އަމީން ސީޕީއަށް ގުޅުއްވުން ބަލައިނުގަނެވޭ: ކޮމިޝަން

މާލޭގެ އިމާރާތަކުން ޒުވާން އަންހެނަކު ވެއްޓުނު ހާދިސާގައި، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އަމިއްލަ މަސްލަހަތު އޮތް މައްސަލައެއްގައި، ފުލުހުންގެ އެއްވެސް އޮފިސަރަކަށް ގުޅައި، މައްސަލައާ މެދު އެއްވެސް ވާހަކައެއް ދެއްކެވުމަކީ ބަލައިގަންނަން ދަތިކަމެއް ކަމަށް އެ ހާދިސާ ތަހުގީގުކުރަން އުފެއްދި ހާއްސަ ކޮމިޝަނުގެ ރިޕޯޓުގައި ބުނެފި އެވެ.މިދިޔަ އޭޕްރިލް މަހު 18 ވަނަ ދުވަހު ޔުމްނު ހ. މިޓާޒް ގޭގެ ފުރާޅު މަތިން ޔުމްނު ފެނުމުގެ ކުރިން، އޭނާގެ ހަރަކާތްތައް ތަހުގީގު ބަލައިފައިވާއިރު، ޔުމްނުއާއި އޭނާއާ އެކު އުޅުނު މީހުން ފުރަތަމަ ދިޔައީ މއ. މާންދޫގެދެކުނުގެއަށްކަން ހާމަވެފައިވެއެވެ. އެ ގެއަކީ މިނިސްޓަރު އަމީންގެ އާއިލީ ގެކޮޅެވެ.އެ މައްސަލައިގައި އަމީނަށް ބޮޑުބޭބެ ކިޔައި ދެ މީހަކު ވެސް ޝާމިލުވާތީ، އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއެވެ.ކޮމިޝަންގެ ތަހުގީގުގައި އަމީންގެ ބަޔާނެއް ނަގާފައިވެ އެވެ. އެ ރިޕޯޓުގައި ބުނީ އަމީން ކުރީގެ ސީޕީ ޝުޖާއުއަށް ގުޅި އެއް ސަބަބަކީ، އޭނާ ދިރިއުޅުއްވާ "ގޭގެ އެހެން އޯނަރުންނާ (އަމީންގެ އެއްބަނޑު އެއްބަފާ މީހުންނާ) ވާހަކަ ދެއްކުމަށް ފަހު މއ. މާންދޫގޭގެދެކުނުގެއަށް ފުލުހުން ވަންނަން ކޯޓު އަމުރެއް ބޭނުންނުވާނެކަން ބަޔާންކުރުމަށް، މޯލްޑިވްސް ޕޮލިސް ސާވިސްގެ ތަހުގީގަށް ފަސޭހަކޮށްދިނުމަށް އެއިރުގެ ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއުއަށް އެ ވާހަކަ ދެންނެވުމަށް" ކަމަށެވެ. އެ ރިޕޯޓުގައިވަނީ، ޔުމްނުގެ މައްސަލައިގައި ފުލުހުން ޕްރެސްއެއް ކުރިއަށްދަނިކޮށް އަމީން ގުޅުއްވީ ހެޔޮ ނިޔަތެއްގައި ނަމަވެސް ފުލުހުންގެ އެއްވެސް އޮފިސަރަކަށް މިނިސްޓަރު ގުޅުއްވައި، މައްސަލައާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ދެއްކުމަކީ އާންމު މީހެއްގެ ވިސްނުމުން ބެލި ނަމަވެސް ބަލައިގަންނަން ދަތިކަމެއް ކަމަށް ކޮމިޝަނަށް ފެންނަ ކަމަށެވެ. ނަމަވެސް އެ ފޯނު ކޯލުގެ ސަބަބުން ތަހުގީގަށް އެއްވެސް އަސަރެއް ކޮށްފައިވާކަމަށް ކޮމިޝަނަށް ނުފެންނަ ކަމަށް ރިޕޯޓުގައިވެއެވެ.އަމީންގެ ފޯނު ކޯލާ ގުޅޭ ގޮތުން ޝުޖާއު ވިދާޅުވި ކަމަށް ރިޕޯޓުގައި ވަނީ، ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން ގުޅުއްވުމުން ޖަވާބުނުދެއްވާ ކަމަށާއި އަދި ކޯލް އަންނަކަން އޭރުގެ ޑެޕިއުޓީ ކޮމިޝަނަރު އަދި މިހާރުގެ ސީޕީ އިސްމާއީލް ނަވީނާ ހިއްސާކުރެއްވި ކަމަށެވެ. އެ ޕްރެސްއަށް ފަހު އަމީނަށް ގުޅުއްވި ކަމަށް ޝުޖާއު ވިދާޅުވިއެވެ.އެ ކޯލްގައި އަމީން ވިދާޅުވީ އޭނާ ދިރިއުޅުއްވާ ގެއަށް ވަނުމަށް ކޯޓު އަމުރު ނުހޯދެއްވިޔަސް ފުލުހުންނަށް ކޮންމެ ވަގުތަކު ވެސް ވަނުމަށް ހުއްދަ އޮންނާނެ ކަމަށް ކަމަށް، ޝުޖާއު ވިދާޅުވިއެވެ.ކުރީގެ ސީޕީ ވަނީ، އެ މެސެޖު ހޯމް މިނިސްޓަރު އަލީ އިހުސާނަށް ރައްދު ކުރެއްވި ކަމަށާއި އެ މައްސަލަ ވަކި ގޮތަކަށް ގެންދިޔުމަށް އެއްވެސް ފަރާތަކުން ނުފޫޒު ފޯރުވާފައި ނުވާ ކަމަށާއި، އެ މައްސަލައިގައި ތަހުގީގު ވަކި ގޮތަކަށް ގެންދަން އެއްވެސް ފަރާތަކަށް އިރުޝާދު ދީފައިނުވާނެ ކަމަށް ވިދާޅުވެފައެވެ.ޔުމްނުގެ މައްސަލައިގައި ފުލުހުންގެ ތަހުގީގަށް އިތުބާރު ނުކުރެވޭ ކަމަށާއި އެ ތަހުގީގަށް އަމީނާއި ސަރުކާރުގެ އިސް ބޭފުޅުން ނުފޫޒު ފޯރުވާ ކަމަށް ބުނެ މުޒާހަރާކޮށް، އެ ބޭފުޅުންގެ އިސްތިއުފާއަށް ގޮވާލިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ