ޕީޖީ އޮފީހުގެ ވަކީލުން ކޯޓްތަކަށް ދިއުމަށް ސުޕްރީމް ކޯޓުން އަމުރެއް ނެރެފި

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ކަމާބެހޭ ޕްރޮސިކިއުޓަރުންނާއި ދައުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކުން ކޯޓްތަކަށް ހާޒިރުވުމަށ ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.
ސުޕްރީމް ކޯޓުން މިފަދަ އަމުރެއް ނެރެފައިމިވަނީ ޕީޖީއާއި ޑެޕިއުޓީ ޕީޖީ ނެތި ދައުލަތުގެ ފަރާތުން އުފުލާފައިވާ ދައުވާތަކާއި ގުޅިގެން ކޯޓްތަކަށް ވަޑައިގަންނަވާ ޕީޖީ އޮފީހުގެ ވަކީލުން ކޯޓްތަކަށް ވަޑައިގަތުމަށް ދެކޮޅު ހަދަމުންދިއުމާއި ގުޅިގެން ގިނަ މައްސަލަތަކެއް ކޯޓްތަކުގައި ކުރިއަށް ނުގެންދެވި ހުރި މައްސަލައާއި ގުޅިގެންނެވެ.
ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައިވަނީ ދައުލަތުގެ ނަމުގައި ޖިނާއީ ދަޢުވާތައް އުފުލުމާއި އަދި އެފަދަ ދަޢުވާތަކާ ގުޅިގެން ކޯޓުތަކުގައި ޖަވާބުދާރީވުމަށްޓަކައި ޤާއިމްކުރެވޭ ޕަބްލިކް ޕްރޮސެކިއުޝަން އޮތޯރިޓީއަކީ ފަރުދުންނާއި މުޖުތަމަޢުގެ ޙައްޤުތައް ޙިމާޔަތްކޮށް މުޖުތަމަޢުގެ އަމަންއަމާންކަން ދެމެހެއްޓުމުގެ މަޤްޞަދުގައި ޤާއިމްކުރެވޭ އޮތޯރިޓީއަކަށްވެފައި، މުޖުތަމަޢުގެ ޙައްޤުތައް ނިގުޅިގެންގޮސް އެ މުޖުތަމަޢެއްގެ އަމަންއަމާންކަމަށް ބުރޫއަރާފަދަ އެއްވެސް ކަމެއް ދުސްތޫރީ ވެރިކަމެއް ހިނގާ ދީމިޤްރާތީ މުޖުތަމައެއްގައި ހުއްދަކުރެވިދާނެ ޝަރުޢީ އަދި ޤާނޫނީވިޔަސް ހަމައެއްނެތަތީ އާއި، ދިވެހި ދައުލަތް ދެމިއޮތްހައި ހިނދަކު، ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމް ހުއްޓުމަކަށްނައިސް ހިނގަހިނގާއޮތް ގޮތުގެމަތިން ހިނގަހިނގާ އޮތުމަކީ ދިވެހިރާއްޖޭގައި ޤާނޫނުގެ ވެރިކަން ނެގެހެއްޓުމަށާއި ދިވެހި ދައުލަތާއި ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކޮށް ދެމެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުންތެރިކަމެއްކަމަށެވެ.
ދިވެހިރާއްޖޭގެ ކޯޓުތަކަށް ޙާޟިރުވެ ދައުލަތުގެ ނަމުގައި ޖިނާއީ ދަޢުވާތައް އުފުލުމާއި އަދި އެފަދަ ދަޢުވާތަކަށް ޖަވާބުދާރީވުމަށްޓަކައި، ޕްރޮސިކިއުޓަރ ޖެނެރަލް ނުވަތަ އޭނާގެ ނައިބަކަށް ހުރި ފަރާތަކުން އެއްވެސް ފަރާތެއް ޢައްޔަންކޮށްފައިވާނަމަ، އެފަދަ އެއްވެސް ފަރާތަކުން، އެ ދެ ފަރާތް ނުވަތަ އެ ދެ ފަރާތުންކުރެ ފަރާތަކާ ކުރިއްސުރެ ހަމަޖެހިފައިވާ ގޮތުގެމަތިން ޙަވާލުކޮށްފައިވާ މަސްއޫލިއްޔަތުން ބަރީޢަވެގަނެ، ދިވެހި ދައުލަތުގެ ނަމުގައި ޖިނާއީ ދަޢުވާ އުފުލުމާއި އަދި އެފަދަ ދަޢުވާތައް ލިބިގަތުމުގެ ޤާނޫނީ ވާޖިބުން ރެކެވިދާފަދަ ޝަރުޢީ އަދި ޤާނޫނީވިޔަސް ހަމައެއްނެތްކަމަށްވެސް ވަނީ ބުނެފައެވެ.
" އަދި މިފަދަ ޙާލަތްތަކުގައި ރިއާޔަތްކުރަންޖެހޭ އުޞޫލުތައް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްކާމްތަކާއި ސުޕްރީމް ކޯޓުން މީގެ ކުރިން ނެރެފައިވާ އަމުރުތަކާއި، ޙާލަތުއްޟަރޫރާ މި މަބްދައުގެ މައްޗަށް ރިއާޔަތްކޮށް، ޕްރޮސެކިއުޓަރ ޖެނެރަލް އާ އޭނާގެ ނައިބުގެ މަޤާމަށް މީހަކު ޢައްޔަންކުރެވިފައި އަދި މިވަގުތު ނެތްކަމުގައިވިޔަސް، ދިވެހިރާއްޖޭގެ ޕްރޮސިކިއުޝަން އޮތޯރިޓީގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ޖިނާއީ ދަޢުވާތަށް އުފުލުމާއި އަދި އެފަދަ ދަޢުވާތަކަށް ޖަވާބުދާރީވުމަށްޓަކައި ޖިނާއީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިފައިވާ ކޯޓުތަކަށް ޙާޟިރުވުމަށާއި އަދި އެކަމާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުން އިންތިޒާމްކުރަންޖެހޭ އެންމެހައި ކަންތައްތައް އިންތިޒާމްކުރުމާއެކު އިތުރު އެއްވެސް ޢުޛުރެއް ކުރިމަތިކުރުމަކާނުލައި ސުޕްރީމް ކޯޓުގެ އަމުރާ އެއްގޮތްވާ ގޮތުގެމަތީން މަޤާމުގެ މަސްއޫލިއްޔަތު އަދާކުރަމުން ގެންދިއުމަށާއި ދިވެހިރާއްޖޭގެ ޢަދުލު އިންޞާފް ޤާއިމްކުރުމުގެ ބާރުގެ އެންމެ އިސްފަރާތުގެ ޙައިޘިއްޔަތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިދޭ ޤާނޫނުއަސާސީ އާއި ޤާނޫނުތަކުގެ ބެލެނިވެރިޔާގެ ޙައިޘިއްޔަތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ކަމާބެހޭ ޕްރޮސިކިއުޓަރުންނާއި ދައުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކަށް އަންގާ އަމުރުކޮށްފީމެވެ. " ސުޕްރީމް ކޯޓުގެ ބަޔާނުގައި ބުނަފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ