ސިވިލް ކޯޓުން މިދިޔަ އަހަރު 3203 މައްސަލަ ނިންމައިފި

ސިވިލް ކޯޓުން މިދިޔަ އަހަރު ނިންމި މައްސަލަތައް އޭގެ ކުރީގެ އަހަރާއި އަޅާ ބަލާއިރު 32.7 އިންސައްތަ އިތުރު ވެއްޖެ އެވެ.
ސިވިލް ކޯޓުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ 2013 ވަނަ އަހަރު އެކޯޓުން ނިންމާފައިވަނީ 2154 މައްސަލައެވެ. ނަމަވެސް މިދިޔަ 2014 ވަނަ އަހަރު އެ ކޯޓުން 3203 މައްސަލަ ނިންމާފައިވެ އެވެ.
ސިވިލް ކޯޓަށް މިދިޔަ އަހަރު ހުށަހެޅި ޖުމްލަ 2589 މައްސަލައިގެ ތެރެއިން 1287 މައްސަލަ އެކޯޓުން ވަނީ ނިންމާފަ އެވެ.
ސިވިލް ކޯޓުން މިދިޔަ އަހަރު ބޭއްވުނު ޝަރީއަތުގެ އަޑުއެހުންތަކަށް ހާޒިރުވުމަށް 27209 މީހުންނަށް އަމުރު ހަވާލުކޮށްފައިވާއިރު 1915 މައްސަލައެއްގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް ދޫކޮށްފައިވެ އެވެ.
ކޯޓު ތަކާއި ބެހޭ ގާނޫނުގެ ދަށުން ޕަވަ އޮފް އެޓާނީއާއި ރަހުނު ރަޖިސްޓްރީ ކުރުމާއި، މަދަނީ އެހެނިހެން މައްސަަލަތަކުގެ ލިޔެކިޔުންތައް ރަޖިސްޓްރީ ކޮށްދެމުންގެންދަނީ ސިވިލް ކޯޓުންނެވެ. އެގޮތުން މިދިޔަ އަހަރު 378 ޕަވަ އޮފް އެޓާނީ އަދި 776 އެއްބަސްވުން ސިވިލް ކޯޓުން ރަޖިސްޓްރީކޮށްފައިވެ އެވެ.
ސިވިލް ކޯޓަކީ އަހަރެއްގެ މައްޗަށް އެންމެ ގިނައިން މައްސަލަ ނިންމާ އެއް ކޯޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ