ދުނިޔޭގެ ޓޮޕް 10ގައި އޮތް ސިޔާމް ވޯލްޑަށް އޭޝިއާއިން ހަތަރު ވަނަ، މުޅި ރާއްޖެއިން އެއްވަނަ
ފަތުރުވެރިކަމާއި ދަތުރުފަތުރާ ގުޅުންހުރި އެންމެ ބޮޑު ޕްލެޓްފޯމް ކަމަށްވާ ޓްރިޕްއެޑްވައިޒާގެ، ދުނިޔޭގެ އެންމެ މޮޅު 10 ހޮޓެލްތަކުގެ ތެރޭގައި ހިމެނޭ ސިޔާމް ވޯލްޑް މޯލްޑިވްސް، އޭޝިއާއިން ހަތަރު ވަނަ އަދި މުޅި ރާއްޖެއިން އެއްވަނަ ހޮޓެލްގެ ގޮތުގައި ފަތުރުވެރިން ހޮވައިފިއެވެ. ޓްރިޕްއެޑްވައިޒާއިން ކޮންމެ އަހަރަކު ވެސް، އެ ޕްލެޓްފޯމްގައި އެންމެ ގިނަަ ބަޔެއްގެ މެދުގައި މަގުބޫލު މަންޒިލްތަކާއި ހޮޓެލްތަކާއި ރެސްޓޯރެންޓުތައް ފަދަ ތަންތަނުގެ ލިސްޓުތައް އާންމުކުރެއެވެ. އެ ލިސްޓުތައް އެކުލަވައިލަނީ އެއް އަހަރު ދުވަހުގެ މުއްދަތުގައި މީހުން ދީފައިވާ ރިވިއުތަކާއި ރޭޓިންތަކަށް ބަލައިގެންނެވެ. https://sun.mv/205467 މީގެ ކުރިން އެ ޕްލެޓްފޯމުން، މުޅި ދުނިޔެއިން އެންމެ މަގުބޫލު ހޮޓެލްތަކުގެ ލިސްޓު އާންމުކޮށްފައިވާއިރު، ސިޔާމް ވޯލްޑްއިން ވަނީ ގަދަ 10އިން ޖާގަ ހޯދައިފައެވެ. ސިޔާމް ވޯލްޑް؛ ފަސް ތަރީގެ ލަގްޒަރީ ރިސޯޓެއް ކަމަށްވާ ސިޔާމް ވޯލްޑް ހުޅުވައިފައިވަނީ 2021ގައި -- ފޮޓޯ/ ސިޔާމް ވޯލްޑް މިހާރު ޓްރިޕްއެޑްވައިޒާއިން ވަނީ ފަތުރުވެރިންގެ މެދުގައި މުޅި އޭޝިއާއިންނާއި ރާއްޖެއިން އެންމެ މަގުބޫލު ހޮޓެލްތަކުގެ ލިސްޓު އާންމުކޮށްފައެވެ. އެ ލިސްޓުގައިވާ ގޮތުން، އޭޝިއާގެ 'ބެސްޓް އޮފް ދަ ބެސްޓް ހޮޓެލްސް'ގެ ތެރެއިން ހަތަރު ވަނަ ލިބިފައިވަނީ ސިޔާމް ވޯލްޑަށެވެ. އަދި އެ ލިސްޓުގެ ވަކި ކެޓެގަރީތަކުގެ ތެރެއިން، އެންމެ މަގުބޫލު އޯލް-އިންކްލޫސިވް ހޮޓަލަކަށް ހޮވިފައިވަނީ ވެސް ސިޔާމް ވޯލްޑެވެ. ހަމަ އެ ކެޓަގަރީތަކުގެ ތެރޭގައި ރާއްޖެއަށް ވަކި ލިސްޓެއް ހަދައިފައިވާއިރު، މި ގައުމުން އެންމެ ގިނަ ބަޔަކަށް ކަމުދާ ހޮޓަލުގެ ގޮތުގައި ފާހަގަކޮށްފައިވަނީ ސިޔާމް ވޯލްޑެވެ. ޓްރިޕްއެޑްވައިޒާއިން ވަނީ އެ ޕްލެޓްފޯމްގެ ޓްރެވެލާސް ޗޮއިސް އެވޯޑްސްގެ ބެސްޓް އޮފް ދަ ބެސްޓްއަކީ، ދަތުރުވެރިންނަށް އެފަދަ ދެވަނައެއް ނެތް ތަންތަނުގެ ލިސްޓެއް ކަމަށް ބުނެފައެވެ. އަދި އެ މަންޒިލްތަކާ ގުޅޭ ގޮތުން ދަތުރުވެރިން އެންމެ ރަނގަޅު ރިވިއުތަކާއި ޚިޔާލުތައް ދީގެން ހަދާ މި ލިސްޓުން ޖާގަ ލިބެނީ، ޓްރިޕްއެޑްވައިޒާގައި ހިމެނޭ އަށް މިލިއަން މަންޒިލުގެ ތެރެއިން އެއް ޕަސެންޓަށް ވުރެ ވެސް މަދު ތަންތަނަށް ކަމަށް އެ ޕްލެޓްފޯމުން ފާހަގަކުރެއެވެ. ސިޔާމް ވޯލްޑް: ރާއްޖޭގެ ފުރަތަމަ އިލެކްޓްރިކް ގޯ-ކާޓް ޓްރެކް ހުޅުވައިފައި ވަނީ މި ރިސޯޓުގައި -- ފޮޓޯ/ ސިޔާމް ވޯލްޑް ނ. އަތޮޅުގައި ތަރައްގީކޮށްފައިވާ ސިޔާމް ވޯލްޑަށް 4،999 ރިވިއު ލިބިފައިވާއިރު، ރޭޓިން އުޅެނީ 4.9ގައެވެ. ޓްރިޕްއެޑްވައިޒާއިން ސިޔާމް ވޯލްޑް ފާހަގަކޮށްފައިވަނީ އާއިލާ އެއްކޮށް ޗުއްޓީއަށް ދާން ހިތްގައިމު، ކުޑަކުދިންނާއި ބޮޑު މީހުންނަށް ވެސް ކަމުދާނެ ފަދަ ވަސީލަތްތައް ހިމެނޭ ރިސޯޓެއްގެ ގޮތުގައެވެ. އަދި ސިޔާމް ވޯލްޑްއިން ގިނަ ބަޔަކަށް އެންމެ ކަމުދާ ކަމަށް ފާހަގަކޮށްފައިވަނީ ގޮނޑުދޮށާއި، ޕޫލާއި ސަންޑެކްއެވެ. ފަސް ތަރީގެ ލަގްޒަރީ ރިސޯޓެއް ކަމަށްވާ ސިޔާމް ވޯލްޑް ހުޅުވައިފައިވަނީ 2021ގައެވެ. އެ ރިސޯޓުގައި ތިން ކެޓަގަރީއެއްގެ 16 އެކޮމޮޑޭޝަން ހިމެނެއެވެ. އެއީ ބީޗް ވިލާއާއި ވޯޓާ ވިލާއާއި ރެޒިޑެންސެސްއެވެ. މި ރިސޯޓަކީ ރާއްޖޭގައި ވަރަށް ތަފާތު ތަޖުރިބާތަކެއް ކުރުމަށް ފުރުސަތު ފަހިކޮށްފައިވާ ރިސޯޓެވެ. އެގޮތުން، އިންޑިއާ ކަނޑުގެ އެންމެ ބޮޑު ފޮލޯޓިން ވޯޓާ ޕާކު އަޅައިފައި އޮންނަނީ ސިޔާމް ވޯލްޑްގައި ކަމަށްވާއިރު، ރާއްޖޭގެ ފުރަތަމަ އިލެކްޓްރިކް ގޯ-ކާޓް ޓްރެކް ވެސް ހުޅުވައިފައި ވަނީ މި ރިސޯޓުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ