ދަށު ކޯޓުން ދޫކޮށްލި "ފަންޑިތަވެރިޔާ" އަލުން ބަންދުކޮށްފި

ފަންޑިތަ ހެދުމުގެ ނަމުގައި ފިހާރައެއްގެ ތެރޭގައި ދެ މީހަކު ލައްވައި ބަދު އަޚުލާގީ އަމަލު ހިންގުވި ކަމަށް ބެލެވޭ އިސް މީހާ ދަށު ކޯޓުން ދޫކޮށްލާފައި ވަނިކޮށް އޭނާ އަލުން ބަންދުކޮށްފި އެވެ. އަހުމަދު ކަލޯ ނަމަކަށް ކިޔާ އެ މީހާ މިދިޔަ ޑިސެމްބަރު މަހު ހައްޔަރުކުރި ގޮތަށް ގިނަ ދުވަސްތަކެއް ވަންދެން ބަންދުގައި ބެހެއްޓުމަށް ފަހު ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލީ މިދިޔަ މަހު ކުރީކޮޅު އެވެ. އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން ވެސް ވަނީ ދަށު ކޯޓުގެ ނިންމުން ރަނގަޅު ކަމަށް ހުކުމްކޮށްފަ އެވެ. އޭގެ ފަހުން އަހުމަދު ކަލޯ މިހާރު ހައްޔަރުކޮށްފައިވާ ކަން ފުލުހުން ކަށަވަރުކޮށް ނުދިން ނަމަވެސް "ހަވީރަ"ށް އެނގިފައިވާ ގޮތުގައި އޭނާ ހުރީ ފުލުހުންގެ ބަންދުގަ އެވެ. އޭނާ ބަންދުކުރި ތާރީޚެއް ސާފެއް ނުވެ އެވެ. އަހުމަދު ކަލޯ ބަންދުން ދޫކޮށްލަން ނެރުނު އަމުރަށް ހައި ކޯޓުން ތާއީދުކުރީ އޭނާގެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގައި އޮތްއިރު އޭނާ ބަންދުކުރަން ފެންނަ ކަމަށް ބުނެ ޕީޖީ އޮފީހުން ނިންމި ނިންމުން ފުލުހުން ކޯޓަށް ހުށަހަޅާފައި ނުވާތީ އެވެ. ތަހުގީގު ނިމުމަށް ފަހު ޕީޖީއަށް މައްސަލަ ދިއުމުން އެ މީހަކު އިތުރަށް ބަންދުގައި ބަހައްޓަން ބޭނުންވާ ނަމަ ޕީޖީގެ ނިންމުމެއް ކޯޓަށް ހުށަހަޅަން ޖެހެ އެވެ. އޭނާ ދޫކޮށްލަން ހައި ކޯޓުން ތާއީދުކުރި ނަމަވެސް ހައި ކޯޓުގެ ހުކުމުގައިވާ ގޮތުން އޭނާ އަލުން ބަންދުކުރަން ބޭނުން ނަމަ ޕީޖީގެ ނިންމުމަކާ އެކު ހުށަހެޅުމުގެ ފުރުސަތު އޮންނާނެ އެވެ. އަހުމަދު ކަލޯއަކީ ކުރިން ވެސް އެފަދަ އަމަލުތައް ހިންގަމުން ދިޔަ މީހެއް ކަމަށްވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ