ފެހެންދޫ ސްކޫލް ފެރީ: ދަރިވަރުންނާއި ބެލެނެވެރިންގެ އުނދަގޫ ދުވަސްތައް ނިމުމަކަށް

މާޅޮސްމަޑުލު ދެކުނުބުރީ ފެހެންދޫ ދަރިިވަރުން އެއަތޮޅު ގޮއިދުއަށް ގެންދިއުމަށް އިންޑިއާ ސަރުކާރުގެ އެހީގައި ބަނދެފައިވާ ސްކޫލް ފެރީ ދިވެހި ސަރުކާރާ ޙަވާލުކޮށްފިއެވެ. 30 މީހުންގެ ޖާގައިގެ މިފެރީ ސަރުކާރާއި ހަވާލުކުރުން އޮތީ މިއަދު އިއްޒުއްދީން ފާލަންކައިރީގައި ބޭއްވިރަސްމިއްޔާތެއްގައެވެ.
ބ.އަތޮޅު ފެހެންދޫއާއި ގޮއިދޫއަކީ އެއް ފަޅެއްގައި އޮންނަ ދެރަށެވެ. ފެހެންދޫ ސްކޫލު ބަންދުކުރި ފަހުން އެތައް އަހަރެއް ވެފައިވާއިރު އެރަށުކުދިން މިހާރުވެސް ސްކޫލަށް ދަނީ ޑިންގީއެއްގައި ވިއްސަކަށް މިނެޓުގެ ދަތުރެއް ކުރުމަށްފަހު އެއަތޮޅު ގޮއިދުއަށެވެ. މިމައްސަލަ ޙައްލުކޮށްދެއްވުމަށް ސަރުކާރުން ފެއްޓެވި މަސައްކަތުގެ ދަށުން އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން، ބަނދެފައިވާ ސްޓޫޑެންޓް ފެރީއަކީ އެންމެ ފަހުގެ ޒަމާނީ ފެންވަރަށް ބަންދެފައިވާ 30 މީހުންގެ ޖާގައިގެ ލޯންޗެކެވެ.
"ފެހެންދޫ ގޮއިދޫ ސްޓޫޑަންޓް ފެރީ" ސަރުކާރާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ވިދާޅުވީ މި ޕްރޮޖެކްޓްގެ ސަބަބުން ފެހެންދޫގެ ދަރިވަރުންނާއި ބެލެނިވެރިންގެ ދިގު އިންތިޒާރަކަށް ނިމުން އަތުވެއްޖެކަމަށެވެ. އަދި މިއީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި އުޅޭ ދަރިވަރުންނަށް ތައުލީމުގެ ފުރުސަތު ހޯދައިދިނުމަށް ސަރުކާރުން ދެއްވާ އިސްކަމުގެ ހެއްކެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި ޕްރޮޖެކްޓް ހިންގާފައިވަނީ 2019ވަނަ އަހަރުގެ މާޗް މަހު އިންޑިއާ ސަރުކާރުން ހަމަޖައްސަވައިދެއްވި ހިލޭ އެހީގެ ދަށުންނެވެ. ވެހޭހާ ވާރެއާއި ދޭހާ އަތްވެއްގައި ފެހެންދޫ ދަރިވަރުން ކިޔެވުމަށްޓަކައި ވަރަށް ދަތިގޮތަކަށް ގޮއިދޫއަށް ދަތުރުކުރާތާ 12 ވަރަކަށް އަހަރުވެފައިވާއިރު، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށްވެސް ފަސޭހައިން ދަތުރުލުރެވޭގޮތަށް ފަރުމާކޮށްފައިވާ، ލޯންޗްފެރީއެއް ލިބުމުގެ ސަބަބުންދަރިވަރުންނާއި ބެލެނިވެރިންނަށް ދިމާވާ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. މިއީ 2.5 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ބަނދެފައިވާ ލޯންޗެކެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައިކޮމިޝަނަރ ސަންޖޭ ސުދީރު ވިދާޅުވީ މި ލޯންޗް ބޭނުންކުރަން ފެށުމުން ފެހެންދޫއާއި ގޮއިދުއާ ދެމެދު ދަރިވަރުން ކުރާ ދަތުރު ފަސޭހަވެ ދަރިވަރުންނާއި ބެލެނިވެރިންގެ ރައްކާތެރިކަން އިތުރުވެގެން ދާނެކަމަށެވެ. މިފަދަ އެހީތެރިކަމެއް ފޯރުކޮށްދެވުމަކީ ލިބޭ އުފަލެއްކަމަށާއި ނިސްބަތުން ކުޑަނަމަވެސް މުޖްތަމަޢަށް ފައިދާހުރި މިފަދަ މަޝްރޫޢުތަކުގެ ސަބަބުން ދިވެހިރާއްޖެއާއި އިންޑިއާގެ ދެމެދުގައިވާ ގާތްގުޅުން ރަމްޒުކޮށްދޭކަމެއް ކަމަށެވެ.
އަދި އިންޑިއާގެ އެހީގެ ދަށުން ހިންގާ މަޝްރޫޢުތަކުގެ ސަބަބުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިހްގެ ސަރުކާރުން ލާމަރުކަޒީ ނިޒާމެއް ގާއިމްކުރުމަށް ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ލިބޭނެކަމަށާއި އަވައްޓެރި ޤަައުމެއްގެ ގޮތުން އިންޑިއާގެ އުންމީދަކީ ދިވެހި ރައްޔިތުންނަށް އިތުރު ފަސޭހަތަކާއި ފައިދާތަކެއް ލިބިގެންދިއުންކަމަށް ސަފީރު ވިދާޅުވިއެވެ.
މި ލޯންޗް ފެރީއަކީ މިދިޔަ އަހަރުގެ މާރިޗު މަހު އިންޑިއާއިން ދިވެހިރާއްޖެއަށް ފޯރުކޮށްދިން 6.9 މިލިއަން ޑޮލަރުގެ ހިލޭ އެހީގެތެރެއިން ރާއްޖޭޣެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ 18 ޕްރޮޖެކްޓްގެ ތެރެއިން ހިމެނޭ ޕްރޮޖެކްޓެކެވެ.
ފެހެންދޫ ދަރިވަރުންނާއި ރައްޔިތުން ގޮއިދޫއަށް ކަނޑުމަގުންކުރާ ދަތުރުތަކަށް ދާއިމީ ހައްލެއް ގެނައުމަށް ފެހެންދޫއާއި ގޮއިދޫ ކޯޒްވޭއަކުން ގުޅާލަން ނިންމައި މިއަހަރުގެ ބަޖެޓުގައި ވަނީ އެމަޝްރޫއު ހިންގުމަށް ދުއިސައްތަ ދިހަހާސް ރުފިޔާ ހިމަނާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ