މާލޭ ކައުންސިލަށް ގޮސްގެން ފްލެޓު ލިސްޓަށް ޝަކުވާ ހުށަހެޅޭ ގޮތް ހަދައިފި

'ގެދޮރުވެރިޔާ' ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހަޅަން ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމު މާލޭ ސިޓީ ކައުންސިލުގައި ހަމަޖައްސައިފި އެވެ.
ވީ ކިހިނެއް؟ - އާ ލިސްޓުގައި ޝަރުތުހަމަވާ ކަމަށް ކަނޑައަޅާފައިވާ ގޮތާއި ޝަރުތު ހަމަނުވާ ކަމަށް ނިންމައި ފްލެޓް ލިބޭ މީހުންގެ ލިސްޓުން އުނިކޮށްފައިވާ ގޮތާ ބެހޭ ގޮތުން ގިނަ ބައެއްގެ ޝަކުވާ ބޮޑުވެފައިވާއިރު، ޝަކުވާ ހުށަހެޅުމުގެ މުއްދަތު އަންނަ މަހުގެ 15އާ ހަމައަށް ހައުސިން މިިނިސްޓްރީން މިހާރު ވަނީ އިތުރުކޮށްފަ އެވެ.
ތަފްސީލް - މާލޭ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ބޭނުންވާ މީހުންނަށް އެ ކައުންސިލުގެ އާއްމު ހިދުމަތްތަކާ ބެހޭ ބައިގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.
ކައުންސިލުން ބުނީ:
އެކަން ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ މަހުގެ 15އާ ހަމައަށް
މިއަދުން ފެށިގެން އަންނަ މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް އެ ހިދުމަތް ލިބޭނީ ހެނދުނު 10 އިން މެންދުރު ފަހު 2:30އަށް؛ ރޭގަނޑު 9:30 އިން 11 ޖެހުމާ ހަމައަށް ވެސް އެ ހިދުމަތް ލިބޭނެ
އަންނަ މަހު 6 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށް ހިދުމަތް ލިބޭނީ ހެނދުނު 9 އިން ހަވީރު 4އަށް؛ ރޭގަނޑު 9 އިން 11އާ ހަމައަށް އެ ހިދުމަތް ލިބޭނެ
އެނގުން މުހިންމު - ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހިންގި އެ ސްކީމުގެ ދަށުން އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ހުޅުމާލޭގައި އަޅާ 4،000 ހައުސިން ޔުނިޓު ލިބޭ މީހުން އެ ސަރުކާރުގެ ފަހުކޮޅުގައި އޮތީ ކަނޑައަޅާފަ އެވެ.
އެކަމަކު ރައީސް މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އާ ސަރުކާރުން ބޭނުންވީ އެ ލިސްޓު މުރާޖައާ ކުރާށެވެ. އެހެންވެ، ލިސްޓު އަލުން ބެލުމަށް ފަހު މިދިޔަ މަހުގެ ފަހުކޮޅު އާ ލިސްޓެއް ވަނީ އާންމުކޮށްފަ އެވެ. އެ ލިސްޓުގައި ފްލެޓް ލިބުމަށް ޝަރުތުހަމަވާ ކަމަށް ކަނޑައަޅާފައި އޮތީ އެންމެ 1،820 މީހުންނަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ