2018 ވަނަ އަހަރަށް މަޑުކޮށްގެން ތިބެއްޖެނަމަ އިންސާފުވެރި އިންތިހާބެއް ނުލިބޭނެ: ނަޝީދު

2018 ވަނަ އަހަރަށް މަޑުކޮށްގެން ތިބެއްޖެ ނަމަ އިންސާފުވެރި އިންތިހާބެއް ރައްޔިތުންނަށް ނުލިބޭނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ "ޤާނޫނު އަސާސީގެ ދިފާއުގައި ދިވެހިން" މިނަމުގައި ގިނަ އަދަދެއްގެ ބަޔަކާއެކު އެމްޑީޕީ އާއި ޖޭޕީ ގުޅިގެން މިރޭ ކާނިވަލްގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ، ރާއްޖެ ވަނީ ބޮޑު ބަދަލަކާއި ދިމާލަށް މިސްރާބު ޖަހާފައި ކަމަށާއި، ރައްޔިތުންގެ އުއްމީދުތައް ހަގީގަތަކަށް ހެދުމަށް ރައްޔިތުން ނިކުމެފައިވާ ކަމަށެވެ. އަދި ރައްޔިތުން އެދެނީ ބަރުލަމާނީ ނިޒާމްއަކަށް ކަމަށެވެ.
"ރައްޔިތުން އެދެނީ ބަރުލަމާނީ ނިޒާމްއަކަށް. އެމްޑީޕީ ކުރިއަށްދާނީ ވަތަން އެދޭ ގޮތަށް. ޖުމްހޫރީ ޕާޓީގެ ހުރިހާ މެމްބަރުންނަށް ޔަގީންކަން އަރުވަނީ ގާސިމްވާ ހާލުކޮޅެއްގައި ވުމަށް. އެކަމުގެ ޔަގީން ކަން އަރުވަން. " ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، ޑިމޮކްރަސީގެ މަގުގައި ދިވެހި ފަށާފައިވާ ދަތުރު ގެއްލިގެންދާނެ ކަމުގެ ބިރުހީވެފައިވާ ކަމަށާއި ރައީސް ޔާމިންގެ ސަރުކާރަކީ ހުދުމުހުތާރު ސަރުކާރެއް ކަމަށެވެ. އަދި ކޯނީގެ ރިޕޯޓް ހުރިހާ ސިޔާސީ ބޭފުޅުން ގަބޫލުފުޅުކުރައްވަންޖެހޭނެ ކަމަށާއި މި ސަރުކާރުގެ ގާނޫނީ ހައިސިއްޔަތު ގެއްލިފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"ރައްޔިތުންގެ ރުހުމާއި ނުލާ ހަމައެކަނި ވެރިކަން ކުރެވޭނީ ހުދުމުހުތާރު ވެރިކަމުގެ ނިޒާމްތަކުގައި. ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން ހުންނެވީ 25 އިންސައްތަ ވޯޓާއެކުގައި. ދިވެހި ރާއްޖޭގެ ތާރީހުގައި ގާނޫނު އަސާސީ ތަސައްވަރުކުރާފަދަ ވެރިކަމެއް ގާއިމް ކުރެވިފައެއް ނުވެ." ނަޝީދު ވިދާޅުވި އެވެ.
ޖޭޕީ އާއި އެމްޑީޕީން މިރޭ ބޭއްވި ބޮޑު ޖަލްސާގައި ގާނޫނު އަސާސީ ދިފާއު ކުރުމުގެ ނަމުގައި އެދެޕާޓީ ގުޅިގެން މަސައްކަތް ކުރަން މަޝްވަރާކޮށް އެކުލަވައިލި އެގްރީމެންޓްގައި ވަނީ ސޮއި ކޮށްފައެވެ. އަދި އެއްބަސްވުމުގައި ހެކިންގެ ގޮތު ސޮއި ކުރެއްވީ ޖޭޕީގެ ނައިބު ލީޑަރު އަމީން އިބްރާހީމާއި، އެމްޑީޕީގެ ޗެއާޕާޝަން އަލީ ވަހީދެވެ.
މީގެ އިތުރުން އެމްޑީޕީއާއި ޖޭޕީން ވަނީ އެދެ ޕާޓީ ގުޅިގެން ޖޮއިންޓް އިންޓަ ޕާޓީ ޕާލަމެންޓްރީ ގްރޫޕަކާއި ޖޮއިންޓް ކޮމިނެއް ވެސް އުފައްދާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ