ޕްރީ ސްކޫލް ތަރައްގީކުރަން އެހީ އަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

މާލެ އާއި އަތޮޅުތަކުގައި ހިންގާ ޕްރީ ސްކޫލްތައް ތަރައްގީކުރަން ތައުލީމީ ފަންޑުން އެހީ އަށް އެދުމުގެ ފުރުސަތު އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފި އެވެ. ޕްރީ ސްކޫލްތައް ޒަމާނާ އެއްގޮތަށް ތަރައްގީކުރަން އެހީތެރިވެދީ، ކުރިއެރުވުމަށް ހިލޭ އެހީގެ ގޮތުގައި މި އަހަރު ދޫކުރަން ހަމަޖައްސާފައި ވަނީ އެއް މިލިއަން ރުފިޔާ އެވެ. މި އެހީ އަށް އެދޭ ފޯމު ފުރިހަމަކުރުމަށް ފަހު މި މަހުގެ 20 ގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީ އަށް ހުށަހަޅަން ޖެހެ އެވެ. އެ މިނިސްޓްރީން ބުނީ ތައުލީމީ ފަންޑުން ހިލޭ އެހީ ދޫކުރާނީ ޕްރީ ސްކޫލްތައް އަލަށް އިމާރާތްކުރުމަށާއި މަރާމާތުކުރަން ނުވަތަ ބޭނުންވާ ފަރުނީޗަރާއި ކިޔަވައިދިނުން ތަރައްގީކުރަން ކަމަށެވެ. އެހީ ދޫކުރާ ގޮތަށް ހަމަޖައްސާފައި ވަނީ ސްކޫލްތަކުން ހުށަހަޅާ ޕްރޮޖެކްޓްތަކަށް ބަލައިގެންނެވެ. މި ޕްރޮގްރާމްގެ ދަށުން އެންމެ ގިނަވެގެން ދޫކުރާނީ 200،000ރ. ގެ އެހީ ކަމަށް ވެސް އެޑިއުކޭޝަނުން ބުންޏެވެ. އެހީ ދޫކުރާއިރު އެ ސްކޫލަކީ މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން މެދުނުކެނޑި ހިންގާތާ ދެ އަހަރުވެފައިވާ ސްކޫލެއްތޯ އާއި ސްކޫލަށް ލިބޭ އާމްދަނީން، އެހީ އަށް އެދުނު މަޝްރޫއު ކުރިއަށް ނުގެންދެވޭ ސްކޫލެއްތޯ ވެސް ބަލާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ. މާލެ އާއިި އަތޮޅުުތަކުގައި ގިނަ އަދަދެއްގެ ޕްރީ ސްކޫލްތައް މިހާރު ހިންގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ