ވަޒީރުން ރުއްސައިގެން ރަށު ތަރައްގީ ގެންނަ ޒަމާން މާޒީވެއްޖެ: ނަޝީދު

ސަރުކާރުު ހިއްސާވާ ކުންފުންޏެއް އިސްވެރިއަކު ނުވަތަ ވަޒީރަކު ރުއްސައިގެން ރަށަށް ތަރައްގީ ގެންނަ ޒަމާން މާޒީވެ ގޮސްފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
ނ. އަތޮޅު އަދި ރަށު ކައުންސިލް ހަރަކާތްކުރާނެ ގޮތުގެ މަޝްވަރާ ބައްދަލުވުން ނިންމުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، އަތޮޅެއްގެ ރައްޔިތުން ހަމައިސްކޮށް ތެދުވެ، އަމިއްލަ ދިރިއުޅުމުގެ ކަންކަން އަމިއްލައަށް ނިންމުމަށް ތެދުވާ މަންޒަރު ފެނުމަކީ ހިތްހަމަޖެހުން ގެނުވާ ކަމެއް ކަމަށެވެ.
އެމްޑީޕީން އިންދި "ކުޑަ އޮށެއްގެ ސިއްރުން ބޮޑު ގަހެއް" ހެދުމުން އަންނަ ކަމަށާއި އެ މަސައްކަތަކީ ގިނަ ބަޔަކު ފަަހަތުގައި ތިބެގެން ކުރި މަސައްކަތެއް ކަމަށް ނަޝީދު ވިދާޅުވި އެވެ. އެގޮތުން އަމިއްލައަށް ހަލާލު މަސައްކަތުން ހަމަ އިސްކޮޅަށް ރައްޔިތުން ތެދުވުމަށް އަބަދުވެސް ވަކާލާތުކުރައްވަމުން ގެންދެވިކަމަށް އޭނާ ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ މާޒީވި ތަނުގައި ރަށްރަށުގެ ރައްޔިތުން ކަމެއް ކުރަން ބޭނުންވެއްޖެނަމަ ޖެހެނީ، މާލެ އައިސް ވަޒީރެއްގެ ގޭދޮށުގައި މަޑުކޮށްގެން ތިބެން ކަމަށެވެ. އަދި އެތަނުގައި ހުރެގެން ލިބުނު އެއްޗެއް ހިފައިގެން އަނބުރާ ދާން ޖެހުނަސް، މިއަދު އެކަން މާޒީވެ ގޮސްފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ތިމަންނާއެއް ނެތީމަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރާއެކު ކޮފީއަކަށް އަރައި އޭނާ ހިތްހަމަޖައްސާލައިގެން ވަޒީރަކު ބޭފުޅަކު ރުއްސައިގެނޭ ތިމަންނާ ރަށުގެ ކަންކަން ފުރިހަމަވާނީ. ނޫން އެ ޒަމާން ނިމިއްޖެ،" ނަޝީދު ވިދާޅުވި އެވެ.
ރާއްޖޭގައި ކަން ހިނގަމުން އަންނަ ގޮތަށް ބަދަލުތަކެއް އަންނަމުންދާ ކަމަށާއި އެގޮތުން މީގެ 12 އަހަރު ކުރިން، އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރާ މިހާރު ހާލަތު ބަދަލުވެފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ރާއްޖޭގެ މިސްރާބު ހުރީ "އަނެއް ދިވެހިރާއްޖެ" އަށެވެ. އަނެއް ދިވެހިރާއްޖެ އަށް ދެވޭ މަންޒަރު ފެނުމަކީ ލިބޭ ހިތްހަމަޖެހުމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ބައެއްގެ ހަޔާތުގައި ބޮޑު ބަދަލެއް އަންނަ ތަނެއް ގިނަ މީހުންނަކަށް ނުފެންނާނެ. އެހެންނަމަވެސް ދިވެހިރާއްޖެ ދަތުރުކުރަނީ ހައިސްޕީޑްގައި. އެ ސްޕީޑުގައި އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި އެދޭ ބަދަލު ހޯދޭނެ،" ނަޝީދު ވިދާޅުވެ އެވެ.
ނަޝީދު ވިދާޅުވީ ބާރުތައް ވަކިކޮށް ސިޔާސީ ހަރަކާތްތައް ސުލްހަވެރިކަމާ އެކު ހިންގަން ފެށުމުން ގައުމުތައް ޖަހަނީ "ޖަމްޕް" ކަމަށެވެ. އެގޮތަށް ގައުމުތައް ކުރިއަށް ދާއިރު އެމަގުން ދާން ރާއްޖެއަށް ދިމާވެފައިވާ މައްސަލައަކީ ކޮބާތޯ ސުވާލު އުފެއްދެވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ރާއްޖެ ތަޅުލެވިފައި ވަނީ "ޔުނިޓްރީ" ދައުލަތުގެ ވާހަކައިގެ ތެރޭގަ އެވެ.
"މި މައްސަލަ ނިއުޅިގެންދާ މިންވަރަކަށް އެބަ ފެނޭ ކޮންތަނަކަށް ކަން ހުއްޓުނީ. އަޅުގަނޑަށް މިހާރު މާބޮޑަށް ޔަގީން ކުރެވޭ ޔުނިޓްރީ ދައުލަތުގެ ވާހަކައިގައޭ މިތިބީ ތަޅުލެވިފައި. ގާނޫނު އަސާސީގައި އޮތް ޔުނިޓްރީ ދައުލަތެކޭ އަޅާ، އަދި ރައީސް މައުމޫނުގެ ބާރުފުޅުތައް އަމިއްލަފުޅަށް ހިފަހައްޓުވަންވެގެން އެބޭފުޅާގެ އާރާބާރުގައި އުފެދިގެން އައި ގާނޫނު އަސާސީއެއް. އަނެއްކާ ވެސް ސިފަވެގެން ދިޔައީ މާ މާތް ރަސްކަމެއްގެ ގޮތުގައި،" ނަޝީދު ވިދާޅުވެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންނާ ހަމައަށް ބާރުތައް ގެނެވޭނެ ގޮތަކަށް ބާރުތައް އަތުލާން ޖެހެ އެވެ. އަދި އެކަމަކީ ނުކުރެވޭނެ ކަމެއް ނޫން ކަމަށާއި މިހާރު ވެސް ކުރަމުން އަންނަ މަސައްކަތަކީ ރައްޔިތުންނާ ހަމައަށް ބާރުތައް ފޯރުވައިދިނުން ކަމަށް ނަޝީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ