ދިވެހި ރާއްޖޭގެ މަސައްކަތްތެރިންގެ ޖަމްއިއްޔާތައް ގުޅިގެން މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމަށް ނިންމައި \"މަސައްކަތްތެރިންގެ ޖަމްއިއްޔާތަކުގެ ވަގުތީ އިއްތިހާދު\"ގެ ނަމުގައި ކައުންސިލެއް އިފްތިތާހު ކޮށްފިއެވެ.
މަސައްކަތްތެރިންގެ ޖަމްއިއްޔާތަކުގެ ވަގުތީ އިއްތިހާދު ތައާރަފް ކުރުމުގެ ގޮތުން ސިޓީ ހޯލުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިބްރާހީމު ހަލީލު ވިދާޅުވީ މި އިއްތިހާދުގެ މައިގަނޑު ބޭނުމަކީ އިންޓަނޭޝަނަލް ލޭބާ އޮގަނައިޒޭޝަން (އައި.އެލް.އޯ)ގެ އަސާސީ އަށް މުއާހަދާ ރާއްޖޭގައި ތަސްޖީދުކުރުމަށް ބާރު އެޅުމުގެ ގޮތުން ކެމްޕޭން ކުރުން ކަމަށެވެ. އަދި މަސައްކަތްތެރިން ބާރުވެރި ކުރުވުމަށްޓަކައި ތަމްރީން ދިނުމާއި މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތް ކުރުމަށް ހަރަކާތްތެރިވާ ޖަމްއިއްޔާތަކުގެ ގުޅުން ބަދަހިކޮށް ޖަމާއަތްތަކުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން އަންގައި ދިނުމަށްވެސް މަސައްކަތް ކުރުމަށް ހަމަޖެހިފައި ވާކަމަށް ވަގުތީ އިއްތިހާދުން މައުލޫމާތު ދެއެވެ.
މަސައްކަތްތެރިންގެ ޖަމްއިއްޔާތަކުގެ ވަގުތީ އިއްތިހާދުގެ ފަރާތުން ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު އާއިވެސް ބައްދަލު ކުރައްވާފައި ވާ ކަމަށް އެ އިއްތިހާދުން މައުލޫމާތުދެއެވެ. އަދި އިއްތިހާދުގެ މަސައްކަތްތަކަށް އެއްބާރުލުން ދެއްވާނެ ކަމަށް ރައީސް ވަހީދު ވިދާޅުވެފައި ވާކަމަށްވެސް މަސައްކަތްތެރިންގެ ޖަމްއިއްޔާތަކުގެ ވަގުތީ އިއްތިހާދުން މައުލޫމާތު ދެއެވެ.
އިއްތިހާދުގައި މިހާތަނަށް ހަތް ޔޫނިއަން އަކުން ބައިވެރިވެފައި ވެއެވެ. ބައިވެރި ވެފައިވާ ޔޫނިއަން ތަކަކީ ޓޫރިޒަމް އެމްޕްލޯއިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އާއި މޯލްޑިވްސް ޕޯޓްސް ވޯކާސް ޔޫނިއަން (އެމް.ޕީ.ޑަބްލިއު.ޔޫ) އާއި ފިޝަމޭންސް ޔޫނިއަން (އެފް.ޔޫ) އާއި ޕައިލެޓް އޮފް ދަ މޯލްޑިވްސް އާއި ޓީޗާސް އެސޯސިއޭޝަން މޯލްޑިވްސް (ޓޭމް) އާއި މޯލްޑިވްސް ލޭބަރ ޔޫނިއަން (އެމް.އެލް.ޔޫ)ގެ އިތުރުން ނާސެސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ނާމް)އެވެ.
މަސައްކަތްތެރިންގެ ޖަމްއިއްޔާތަކުގެ ވަގުތީ އިއްތިހާދުގެ އުފެދިފައި ވަނީ އައި.އެލް.އޯގެ ފަންނީ އެހީތެރި ކަމާއި އެކުގައެވެ. ދިވެހި ރާއްޖެއަކީ 2009 ވަނަ އަހަރުން ފެށިގެން އައި.އެލް.އޯގެ މެމްބަރެކެވެ.
މަސައްކަތްތެރިންގެ ޖަމްއިއްޔާތަކުގެ ވަގުތީ އިއްތިހާދު އިފްތިތާހު ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ