ހުސްވެފައިވާ އީސީގެ މެމްބަރު ކަމަށް ޑރ. ޒާހިރުގެ ނަން ފޮނުވައިފި

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ހުސްވެފައިވާ މެމްބަރުކަމަށް އައްޔަނު ކުރަން ޑރ. މުހައްމަދު ޒާހިރުގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.
ރައީސް އޮފީހުން ބުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޑރ. ޒާހިރުގެ ނަން މަޖިލީހަށް ފޮނުއްވީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
ޑރ. ޒާހިރު މީގެ ކުރިންވެސް އީސީގައި މަސައްކަތް ކުރެއްވި އެވެ. އޭނާ އަކީ ޑިވެލޮޕްމެންޓް އެޑްމިނިސްޓްރޭޝަން ދާއިރާއިން ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. މިހާރު އޭނާ ގެންދަވަނީ ލެކްޗަރާއެއްގެ ގޮތުގައި ގައުމީ ޔުނިވަސިޓީގައި މަސައްކަތް ކުރައްވަމުންނެވެ.
އީސީގެ މެމްބަރު ކަމުގެ މަގާމު ހުސްވެފައި މިވަނީ އެކޮމިޝަންގެ ނައިބުރައީސްގެ މަގާމުގައި ހުންނެވި އަހުމަދު އަކުރަމް އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އަކުރަމް އިސްތިއުފާ ދެއްވީ އޭނާ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީންވެސް ފާސްކޮށްފައި ވަނިކޮށެވެ. އޭރު އޭނާއަށް ވަނީ ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތުތަކެއް އަމާޒުވެފަ އެވެ. އެހެންނަމަވެސް އަކުރަމް ވަކިކުރަން ނިންމީ އެމައްސަލައާއި ގުޅިގެން ނޫން ކަމަށް ފަހުން ކޮމިޓީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ