އުމަރު ތަސްމީނަށް ފޮނުއްވި އެސްއެމްއެސްގެ ޖަވާބު: މައްސަލައެއް އޮތް ނަމަ އިސްތިއުނާފު ކޮމެޓީ އަށް ހުށަހަޅުއްވާ

ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރު ޕާޓީން ވަކިކުރި ކުރުމާ މެދު ހިތްހަމަނުޖެހޭ ނަމަ އިސްތިއުނާފު ކޮމެޓީއަށް އެކަން ހުށަހެޅުމަށް ޕާޓީގެ ލީޑަރު އަހުމަދު ތަސްމީން އަލީ މިއަދު އެދިވަޑައިގެންފި އެވެ.ތަސްމީނު އަލީއާ ބައްދަލު ކުރެއްވުމަށް އެދިވަޑައިގަތް އުމަރު ތަސްމީނަށް އެސްއެމްއެސްއެއް ކުރެއްވުމާ ވިދިގެން ތަސްމީނުގެ ނަމުގައި ޑީއާރުޕީން ނެރެފައިވާ ނޫސްބަޔާނުގައި ބުނަނީ ދިވެހި ރައްޔިތުންގެ ޕާޓީއަކީ ޑިމޮކްރަސީގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހިންގާ ޕާޓީއަކަށް ވުމުން ޕާޓީގެ އެއްވެސް މަގާމެއްގައި ހުންނެވި ބޭފުޅަކަށް ޑިސިޕުލިނަރީ ކޮމެޓީން ނިންމި ނިންމުން ބަދަލުކުރުމުގެ ފުރުސަތު ނޯންނާނެ ކަމަށާއި އަދި އެކަމާ މެދު އުމަރާ ވާހަކަ ދެއްކުމުގެ ފުރުސަތު ވެސް ނޯންނާނެ ކަމަށާއި އެ ނިންމުމަށް އުމަރު ހިތްޕުޅުހަމަޖެހިވަޑައި ނުގަންނަވާ ނަމަ މައްސަލަ އިސްތިއުނާފަށް ހުށަހެޅުމަށް އުމަރަށް ފުރުސަތު އޮތް ކަމަށެވެ."ހ. ދޮންޖޭމުގޭ އުމަރު ނަސީރާ ގުޅޭ ގޮތުން ދިވެހި ރައްޔިތުންގެ ޕާޓީގެ ޑިސިޕްލިނަރީ ކޮމެޓީން ނިންމެވި ނިންމެވުމަކީ ޑިސިޕުލިނަރީ ކޮމެޓީން މައްސަލަ ބެއްލެވުމަށް ފަހު ކޮމެޓީ އަށް ފެނިވަޑައިގެން ނިންމެވި ނިންމެވުމެކެވެ. އެ ކޮމެޓީގެ ނިންމެވުމާ ދޭތެރޭ ހ. ދޮންޖޭމުގޭ އުމަރު ނަސީރު ހިތްހަމަނުޖެހޭ ނަމަ ދިވެހި ރައްޔިތުންގެ ޕާޓީގެ އަސާސި ގަވާއިދުގެ މާއްދާގައިވާ ގޮތުގެ މަތިން އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅުމުގެ ފުރުސަތު ލިބިދީފައި ވެއެވެ،" އެ ބަޔާނުގައިވެ އެވެ.އުމަރު މިއަދު ވިދާޅުވީ އޭނާ ތަސްމީނަށް ފޮނުވި އެސްއެމްސްގައި އޮތް އެއްޗެއް ތަސްމީނަށް ސާފުވެވަޑައިނުގަތީ ކަމަށާއި އޭނާ ބޭނުންފުޅުވީ ލޯކަލް ކައުންޝިލް އިންތިހާބަށް އަސަރު ކުރަމުންދާތީ، އޭނާ އާއި ތަސްމީނާ ދެމެދު އޮތް ހިޔާލުތަފާތުވުމުގެ ސަބަބުން އެކަމަށް ހައްލެއް ހޯއްދެވުން ކަމަށެވެ. އުމަރު ވިދާޅުވީ އޭނާ އަދި ވެސް ގަބޫލުކުރައްވަނީ އޭނާ އަކީ ވެސް ޕާޓީގެ ލީޑަޝިޕުގައި ހިމެނޭ ބޭފުޅެއް ކަމަށާއި އެކަމާ މެދު ބަހުސް ކުރާނެ ޖާގައެއް ނެތްކަމަށެވެ."އަޅުގަނޑު ފޮނުވި އެސްއެމްއެސް އަކީ އަޅުގަނޑުމެން ދެމީހުންނަކީ އެއް ޕާޓީއެއްގައި ތިބި އަދި އެ ޕާޓީގެ ލީޑަޝިޕްގެ ގޮތުގައި ތިބި ދެ މީހުންނަށް ވެފައި އަޅުގަނޑުމެން ގައިގައި ހުންނަންވާނެ ކަމަށް އަޅުގަނޑު އަދި ވެސް ގަބޫލުކުރަނީ އެކުވެރި ކަމާ އެކު ވާހަކަ ދައްކާލުމުގެ ފެންވަރު. އަޅުގަނޑުމެން ނުޖެހޭ އެކަމާ[ޑިސިޕްލިނަރީ ކޮމެޓީގެ ނިންމުމާ މެދު] މަޝްވަރާކުރާކަށް. ޕާޓީގެ ޒައީމް އެއޮތީ އެކަމާ މެދު ގޮތެއް ނިންމަވާފައި. ޒައީމް ވަނީ ވިދާޅުވެފައި އަޅުގަނޑަކީ ޕާޓީގެ ޑެޕިއުޓީ ލީޑަރޭ އަދި ވެސް އަދި ނިންމި ނިންމުމަކީ ބާތިލް ނިންމުމެކޭ،" އުމަރު ވިދާޅުވި އެވެ.ލޯކަލް ކައުންސިލް އިންތިހާބު ގާތްވެފައިވާ މި ދަނޑިވަޅުގައި ޕާޓީގެ އެތެރޭގެ ހަމަނުޖެހުންތައް ހައްލުކުރުމަކީ ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރައްވަމުން އުމަރު ވަނީ ވަނީ އެއްމޭޒެއްގެ ދޮށަށް އައުމަށް ތަސްމީނަށް ދައުވަތު ދެއްވައިފަ އެވެ."ތަސްމީން ގަބޫލުފުޅު ކުރަށްވާ ސަރުކާރާ ވެސް ނެގޯޝިއޭޓް ކުރަން ޖެހޭކަމަށް. އެހެންވަންޏާ ގަބޫލުފުޅުކުރަންވަން ވާނެ އަޅުގަނޑުމެން ކަހަލަ ލީޑަޝިޕްގައި ތިއްބެވި ބޭފުޅުންނާ ވެސް ހިޔާލު ތަފާތުވީމަ މަޝްވަރާކުރަން ޖެހޭކަން. ދެ މީހުން އެކީގައި ޓީވީ އަކަށް އަރާލާ އެކީގައި މަސައްކަތް ކޮށްލާތަން ފެނުމަކީ ވަރަށް މުހިންމު ކަމެކޭ އެކަން ކުރައްވަން ތައްޔާރުވެވަޑައިގަންނަވާށޭ. އަޅުގަނޑު މިހުރީ ތައްޔާރަށޭ. އަޅުގަނޑު މެންގެ ޒައިތޫނި ފަތްކޮޅު މިއޮތީ އަދި ވެސް ދިއްކޮށްލާފައި. އެ ފަތުގައި ހިފާނެ ވަގުތަކަށް އަޅުގަނޑުމެން އުންމީދު މިކުރަނީ." އުމަރު ވިދާޅުވި އެވެ.އެ މައްސަލާގައި ތަސްމީނުގެ ކޮމެންޓެއް ހޯދުމަށް ސަން އޮންލައިނުން މިއަދު މަޖުލީހުސް ކުރާ ގެ ކައިރިއަށް ގޮސް ކޮމެންޓަކަށް ދެންނެވުމުން ތަސްމީން ވިދާޅުވީ "ވަގުތު ތަންނުދޭ" ކަމަށެވެ.އުމަރު ނަސީރު ޕާޓީ ބައިބައި ކޮށްލަން އުޅޭކަމަށް ބުނެ މިދިޔަ ބުރާސްފަތި ދުވަހު ޑީއާރުޕީގެ ޑިސިޕްލިނަރީ ކޮމެޓީގެ އަޣުލަބިއްޔަތުން އުމަރު ޕާޓީން ވަކިކުރުމަށް ވަނީ ފާސްކޮށްފަ އެވެ. އެހެންނަމަވެސް އުމަރު ވިދާޅުވަމުން އަންނަނީ ޕާޓީގެ އަސާސީ ގަވައިދުގެ 83 އަދި 84 ވަނަ މާއްދާ ބުނާ ގޮތުން އެފަދަ ކޮމެޓީ އަކަށް ޕާޓީގެ ނާއިބު ލީޑަރަކު ޕާޓީއަކުން ވަތްކެއް ނުކުރެވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ