"ހަވީރު ސްކޫލް ގައިޑް" ނެރެފި
ތައުލީމީ އާ އަހަރަށް ކުރިމަތިލާ އިރު މައިންބަފައިންނާއި ދަރިވަރުންނަށް އެނގެން ޖެހޭ މުހިންމު މައުލޫމާތުތައް ހިމަނައިގެން "ހަވީރު ސްކޫލް ގައިޑް" މިއަދު ނެރެފި އެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ނެރުނު ސްކޫލް ގައިޑްގައި ބެލެނިވެރިންނާއި ދަރިވަރުން ސަމާލުކަން ދޭން ޖެހޭ ބައެއް ކަންކަމާ ގުޅޭ މައުލޫމާތު ޝާއިއުކޮށްފައި ވަނީ ޕޮއިންޓް ފޯމަށެވެ. "މިއީ ހަވީރުން މުޅިން އަލަށް ފެށި ކަމެއް. އެކަމަކު އަޅުގަނޑުމެން ގަބޫލުކުރަނީ މި ގައިޑުގެ ބޭނުން ހިފޭނެ ކަމަށް،" ހަވީރު މާކެޓިން ޑިޕާޓްމަންޓްގެ އޮފިޝަލަކު ވިދާޅުވި އެވެ. ގައިޑްގައި ހިމެނޭ މައުލޫއުތަކުގެ ތެރޭގައި އެންމެ ފުރަތަމަ ދަރިފުޅު ސްކޫލަށް ދާ ދުވަހު ބެލެނިވެރިންނަށް ކުރެވިދާނެ ކަންކަމާއި ގްރޭޑް އެކަކަށް ކުއްޖާ ބަދަލުވާ އިރު ވިސްނަން ޖެހޭ ކަންކަން ހިމެނެ އެވެ. އަދި އިންޓަވަލް އަށް ގެންދާނެ އެއްޗިއްސާއި ނުދަންނަ ބައެއްގެ ތެރެއަށް ކުއްޖާ ފުރަތަމަ ވަންނަ އިރު ކުރިމަތިވާނެ މައްސަލަތަކުގެ ހައްލު ވެސް ގައިޑުގައި ދީފައިވެ އެވެ. "ބެލެނިވެރިންގެ ތެރޭގައި ވެސް އުޅޭ އަމިއްލަ އަށް މައުލޫމާތު ހޯދާ މީހުން. އަޅުގަނޑުމެންގެ މަގުސަދަކީ ގިނަ ބެލެނިވެރިންތަކަކަށް އެހީތެރިވުން،" އޮފިޝަލް ވިދާޅުވި އެވެ. "ގައިޑްގައި ހުންނާނެ މިސާލަކަށް އިންޓަނެޓް ބޭނުންކުރާ އިރު ބެލެނިވެރިން ސަމާލުވާން ޖެހޭ ކަންކަން. އޯ ލެވެލްއަށް ތައްޔާރުވާ އިރު ކަންތައް ކުރަން ޖެހޭ ގޮތް." "ހަވީރު"ގެ އޮފިޝަލް ވިދާޅުވީ ބައެއް ވިޔަފާރިވެރިންނާއި ކުންފުނިތަކުގެ އެހީތެރިކަމާ އެކު ނެރުނު ގައިޑަކީ ފެށުމެއް ކަމަށެވެ. "ހަވީރުން ވެސް އަލަށް ކުރި ކަމެއް މިއީ. ކުރިން އަޅުގަނޑުމެން އެންމެ އާންމުކޮށް ނެރުނީ ވޯލްޑް ކަޕާއި ޔޫރޯ ކަހަލަ މުބާރާތްތަކާ ބެހޭ ފޮތްތައް. އެކަމަކު މި އަހަރުން ފެށިގެން އަޅުގަނޑުމެން ސްކޫލް ކުދިންނަށް ސަމާލުކަން ދޭނަން،" އޮފިޝަލް ވިދާޅުވި އެވެ. "ހަވީރު"ގެ ކޮންމެ ނޫހަކާ އެކު "ހަވީރު ސްކޫލް ގައިޑް"ގެ ކޮޕީއެއް ހިލޭ ލިބޭނެ އެވެ. އަދި ކުޑަކުދިން އެއްވާ ބައެއް ތަންތަނުގައި ހިލޭ ބަހަން ވެސް ވަނީ ހަމަޖައްސައިފަ އެވެ. އަދި ހަވީރު އޮންލައިންގައި ވެސް ގައިޑުގެ ލިއުންތައް ވަނީ ހިމަނައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ