އިންޓަ ސްކޫލް ބެޑްމިންޓަން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މިއަހަރު ބާއްވާ ފުރަތަމަ ހަރަކާތް ކަމަށްވާ " 13 ވަނަ އިންޓަ ސްކޫލް ބެޑްމިންޓަން މުބާރާތް 2015" ގައި ބައިވެރިވުމުގެ ފުރުސަތު އެ އެސޯސިއޭޝަނުން ހުޅުުވާލައިފި އެވެ.
މިއަހަރުގެ އިންޓަ ސްކޫލް ބެޑްމިންޓަން މުބާރާތް ކުރިއަށްދާނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ އަމިއްލަ އިވެންޓުތަކުގެ ކުޅުމާއި ޓީމް އިވެންޓުގެ ކުޅުމެވެ.
އަމިއްލަ އިވެންޓުގެ ކުޅުން ކުރިޔަށްދާނީ ފަސް އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ 9 އަހަރުންދަށް، 12 އަހަރުންދަށް، 14 އަހަރުންދަށް 16 އަހަރުންދަށް އަދި 19 އަހަރުންދަށެވެ. މި ކެޓަގަރީގައި 9 އަހަރުންދަށާއި 12 އަހަރުންދަށުގެ ބައިގައި ކުރިޔަށްދާނީ ހަމައެކަނި ސިންގަލްސް ބައިގެ ކުޅުމެވެ.
އަދި 14 އަހަރުންދަށުގެ ބައިގައި ކުރިޔަށްދާނީ ސިންގަލްސް އަދި ޑަބަލްސް ބައިގެ ކުޅުމެވެ. މީގެއިތުރުން 16 އަހަރާއި 19 އަހަރުންދަށުގެ ބައިގައި ކުރިޔަށްދާނީ ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސްގެ ކުޅުމެވެ. މުބާރާތުގެ ޓީމު އިވެންޓުގެ ކުޅުން ކުރިޔަށްދާނީ ތިން އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ 14 އަހަރުންދަށް 16 އަހަރުންދަށް އަދި 19 އަހަރުންދަށެވެ.
މި މުބާރާތުގައި ބައިވެރިވާން އެދޭ ސްކޫލްތަކާއި އެ ސްކޫލްތަކުގެ ދަރިވަރުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރުމަށްފަހު ސްކޫލް މެދުވެރިކޮށް 1 މާޗު ގެ 14:00 ގެ ކުރިން އެ އެސޯސިއޭޝަނަށް ހުށައެޅުމަށް ވަނީ އަންގާފައެވެ. އަދި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު އެސޯސިއޭޝަނުގެ ރަސްމީ ވެބްސައިޓުން ލިބޭނެ ކަމަށް އެ އެސޯސިއޭޝަނުން މައުލޫމާތުދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ