ގައުމު ތަރައްގީކުރަން އެދޭނަމަ ފައިސާއަށް ހެއްލިގެން އެއްވެސް އިންތިހާބެއްގައި ވަކި މީހަކަށް ވޯޓް ނުދިނުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެދިވަޑައިގެންފި އެވެ.
މާފަންނު ކުނޫޒްގައި މިރޭ ބޭއްވި "ރައްޔިތުންނާއި ގާތަށް" ޖުމްހޫރީ ޕާޓީގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ މިއީ ގައުމު ތަރައްގީކޮށް ކުރިއަށް ގެންދަން ލިބުނު ރަނުގެ ފުރުސަތެއް ކަމަށެވެ.
ގާސިމް ވިދާޅުވީ ކުރިއަށް އޮތީ މުހިއްމު ދެ އިންތިހާބެއް ކަމަށާ އިންތިހާބުގައި ރައްޔިތުން ވޯޓްލާން ނިކުންނައިރު ވިސްނާލަންޖެހޭ ވަރަށް ގިނަ ކަންތައްތައް އެބަހުރި ކަމަށެވެ.
ގާސިމް ވިދާޅުވީ ދުބާއީއާއި ސިންގަޕޫރު ފަދަ ތަނަވަސް ގައުމަކަށް މިރާއްޖެ ހަދަން ބޭނުންވާނަމަ އިހްލާސްތެރިކަމާއެކު މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
ރައްޔިތުން ބޭނުންވާ މަންޒިލް މަގުސޫދަށް ވާސިލްވެވޭނީ ކުރިއަށް އޮތް އިންތިހާބުތަކުގައި ފައިސާއަށް ނުހެއްލި ގައުމުގެ ތަރައްގީއަށް މަސައްކަތްކޮށްދޭނެ ހަރުދަނާ ބަޔަކަށް މަގާމްތައް ހަވާލްކޮށްގެން ކަމަށާ ގާތް ތިމާގެ މީހުންނާއި ރައްޓެހިންނާއި ފައިސާ ދޭ މީހުންނަށް ވޯޓްދީގެން އެކަން ނުކުރެވޭނެ ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.
މީގެ އިތުރުން ގާސިމް ވިދާޅުވީ ޗާޓުން ބޭރުން ކަންކަންކޮށް ގާނޫނާއި ހިލާފަށް ކަންކަންކުރާނެ ބަޔަކަށް ދެވަނަ ފުރުސަތެއް ނުދެވޭނެ ކަމަށާ މިފަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ތާއީދުކުރެއްވީ އެހެންވެގެން ކަމަށެވެ.
ގާސިމް ވިދާޅުވީ ނަޝީދު ވެރިކަމަށް ގެނައުމަށް 2008 ވަނަ އަހަރުވެސް ވަރަށް ބުރަކޮށް އެމަނިކުފާނު މަސައްކަތް ކުރެއްވި ކަމަށާ ނަމަވެސް އެކަމުގެ އަގުވަޒަންކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް ރައީސް ޔާމީން އެފަދަ ގޯހެއް ނުހައްދަވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށާ ރައީސް މައުމޫންފަދަ ތަޖުރިބާކާރު ބޭފުޅަކު ޔާމީން އަރިހުގައި ހުންނަވާހާ ދުވަހަކު އެފަދަ ކަމެއް ނުކުރައްވާނެ ކަމަށް ޔަގީންކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ޔާމީނަކީ ހަރުދަނާ މޭސްތިރިއެއްގެ ބެލުމުގެ ދަށުން ތަރުބިއްޔަތުވެފައިވާ ލީޑަރެއްކަން ފާހަގަކުރައްވާ ގާސިމް ވިދާޅުވީ އެއްބައިވަންތަކަމާއެކު ޕްރޮގްރެސިވް ކޯލިޝަން ކުރިއަށްދާނެ ކަމަށެވެ.
މީގެ އިތުރުން ގާސިމް ވަނީ މިރޭ ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ތިން މެންބަރުންނަށް ޝުކުރު ދަންނަވާ އިތުރަށް ގުޅިވަޑައިގެން މެންބަރުންނަށް މަރުހަބަ ދަންނަވާފަ އެވެ. އަދި ޖުމްހޫރީ ޕާޓީ އަބަދުވެސް ސާބިތުކަމާއެކު ކުރިއަށްދާނެ ކަމަށާ އެކަމުގެ ޔަގީންކަން އަރުވާކަމަށްވެސް ގާސިމް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ކައުންސިލް އިންތިހާބާއި މަޖިލިސް އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓް ދޭނީ އެންމެ ތަޖުރިބާކާރު ބޭފުޅުންނަށް ކަމަށާ އެ ފުރުސަތު އަބަދުވެސް ދިވެހި ރައްޔިތުންނަށް އޮންނާނެ ކަމަށެވެ.
މީގެ އިތުރުން ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީ އަބަދުވެސް އޮންނާނީ ރައްޔިތުންނާއި ގާތުގައި ކަމަށާ ގައުމާއި ރައްޔިތުންނަށް ދެރައެއް ލިބޭ އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދެއްވާނެ ކަމަށެވެ.
ފައިސާއަށް ހެއްލިގެން ވޯޓް ނުދެއްވުމަށް ގާސިމް އެދިވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ