ޝިފާން މަރާލި މައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް ހައި ކޯޓުން ދެވަނަ ފަހަރަށް ނިންމާލައިފި

ވެސްޓްޕާކް ކައިރީގައި ތޫނު އެއްޗަކުން ހަމަލާދީ މއ. ފެއަރީކޯނާ އަލީ ޝިފާން މަރާލި މައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް ހައި ކޯޓުން ދެވަނަ ފަހަރަށް މިއަދު ނިންމާލައިފި އެވެ.
ޝިފާނަށް ހަމަލާދީ މަރާލި މައްސަލައިގައި ހަ މީހެއްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާކުރި ނަމަވެސް އެއިން އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް އެ ކޯޓުން ހުކުމް ކުރުމުން އޭގެ ތެރެއިން ތިން މީހެއްގެ މައްސަލަ ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.
އެތިން މީހުންނަކީ މ. ދިންމަނަ އަބްދުﷲ ތިލްމީޒް، ދަފްތަރު ނަންބަރު 3912 މުހައްމަދު ޝައިފަން އަދި މ. ސިލްވަރެސްޓް މުހައްމަދު މިޝާން އަބްދުލްޚާދީ އެވެ.
އެ މައްސަލައިގެ ހުރިހާ އަޑުއެހުންތައް ކުރިން ހައި ކޯޓުން ނިންމާލާފައި ވަނިކޮށް މިއަދު އެ މައްސަލައިގެ އިތުރު އަޑުއެހުމެއް ބޭއްވީ އެ މައްސަލަ ބައްލަވާ ފަސް ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ފަނޑިޔާރަކު ބަދަލުވެފައިވާތީ އިޖްރާއީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށެވެ. ކުރިން އެ ބެންޗުގައި އިންނެވި ފަނޑިޔާރު ޔޫސުފް ހުސައިން ރިޓަޔާކޮށްފައިވާތީ މިހާރު އޭނާގެ ބަދަލުގައި އެ ބެންޗުގައި އިންނަވަނީ ފަނޑިޔާރު އައްބާސް ޝަރީފް އެެވެ.
ފަނޑިޔާރުން ބަދަލުވުމުން މައްސަލަ ޚުލާސާކޮށް އަލުން ހުށަހެޅުމަށާއި ކުރިން ދައްކާފައިވާ ވާހަކަތައް ޚުލާސާކޮށް ކިޔައިދިނުމަށް ދިން ފުރުސަތުގައި ދައުލަތަށާއި ދައުވާ ލިބޭ ތިން މީހުންގެ ވަކީލުން ވެސް ބުނެފައިވަނީ އިތުރު ވާހަކައެއް ނެތް ކަމަށާއި ކުރީގެ ވާހަކަތަކަށް ރިއާޔަތްކޮށް މައްސަލަ ނިންމައި ދިނުމަށް އެދޭ ކަމަށެވެ.
އަޑުއެހުން ނިންމާލަމުން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް ވިދާޅުވީ އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ