އެއްވެސް ބާވަތެއްގެ ފިއްތުންތަކާއި ވިޔަފާރީގެ ދެކޮޅުވެރިވުންތަކާ އިންޑޮނޭޝިއާ އާއި ޗައިނާ ގުޅިގެން މަސައްކަތް ކުރުމަށް ޗައިނާގެ ހާރިޖީ ވަޒީރު އިއްޔެ ގޮވާލައްވައިފި އެވެ.
ޗައިނާގެ ހާރިޖީ ވަޒީރު ވަންގް ޔީ ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ ސަރަހައްދީ އިގްތިސާދީ އެއްބައިވަންތަކަން ދެ ފަރާތުން ގުޅިގެން ހަލުވިކޮށް، އިންޑަސްޓްރިއަލް ޗެއިން އާއި ސަޕްލައި ޗެއިންގެ ހަމަޖެހުން ދަމަހައްޓަން ޖެހޭ ކަމަށެވެ.
އެ ނޫސްވެރިންގެ ބައްދަލުވުން ބާއްވާފައި މިވަނީ އިންޑޮނޭޝިއާގެ ފޮރިން މިނިސްޓަރާއި ސަފީރާ އެކު ބޭއްވި ބައްދަލުވުމުކަށް ފަހު އެވެ.
އެ ބައްދަލުކުރެއްވުމުގައި މިދިޔަ ހަފުތާގައި ވޮޝިންޓަންގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯއާ ބައްދަލުކުރެއްވި އިންޑޮނޭޝިއާގެ ހާރިޖީ ވަޒީރު ސުޖިއޯނޯގެ އިތުރުން ޑިފެންސް މިނިސްޓަރު ސްޖަފްރީ ސްޖަމްސޯއްދީން ވެސް ހިމެނިވަޑައިގަންނަވަ އެވެ.
ސުޖިއޯނޯ އަކީ އިންޑޮނީޝިއާއިން އެމެރިކާއަށް އެކްސްޕޯޓް ކުރާ މުދަލުން ނަގާ އިމްޕޯޓް ޑިއުޓީ ކުޑަކުރުމުގެ މަޝްވަރާތަކުގައި މިދިޔަ ހަފުތާގައި ވޮޝިންޓަނަށް ވަޑައިގެންނެވި އިންޑޮނޭޝިއާގެ މަތީ ފެންވަރުގެ ވަފުދުގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ. ރޮއިޓާސްއިން ބުނި ގޮތުގައި، އިގްތިސާދީ ވަޒީރުން އަދި ވެސް ހުންނެވީ އެމެރިކާގަ އެވެ.
ޗައިނާގެ ބައްދަލުވުމަށް ފަހު ސްޖަފްރީ ވިދާޅުވީ 2+2 ބައްދަލުވުމަކީ ކާމިޔާބު ބައްދަލުވުމެއް ކަމަށެވެ. އަދި ޗައިނާ އާއި އިންޑޮނޭޝިޔާގެ ގުޅުން އެ ބައްދަލުވުމުގެ ސަބަބުން އިތުރަށް ހަރުދަނާވެގެން ދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އުންމީދު ކުރަނީ މި މަޝްވަރާގެ ސަބަބުން ދިފާއީ ދާއިރާއިން އިންޑޮނޭޝިއާ އާއި ޗައިނާއާ ދެމެދު ސްޓްރެޓެޖިކް ޕާޓްނާޝިޕް ހަރުދަނާ ކުރުމަށް ފިޔަވަޅުތަކެއް އެޅޭނެ ކަމަށް،" ޑިފެންސް މިނިސްޓަރު ވިދާޅުވި އެވެ.
ފިއްތުންތަކާ ދެކޮޅަށް ޗައިނާ-އިންޑޮނޭޝިއާ ގުޅިގެން މަސައްކަތް ކުރުމަށް ޗައިނާގެ ހާރިޖީ ވަޒީރު ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ