ކާށިދޫ އާއި ހިތަދޫ މެދު ދާއިރާގެ އިންތިހާބު ބާތިލެއް ނުކުރި

ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ހިތަދޫ މެދު ދާއިރާއާއި ކާށިދޫ ދާއިރާގެ އިންތިހާބު ބާތިލްކުރެވެން ނެތް ކަމަށް ހައިކޯޓުން ހުކުމްކޮށްފި އެވެ.
ހިތަދޫ މެދު ދާއިރާގެ އިންތިހާބު ބާތިލްކުރުމަށް ހައިކޯޓަށް މައްސަލަ ހުށަހެޅީ ސަރުކާރު ކޯލީޝަންގެ ފަރާތުން ޕީޕީއެމްގެ ޓިކެޓުގައި އިންތިހާބުގައި ވާދަކުރެއްވި ހިޔަލީ މުހައްމަދު ރަޝީދު އެވެ. މިމައްސަލައިގައި ހިޔަލީގެ ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވަނީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު ކަމަށް އިންތިހާބުވެވަޑައިގެންފައިވާ ގާނޫނީ ވަކީލް މުހައްމަދު ވަހީދު އިބްރާހީމް އެވެ.
ހިތަދޫ މެދު ދާއިރާގެ އިންތިހާބުގައި ތިން ކެންޑިޑޭޓަކު ވާދަކޮށް އިންތިހާބު ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ އެވެ. އޭނާއަށް 1099 ވޯޓް ލިބިވަޑައިގެންފައިވާއިރު، ހިޔަލީއަށް ލިބިވަޑައިގެންނެވީ 898 ވޯޓެވެ. އަދި އަމިއްލަ ގޮތުން ވާދަކުރެއްވީ ހުސައިން ސޯލިހަށް 554 ވޯޓް ލިބިވަޑައިގެންނެވި އެވެ.
ކާށިދޫ ދާއިރާގެ އިންތިހާބު ބާތިލްކުރުމަށް ހުށަހެޅީ އެ ދާއިރާގެ އިންތިހާބުގައި ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ޖާބިރު އެވެ. އިންތިހާބު ކާމިޔާބުކުރެއްވީ ސަރުކާރު ކޯލީޝަންގެ ފަރާތުން ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރެއްވި ފައިސަލް ނަސީމް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ