ދިރާގާއި ކްލީން މޯލްޑިވްސް ގުޅިގެން ދިއްދޫގައި 2،000 ގަސް އިންދައިފި
ދިރާގާއި ކްލީން މޯލްޑިވްސް ގުޅިގެން ހއ. ދިއްދޫގައި "ދިރާގު ގޯ ގްރީން 2025"ގެ ޚާއްސަ ހަރަކާތްތަކެއް ކާމިޔާބު ކަމާއެކު ކުރިޔަށް ގެންގޮސްފިއެވެ. ތިމާވެށީގެ ދުވަހާ ގުޅުވައިގެން ޖޫންމަހުގެ ދެވަނަ ދުވަހުން ހަތަރަކަށް ކުރިޔަށް ގެންދިޔަ މި ހަރަކާތުގެ މަގުސަދަކީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގެ އިތުރުން، މި ފަދަ ކަންކަމުގައި މުޖުތަމައުގެ ބައިވެރިވުން އިތުރު ކުރުމެވެ. މި ތިން ދުވަހުގެ ހަރަކާތަކީ ދިއްދޫ ކައުންސިލާއި، ދިއްދޫ ކުރިމަގު ޖަމިއްޔާއާއި ލޯކަލް އެންޖީއޯތައް އަދި ސްކޫލް ކުދިންގެ އިތުރުން، އާންމުންގެ ގިނަ ފަރާތްތަކެއްގެ އެއްބާރުލުމާއެކު ކުރިޔަށް ގެންދެވުނު ހަރަކާތެއް ކަމަށް ދިރާގުން ބުނެއެވެ. ދިރާގުން ބުނީ މި ހަރަކާތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ހަރަކާތަކީ ހއ. ދިއްދޫގައި ހިންގުނު ގަސް އިންދުމުގެ ޕްރޮގްރާމް ކަމަށެވެ. މި ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން، އެ ރަށުގެ އެކި ހިސާބުތަކުގައި 2،000 ގަސް ވަނީ އިންދައިފައެވެ. މި އިންދި ގަސްގަހަކީ ދިގު މުއްދަތަށް ފައިދާ ލިބޭ ބާވަތުގެ ގަސް ކަމަށް ދިރާގުން ބުންޏެވެ. މީގެ ތެރޭގައި އަނބުގަހާއި، ފޭރުގަހާއި، ރޯސް އެޕަލް އަދި އެކި ބާވަތްތަކުގެ ހިޔާ ލިބޭ ގަސްތައް ހިމެނެއެވެ. މީގެ ތެރެއިން 1،000 ގަހަކީ ދިރާގުން ހަދިޔާކޮށްފައިވާ ގަހެވެ. ދިރާގު ގޯ ގްރީންގެ ދަށުން ހިންގި މުހިންމު ހަރަކާތްތައް ހއ. ދިއްދޫ ގޭގެއަށް މޭވާ އަޅާ ގަސް ހަދިޔާކުރުން ކުނި މެނޭޖުކުރުމާއި، ރީސައިކަލް ކުރުމާއި، ގަސްއިންދުމުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ފައިދާތަކާބެހޭގޮތުން ސްކޫލް ކުދިންނާއި އާންމުން ހޭލުންތެރިކުރަން ސެޝަންތަކެއް ބޭއްވުން ސިންގަލް ޔޫސް ޕްލާސްޓިކް މަދުކުރުމާ ބެހޭ ގޮތުން ދިއްދޫ ކައުންސިލާއި ދިއްދޫ ކުރިމަގު ޖަމިއްޔާގެ ބައިވެރިވުމާއެކު ޕެނަލް ޑިސްކަޝަނެއް ބޭއްވުން ކުޑަކުދިންނާއި ޒުވާނުންނަށް ޚާއްސަކޮށްގެން ސަސްޓެެއިނެބިލިޓީއާ ގުޅޭ ތީމްތަކަށް ކުރެހުމުގެ މުބާރާތެއް ބާއްވައި، އިކޯ ފްރެންޑްލީ އިނާމުތައް ދިނުން ސިންގަލް ޔޫސް ޕްލާސްޓިކު މަދުކުރުމަށް ދިރާގުން ހަރަކާތުގެ ބައިވެރިންނަށް ރީޔޫޒަބަލް ކޮތަޅު ހަދިޔާކުރުން މި ހަރަކާތްތަކާ ގުޅިގެން ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ސީނިއާ މެނޭޖަރު ބިޝާރާ ހަމީދު ވިދާޅުވީ، މިއީ ފަސް މިލިއަން ގަސް އިންދުމުގެ ގައުމީ ހަރަކާތަށް އެއްބާރުލުންދީ، ރާއްޖޭގެ ގުދުރަތީ ރީތިކަން ދަމަހައްޓައި، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން ރައްކާތެރިވުމުގެ މަގުސަދުގައި ހިންގޭ ހަރަކާތެއް ކަމަށެވެ، "ތިމާވެށި ރައްކާތެރިކުރުމަށް ދިރާގުން ދޭ އިސްކަމުގެ ދަށުން ކްލީން މޯލްޑިވްސްއާ ގުޅިގެން މި ހިންގުނު ހަރަކާތަކީ، ދެމެހެއްޓެނިވި އާދަތައް މުޖުތަމައުގައި ކުރިއެރުވުމަށް މަގުފަހިކޮށްދޭ ޕްރޮގްރާމެއް،" ބިޝާރާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ސަސްޓެއިނިބިލިޓީއަކީ ހަމައެކަނި އަމާޒެއް ނޫން ކަމަށާއި، އެއީ އަންނަން އޮތް ޖީލުތަކަށް ކުރާ ވައުދެއް ކަމަށެވެ. އަދި ދިރާގުގެ އުންމީދަކީ މި ޕްރޮގްރާމުގެ ދަށުން ކުރެވޭ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، މިއަށްވުރެ ފެހި، ދުޅަހެޔޮ ރާއްޖެއެއް ކަށަވަރުކޮށްދިނުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މި ހަރަކާތުގެ ސަބަބުން ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް މުޖުތަމައު އިތުރަށް ބާރުވެރިކޮށް، ދިގު މުއްދަތަކަށް މި ހަރަކާތްތަކުގެ ފައިދާ ލިބިގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ