މި ޕާޓީ އުފެއްދީ އަޅުގަނޑާއި އުމަރު ނަސީރު އެކަންޏެއް ނޫން: މައުމޫން

ރާއްޖޭގައި ދެ ވަނަ އަށް އެންމެ ބޮޑު ސިޔާސީ ޕާޓީ، ޕީޕީއެމް އުފެއްދީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުމަރު ނަސީރު އެކަނި ނޫން ކަމަށް މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ. މައުމޫން މިހެން ވިދާޅުވީ ޕީޕީއެމްއެމް އުފެއްދީ "އަޅުގަނޑާއި ރައީސް މައުމޫން" ކަމަށް އެ ޕާޓީގެ ރިއާސީ ޕްރައިމަރީގައި ނާކާމިޔާބުވި އުމަރު ނަސީރު ރޭ ވިދާޅުވެފައި ވަނިކޮށެވެ. ނ. ހޮޅުދޫ ހަތަރު ކައުންސިލަރަކު ޕީޕީއެމަށް ސޮއިކުރެއްވުމަށް އެ ޕާޓީ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި "ހަވީރު"ން ދެންނެވި ސުވާލަކާ ގުޅިގެން މައުމޫން ވިދާޅުވީ އެ ޕާޓީ އުފައްދާފައިވަނީ އެ މަނިކުފާނާއި އުމަރު ނަސީރު އެކަނި މަސައްކަތްކޮށްގެން ނޫން ކަމަށެވެ. އެ ޕާޓީ އުފެއްދުމުގައި ޕާޓީގެ އިސް ސަފުގައި މިހާރު ހިމެނިވަޑައިގަންނަވާ ގިނަ ބަޔަކު ބައިވެރިވިވަޑައިގެން މަސައްކަތްކޮށްދެއްވާފައިވާ ކަމަށް މައުމޫން ވިދާޅުވި އެވެ. "މިއީ [ޕީޕީއެމް އުފެއްދުމަކީ] ވަރަށް ގިނަ ބައެއްގެ މަސައްކަތް. އެހެންވީމާ އެއީކީ އަޅުގަނޑު އަމިއްލަ އަށް އޭގެ ތައުރީފް ނުވަތަ ކްރެޑިޓް ނަގާނެ މަސައްކަތެއް ނޫން. އަދި އެހެން ބޭފުޅަކު ވެސް ހިއެއްނުވޭ ނަންގަވަން ޖެހޭނެހެނެއް،" އުމަރު ނަސީރަށް އިޝާރާތްކުރައްވައި މައުމޫން ވިދާޅުވި އެވެ. އުމަރު ނަސީރު ޕާޓީން ވަކިކޮށްފި ނަމަ އޭނާ ވިދާޅުވެފައިވާ ގޮތަށް ޕާޓީ ފުނޑުފުނޑުވެދާނެ ކަމަށް ގަބޫލުފުޅުކުރައްވަންތޯ ދެންނެވުމުން މައުމޫން ވިދާޅުވީ އުމަރުގެ މައްސަލަ ސުލޫކު ކޮމެޓީން ބަލާތީ އޭނާއާ ގުޅޭ ގޮތުން މި ވަގުތު އެއްޗެއް ވިދާޅުވުމަކީ ހަމަޖެހޭ ކަމަކަށް ނުވާނެ ކަމަށެވެ. މައުމޫން ވިދާޅުވީ ޕީޕީއެމަކީ ވަރަށް ޑިމޮކްރެޓިކްކޮށް ހިންގާ ޕާޓީއެއް ކަމަށާއި ޕާޓީގައި އުޅޭނަމަ އެ ޕާޓީގެ ގަވާއިދާ އެއްގޮތަށް އަމަލުކުރަން ޖެހޭނެ ކަމަށެވެ. ޕާޓީގައި މިހާރު ތިބި މެމްބަރުންގެ ތެރެއިން އެއްވެސް މެމްބަރަކު ޕާޓީން ވަކިވާން ބޭނުންވެއްޖެ ނަމަ އެއީ އެ މީހެއްގެ ހައްގެއް އަދި އިހްތިޔާރެއް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. "އެހެން ނަމަވެސް މި ޕާޓީގައި ތިއްބަވާ ކަމަށްވަންޏާ ޕާޓީގެ އަސާސީ ގަވާއިދަށް ހުރުމަތްތެރިކޮށް ހިއްތަވަންޖެހޭނެ. ޕާޓީގައި އޮންނާނީ އެއް ޒައާމަތު، ޕާޓީގައި ނޯންނާނެ ތަފާތު ޒައާމަތުތަކެއް. ޕާޓީގައި ހުންނާނީ އެއް ލީޑަރު، ނުހުންނާނެ ތަފާތު ލީޑަރުންނެއް،" މައުމޫން ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި ރިއާސީ ޕްރައިމަރީގައި ދެ ކެންޑިޑޭޓުން ވާދަކުރައްވައި އެއް ކެންޑިޑޭޓަކު އިންތިހާބު ކާމިޔާބުކުރެއްވުމުން ޑިމޮކްރެޓިކް ހަމައަކީ އަޣުލަބިއްޔަތަށް ތަބާވުމެވެ. އަދި އެއީ އެކަން ކުރުމަށް ޕާޓީން ނިންމާފައިވާ ގޮތް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. އުމަރު ޕާޓީން ވަކިކޮށްފި ނަމަ އެ ޕާޓީ އަށް ބިންހެލުމެއް އަންނާނެ ކަމަށް އޭނާ ވިދާޅުވެފައިވީ ނަމަވެސް މައުމޫން ވިދާޅުވީ އެ ޕާޓީ ބައިބައިވެ ހީނަރުވެގެން ނުދާނެ ކަމަށާއި ރިޔާސީ އިންތިހާބާ ހަމައަށް އެ ޕާޓީ އޮންނާނީ ވަރަށް ވަރުގަދަ އެއްބައިވަންތަ ޕާޓީއެއްގެ ގޮތުގައި ކަމަށެވެ. ހޮޅުދޫ ހަތަރު ކައުންސިލަރުން މިއަދު ޕާޓީ އަށް ސޮއިކުރެއްވި ރަސްމިއްޔާތުގައި މައުމޫންގެ އިތުރުން އެ ޕާޓީގެ ރިއާސީ ކެންޑިޑޭޓު، މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަތެވެ. ކުރިން ޑީއާރުޕީގައި ތިއްބެވި އެ ކައުންސިލަރުން ޕީޕީއެމާ ގުޅިވަޑައިގަތުމުން ކައުންސިލްގެ ފުރިހަމަ އަޣުލަބިއްޔަތު މިހާރު އޮތީ ޕީޕީއެމަށެވެ. އެ ކައުންސިލްގެ ރައީސަކީ ވެސް ޕީޕީއެމްގެ މެމްބަރެކެވެ. ކައުންސިލްގެ ރައީސް އަބްދުލް އަޒީޒް އިބްރާހީމް ވިދާޅުވީ އެ ކައުންސިލްގެ ހުރިހާ ކައުންސިލަރުން ޕީޕީއެމާ ގުޅިވަޑައިގަތީ ގައުމަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރެވޭނެ ޕާޓީއަކީ ޕީޕީއެމް ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ. މައުމޫން ވިދާޅުވީ ހޮޅުދޫ ހަތަރު ކައުންސިލަރަކު އެ ޕާޓީ އަށް ގުޅިވަޑައިގަތުމުން އެ ރަށުގައި ޕީޕީއެމަށް އޮތް ތާއީދު ހާމަވާ ކަމަށެވެ. އަދި ކައުންސިލަރުން ގުޅިވަޑައިގަތުމަކީ ޕާޓީ އަށް ލިބުނު ކުރިއެރުމެއް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ޕީޕީއެމަކީ ވަކި މީހެއްގެ ނުވަތަ ވަކި ބައެއްގެ މަސްލަހަތު ކުރިއަށް ނެރުމަށް އުފެދިފައިވާ ޕާޓީއެއް ނޫނެވެ. އެ ޕާޓީ އަކީ ގައުމާއި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށް އުފެދިފައިވާ ޕާޓީއެއް ކަމަށް މައުމޫން ވިދާޅުވި އެވެ. އަދި ސަރުކާރުގައި ތިއްބަސް އަދި ސަރުކާރުގައި ނުހިމެނުނަސް އަބަދުވެސް މަސައްކަތް ކުރާނީ "އެންމެ ފުރަތަމަ ގައުމު" އެ މޮޓޯގެ ދަށުން ކަމަށް މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ