން އިސް ގާޒީ ވިދާޅުވީ ކޯޓުގައި ކައިވެނި ރަޖިސްޓްރީ ކުރުމަކީ ދީނުގައި އޮންނަ ކަމެއް ނޫން ކަމަށާއި އެކަން ކުރަން ނުޖެހޭނެ ކަމަށް ބުނެ ފަތުވާ ދޭ ބަޔަކު އުޅޭ ކަމަށެވެ. އަދި އެގޮތަށް ފަތުވާ ދިނުމުގެ ސަބަބުން ގިނަ މައްސަލަތަކެއް ނިކުންނަ ކަމަށާއި އެކަން ހައްލު ކުރުމަށްޓަކައި ރަސްމީ ފަތުވާ ދޭނެ ފަރާތެއް ރާއްޖޭގައި ކަނޑައަޅަންޖެހޭ ކަމަށް އިސް ގާޒީ ހަސަން ވިދާޅުވި އެވެ. "ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށްވާއިރު ރަސްމީ ގޮތުން ފަތުވާ ދޭނެ ބަޔަކު ގާނޫނުގައި ކަނޑައެޅިފައި އޮތުމަކީ ގާނޫނަށް އަމަލުކުރަން ބާރު އެޅޭނެ ކަމެއް،" އިސް ގާޒީ ހަސަން ސައީދު ވިދާޅުވި އެވެ. ގާޒީ ހަސަން ވިދާޅުވީ ކައިވެނި ރަޖިސްޓްރީ ކުރުމަކީ ރާއްޖޭގައި އެކަނި ކުރާ ކަމެއް ނޫން ކަމަށާއި އެކަން ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ކުރީއްސުރެ ކުރަމުން އަންނަ ކަމަށެވެ. އަދި އެކަންކަމާ ބެހޭގޮތުން އިލްމުވެރިން ވާހަކަ ދައްކަންޖެހޭ ކަމަށް ވެސް އިސް ގާޒީ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ގާނޫނާ ޚިލާފަށް ކައިވެނިކޮށް، ރަޖިސްޓްރީ ނުކޮށް ތިބުމުގެ ސަބަބުން ގިނަ މައްސަލަތަކެއް ނިކުންނަ ކަމަށެވެ. އެގޮތުން އެގޮތަށް ކުރާ ކައިވެނިތަކުން ލިބޭ ދަރިންގެ ނަސަބު އޮޅި، އެ ކުދިން ތައުލީމުން މަހްރޫމުވުމުގެ އިތުރުން ގޯތި ގެދޮރާއި ތަރިކައިން ލިބެންޖެހޭ ހައްގު ނުލިބޭ ކަމަށް ވިދާޅުވި އެވެ. އަދި އަންހެން މީހާ ވަރިވުމަށް އެދި ކޯޓަށް ދާން ބޭނުންވެގެން ނުވަތަ ފިރިމީހާ ޚަރަދު ނުކޮށްގެން ކޯޓަށް ދާން ބޭނުންވި ނަމަވެސް އެ ދެ މީހުން ކައިވެނި ކުރިކަން ލިޔެކިޔުމުން އެނގެން ނެތުމުން އެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ ފުރުސަތު ގެއްލިގެންދާ ކަމަށް ވެސް އިސް ގާޒީ ވިދާޅުވި އެވެ. "އެއީ ދީނީ ގޮތުން ކުރަންޖެހޭ ކަމެއް ނޫނޭ ބުނެވޭނެ ޝަރުއީ އަދި ގާނޫނީ ހަމައެއް އެބައޮތްތޯ؟. ތަނަކުން ދެ ހެކިވެރިއަކު ގެނެސް، ކޮޓަރިއެއްގައި ފިލައިގެން ތިބެ އެ މީހުންނަށް ސައި ދީ، ކައިވެނިކޮށް ދިނުމުން އޯކޭވާނެ އޭ ބުނެވޭކަށް ނޯންނާނެ،" އިސް ގާޒީ ވިދާޅުވި އެވެ. ގާނޫނާ ޚިލާފަށް ކުރާ ކައިވެނިތައް ރަޖިސްޓްރީކޮށް ނުދޭނެ ކަމަށް ފެމިލީ ކޯޓުން ކުރިން ބުނެފައިވާއިރު ގާނޫނާ ޚިލާފަށް ކުރިން ކޮށްފައިވާ ކައިވެނިތައް ރަޖިސްޓްރީ ކުރުމަށް ވަކި މުއްދަތެއް ދީފައިވޭތޯ އެ ފޯރަމްގައި ބައިވެރިވި މީހަކު އިސް ގާޒީއާ ސުވާލު ކުރެއްވި އެވެ. ޖަވާބުގައި އިސް ގާޒީ ވިދާޅުވީ އެކަމަށް ވަކި މުއްދަތެއް ދީފި ނަމަ އެކަން ކުރުން އިތުރުވާނެ ކަމަށާއި ނަމަވެސް އަމާޒަކީ އެކަން އެއްކޮށް ހުއްޓުވުން ކަމަށެވެ. "އަޅުގަނޑުމެން ވަކި މުއްދަތެއް ދީފިއްޔާމު އެކަން ކުރާ ހުރިހާ މީހުން ކައިވެނި ކޮށްލައިގެން އައިސްފިއްޔާ އެއީ އަނެއްކާ އަނެއް ކަންތައް. އެހެންވީމާ އަޅުގަނޑުމެން ބޭނުންވަނީ އެކަން ހުއްޓުވަން. އެއީ ކޮށްގެން ވާނެ ކަމެއް ނޫން. އެއީ މަނާ ކަމެއް،" އިސް ގާޒީ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ