އޮސްޓްރޭލިއާއިން އެމްއެންޑީއެފް ކޯސްޓް ގާޑަށް ގާޑިއަން-ކްލާސް ޕެޓްރޯލް ބޯޓެއް ހަދިޔާކުރަނީ

އޮސްޓްރޭލިއާއިން އެމްއެންޑީއެފް ކޯސްޓް ގާޑަށް ގާޑިއަން-ކްލާސް ޕެޓްރޯލް ބޯޓެއް ހަދިޔާކުރަން ނިންމައިފިއެވެ.
މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީ އިން ބުނީ އޮސްޓްރޭލިއާ އިން އެ އުޅަނދު ރާއްޖެއަށް ހަދިޔާކުރަނީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި ރައްކާތެރިކަން ދެމެހެއްޓުމަށް ދެ ގައުމުން ކުރާ މަސައްކަތުގެ ދަށުން ކަމަށާއި، މި ކަމުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ވެގެން ދާނެ ކަމަށެވެ.
ފޮރިން މިނިސްޓްރީ އިން ބުނީ މި ޕެޓްރޯލް އުޅަނދުގެ އިތުރުންވެސް އޮސްޓްރޭލިއާއިން ހައި ލެވެލްގެ އެކޯ ސައުންޑާއެއްވެސް ހަދިޔާ ކުރާނެ ކަމަށެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހިމާޔަތްކުރުމުގެ ގާބިލުކަންވެސް އިތުރުވެގެންދާނެ ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފައެވެ.
މިކަމާ ގުޅިގެން މިނިސްޓަރު ގައްސާން ވަނީ ރާއްޖޭގެ ގައުމީ ދިފާއީ ބާރަށް އެފަދަ ބޯޓެއް ހަމަޖެއްސުމަކީ، ދެ ގައުމުގެ ދެމެދުގައި އޮތް ހަރުދަނާ ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށް ވިދާޅުވެ އޮސްޓްރޭލިއާ ސަރުކާރަށް ޝުކުރު ދަންނަވާފައެވެ.
އަދި މި މަސައްކަތުގެ ސަބަބުން ރާއްޖޭގެ ކޯސްޓުގާޑުގެ މަސައްކަތް ހަރުދަނާވެގެންދާނެ ކަމަށާއި، ރައީސް މުއިއްޒުގެ ތަސައްވަރުފުޅު ހާސިލުކުރުމަށްވެސް މަގުފަހިވެގެންދާނެ ކަމަށް ގައްސާން ވަނީ ވިދާޅުވެފައެވެ.
ޕެޓްރޯލް ބޯޓަކީ ކަނޑުގެ ސަރަހައްދު ބަލަހައްޓަން ބޭނުންކުރާ އަސްކަރީ އުޅަނދެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ