ކަންމަތީ ފިހާރަތަކުގެ ކަރަންޓު ބިލު ކުޑަކޮށްދޭނަން: އިބޫ

ކުދި ވިޔަފާރިތައް ކުރިއެރުވުމަށް ކަންމަތީ ފިހާރަތަކުގެ ކަރަންޓު ބިލު ކުޑަކޮށްދެއްވާނެ ކަމަށް އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ވ.ފުލިދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ޓެކްސްގެ ގޮތުގައި ރައްޔިތުން ދައްކާ ފައިސާއާއި ރައްޔިތުންގެ މިލްކިއްޔާތުގައިވާ ފައިސާއިން ވައްކަން ކޮށްފައިވާ ބަޔަކު ސަރުކާރު ތެރޭގައި އެބަތިބި ކަމަށެވެ. އެބަޔަކު ހޯދަންޖެހޭ ކަމަށާއި އަދި އެފައިސާ ވެސް ހޯދަން ޖެހޭ ކަމަށެވެ. އެމަނިކުފާނުގެ ވެރިކަމެއްގައި ވަކި މީހަކަށް ބެލުމެއް ނެތި މިކަމުގައި ޒިންމާ ވާންޖެހޭ މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަވާނެ ކަަމަށް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ގިނަ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ނުލިބޭ ކަމަށާއި ނަމަވެސް ދައުލަތަށް ލިބޭ އާމްދަނީއަށް ބަލާއިރު އެކަންކަން ނުވެ ރައްޔިތުން ތިބެންނުޖެހޭ ކަމަށެވެ. ތަރައްގީގެ ބޮޑެތި ކަންކަން ކުރުމުގެ ކުރިން ރައްޔިތުންނަށް އަސާސީ ބޭނުންތައް ފުދެންޖެހޭ ކަމަށާއި އެހެންކަމުން އެމަނިކުފާނުގެ ސަރުކާރެއްގައި ތައުލީމާއި ސިއްހީ ފަރުވާއާއި ފެނާއި ނަރުދަމާއާއި ބޯހިޔާވަހިކަމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށް ވިދާޅުވިއެވެ.
އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ފުލިދޫގައި ބިމުގެ ދަތިކަން އޮތްނަމަ ބިންހިއްކައިގެން ވެސް ގެދޮރުގެ ދަތިކަން ހައްލުކޮށްދެއްވާނެ ކަމަށެވެ. އަދި ވިދާޅުވީ ގިރާ ސަރަަހައްދު ހިމާޔަތްކޮށް، ޖެޓީ ރަގަޅު ފެންވަރަަކަށް ބަދަލުކޮށް ނުވަތަ ބަނދަރެއް ހަދައިގެން ލަފާފުރުން ފަސޭހަކޮށްދެއްވާނެ ކަމަށެވެ. ގެސްޓްހައުސް އަޅަން ބޭނުންވާ މީހުންނަށް ލުއި ލޯނާއި، ގޯތި ހެދުމަށް ވެސް ލުއިލޯނު ލިބޭނެ ގޮތް ހަމަޖައްސަވާނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރަށް ކުދި ވިޔަފާރިތަކަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ކަރަންޓު ބިލު ބޮޑުވުންކަން ފާހަގަކުރައްވައި ވިދާޅުވީ ކަންމަތީ ފިހާރަތަކުގެ ކަރަންޓު ބިލު ކުޑަކޮށްދެއްވާނެ ކަމަށެވެ.
"ރާއްޖޭގެ ރަށްތަކުގެ ކުދި ވިޔަފާރިތަކަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ކަރަންޓު ބިލު ބޮޑުވުން. ލިބޭ އާމްދަނީ ވިޔަފާރިކޮށްފައި، މުސާރަ ދީފައި ބާކީ އޮންނަ އެތިކޮޅުން ޖެހެނީ ކަރަންޓު ބިލު ދައްކަން. އެއަށްފަހު ލިބޭ ފައިދާއެއް ނޯވޭ. އަޅުގަނޑުމެންގެ ވެރިކަމުގައި ކުދި ވިޔަފާރިތަކުން ޚާއްސަކޮށް ކަންމަތީ ފިހާރަތަކުން ދައްކަންޖެހޭ ކަރަންޓުގެ ބިލު ކުޑަކުރެވިގެންދާނެ. އެކަން އަޅުގަނޑުމެން ތަންފީޒު ކުރާނަން" އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ.
މިދަތުރުފުޅުގައި ދ.މީދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ރާއްޖެ ތަރައްގީ ކުރަން ބޭނުންވާނަމަ ފުރަތަމަ ވެސް ކުރަންޖެހޭ ކަމަކީ ރައްޔިތުން ތަރައްގީ ކުރުން ކަމަށެވެ. އަސާސީ ޚިދުމަތްތައް ރައްޔިތުންނަށް ދީ، ރަށުގައި ތިބެގެން އާމްދަނީ ލިބޭނެ ގޮތް ފަހިކޮށްދީ، ބޯހިޔާވަހިކަން ލިބޭނެ ގޮތް ހަމަޖައްސައިދޭން ޖެހޭ ކަމަށާއި އެކަންކަން ކޮށްދީފައި ނޫނީ ރާއްޖެ ތަރައްގީ ނުކުރެވޭނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ރަށްރަށަށް އަންނަންވާ ހަގީގީ ތަރައްގީ ނާންނަނީ ސަރުކާރުގެ ކޮރަޕްޝަނާއި އިސްރާފު ބޮޑުކަމުން ކަމަށާއި އެމަނިކުފާނުގެ ވެރިކަމެއްގައި އެފަދަ ކަންކަން ހިނގިޔަ ނުދެއްވާނެ ކަމަށެވެ. އަދި އިއްތިހާދުގެ ވެރިކަމެއްގައި ހުރިހާ ރައްޔިތުންނަށް ވެސް ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.
"ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގަިއ ބިން އޮތް ހުރިހާ ރަށަކުން ގޯތި ދޫކުރެވޭނެ. ވަކި ކުލަޔަކަށް ބެލުމެއްނެތި ހައްގުވާ ފަރާތަށް އިސްކަން ދީގެން. ގިނަ މީހުންނަށް ލިބޭ އާމްދަނީން ގެއެއް ބިނާނުކުރެވޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ވެރިކަމުގައި އެސްއެމްއީ ބޭންކު ތެރެއިން މިކަމަށް ލޯނު ލިބޭނެ ގޮތް ހަމަޖެހިގެންދާނެ" އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ.
އިއްތިހާދުގެ ކެންޑިޑޭޓް ވިދާޅުވީ މީދޫ ބަނދަރު ބޮޑުކޮށްދެއްވާނެ ކަމަށާއި ފެނާއި ނަރުމަދަމާ ހުރިހާ ރަށެއްގައި ވެސް ގާއިމުކޮށްދެއްވާނެ ކަަމަށެވެ. ރަގަޅު ފެންވަރުގެ ބޯޅަ ދަނޑަކާއި ޒުވާނުންގެ މަރުކަޒެއް ވެސް މީދޫގައި ގާއިމުކުރެވޭނެ ކަމަށް ވިދާޅުވިއެވެ. އަދި ސްކޫލަށް ބޭނުންވާ ވަސީލަތްތައް ވެސް ހަމަޖައްސަވާނެ ކަމަށް ވިދާޅުވިއެވެ.
ދ.މީދޫއަށްފަހު އިއްތިހާދުގެ ކެންޑިޑޭޓް ވަޑައިގަތީ ދ.ކުޑަހުވަދޫއަށެވެ. މިރޭ އެމަނިކުފާނު ކުޑަހުވަދޫއަށް ވަޑައިގަތުމުން އެރަށުން ވެސް ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. މިރޭ އިއްތިހާދުގެ ޚާއްސަ ޖަލްސާއެއް ކުޑަހުވަދޫގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ