އިންޑިއާއިން ވަނީ ކަޝްމީރު ޖަލަކަށް ހަދާ، ހައްގުތައް ނިގުޅައިގަނެފަ: ޕާކިސްތާން

އިސްލާމްއާބާދު (އޮގަސްޓު 5): އިންޑިއާއިން ވަނީ ކަޝްމީރު ޖަލަކަށް ހަދާ، އެ ސަރަހައްދުގައި ދިރިއުޅޭ އަށް މިލިއަން މީހުންގެ ހައްގުތައް ނިގުޅައިގަނެފައި ކަމަށް ޕާކިސްތާނުން ބުނެފި އެވެ. ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާންގެ އޮފީހުން ކުރި ޓުވީޓެއްގައިވާ ގޮތުން މިދިޔަ އަހަރު އިންޑިއާއިން ކަޝްމީރަށް ދީފައިވާ ހާއްސަ އިމްތިޔާޒުތައް އުވާލުމުން އެ ސަރަހައްދު ވަނީ ޖަލަކަށް ބަދަލުވެފަ އެވެ. އަދި ފާއިތުވި އަހަރު ތެރޭ ކަޝްމީރު އޮތީ އިންޑިއާގެ އަސްކަރިއްޔާގެ ބާރުގެ ދަށުގައި ކަމަށާއި އެ ސަރަހައްދުގެ އަށް މިލިއަން މީހުންނަށް އެމީހުންގެ ހައްގުތައް ނުލިބޭ ކަމަށް އެ ޓުވީޓުގައިވެ އެވެ. "އިންޑިއާއިން ފަހެއް އޮގަސްޓު 2019ގައި އާޓިކަލް 370 އުވާލުމުން، އެގައުމުން ގަވާއިދާ ހިލާފަށް ހިފާފައިވާ ޖައްމޫ އެންޑް ކަޝްމީރު (އައިއައިއޯޖޭކޭ) ވަނީ ޖަލަކަށް ބަދަލުވެފަ އަދި ފާއިތުވި 365 ދުވަހު އެ ސަރަހައްދު އޮތީ އަސްކަރިއްޔާއިން ވަށާލާފަ. އަށް މިލިއަން މީހުން ދަނީ އިންސާނީ ހައްގުތައް ނުލިބި އަނިޔާއާ ކުރިމަތިލަމުން. އެކަމާ ދެކޮޅަށް އަޑު އުފުލާ،" އެ ޓުވީޓުގައިވެ އެވެ. އިންޑިއާގެ ގާނޫނު އަސާސީއަށް މިދިޔަ އަހަރު ގެނައި ބަދަލުތަކާއެކު އެގައުމުން ކަޝްމީރަށް ދީފައިވާ ހާއްސަ އިމްތިޔާޒުތައް އުވާލާ، އެ ސްޓޭޓަކީ މައި ސަރުކާރުން ހިންގާ ދެ ޔޫނިއަން ޓެރިޓަރީއަކަށް ވަނީ ހަދާފަ އެވެ. އެއީ ޖައްމޫ އެންޑް ކަޝްމީރު އެއް ޓެރިޓަރީއަށް އަދި ލަދާކް ވަކި ޓެރިޓަރީއަކަށެވެ. އެ ބަދަލު ގެނައުމުގެ ކުރިންނާއި ފަހުން އިންޑިއާއިން ވަނީ ކަޝްމީރުގެ ގިނަ އަދަދެއްގެ މީހުން ހައްޔަރުކޮށް، އެ ސަރަހައްދުގައި ހަރަކާތްތެރިވާ ސިފައިންގެ އަދަދު އިތުރުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ