ނަޝީދުގެ މައްސަލަ ހުޅުމާލޭ ކޯޓަށް ހުށަހެޅީ ސުޕްރީމް ކޯޓުން ކްރިމިނަލް ކޯޓަށް ދިން ލަފައަކަށް ބަލާފައި: ޕީޖީ

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ބަންދުކުރި މައްސަލާގައި ކުރީގެ ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅީ އެހެން މައްސަލައެއްގައި ސުޕްރީމް ކޯޓުން ކްރިމިނަލް ކޯޓަށް ދީފައިވާ ލަފައަކަށް ބެލުމަށްފަހު ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނެފި އެވެ. އަބްދުﷲ ގާޒީ ބަންދުކުރި މައްސަލާގައި ދައުވާކުރަން ހުށަހަޅާފައި ވަނީ ރައީސް ނަޝީދުގެ އިތުރުން އެމަނިކުފާނުގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭގެފާނާއި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލާއި މިހާރު އިސްތިއުފާ ހުށަހަޅުއްވާފައިވާ ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީގެ އިތުރުން ކާނަލް އަހުމަދު ޒިޔާދުގެ މައްޗަށެވެ. އެ މައްސަލަ ހުޅުމާލޭ ކޯޓަށް ހުށަހެޅީ ސުޕްރީމް ކޯޓުގެ ލަފާގެ މަތިން ކަމަށް މީޑިއާގައި ދެކެވުނު ވާހަކަ އެ ކޯޓުން ދޮގުކޮށްފައި ވަނިކޮށް ޕީޖީ އޮފީހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އަބްދުﷲ ގާޒީއަށް ބިރު ދައްކާ ގަޒްފުކުރި މައްސަލައެއް އެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅި ކަމަށެވެ. ނަމަވެސް އެ މައްސަލާގައި ހެކިބަސް ދޭންތިބި ފަރާތްތަކަކީ ކްރިމިނަލް ކޯޓުގެ ބައެއް ގާޒީން ކަމަށް ވާތީ ޕީޖީ އޮފީހުން އެ މައްސަލަ އަނބުރާ ގެނައުމަށާއި އެ މައްސަލަ ހުޅުމާލޭ ކޯޓަށް ހުށަހަޅަން ސުޕްރީމް ކޯޓުން ކްރިމިނަލް ކޯޓަށް ލަފާދީފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. މި ލަފައާ ގުޅިގެން އެ މައްސަލަ ކްރިމިނަލް ކޯޓުން އަނބުރާ ފޮނުވާލުމުން އެ މައްސަލަ ހުޅުމާލޭ ކޯޓަށް ހުށަހަޅައި، މިހާރު މައްސަލަ ހިނގަމުންދާ ކަމަށް ބަޔާނުގައިވެ އެވެ. އެ ބަޔާނުގައިވާ ބުނެފައި ވަނީ އަބްދުﷲ ގާޒީ އަށް ބިރު ދެއްކި މައްސަލަ، ޖިނާއީ މައްސަލަތައް ބެލުމުގެ އިހްތިސާސް އޮތް ކޯޓަކަށް ހުށަހެޅިދާނެ ކަމަށާއި ހުޅުމާލޭ ކޯޓަކީ ވެސް އެފަދަ މައްސަލަ ބެލިދާނެ ކޯޓެއް ކަމަށް ސުޕްރީމް ކޯޓުން ކްރިމިނަލް ކޯޓަށް ދިން ލަފާގައި ބުނެފައިވާ ކަމަށެވެ. އެހެންވެ ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވާ މައްސަލައަކީ ވެސް އަބްދުﷲ ގާޒީގެ މަސްލަހަތު ހިމެނޭ މައްސަލައަކަށް ވުމުން ކުރީގެ މައްސަލާގައި ސުޕްރީމް ކޯޓުން ދީފައިވާ ލަފައަކަށް ބަލައި އެ މައްސަލަ ހުޅުމާލޭ ކޯޓަށް ހުށަހަޅަން ފެންނާތީ އެ ކޯޓަށް ހުށަހެޅީ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ