ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޑިމޮކްެރެޓްސް މެންބަރުން އަލުން އެމްޑީޕީއާ ގުޅިވަޑައިގަންނަވާތީ އެކަން ފާހަގަކޮށް، އެ ބޭފުޅުންނަށް މަރުހަބާ ދެންނެވުމަށް ބާއްވަން ހަމަޖެހިފައިވާ ޖަލްސާއަށް ސަރުކާރުން ތަން ހަމަޖައްސައިދިނުމަށް ހުރަސް އަޅަމުންދާ ކަމަށާއި އެހެންވެ މިހާރު ގެންގުޅުއްވާ ވިސްނުމަކީ ރައީސް މުހައްމަދު މުއިއްޒު ދިރިއުޅުއްވާ މުލިއާގޭ ކަންމަތީގައި އެ ހަރަކާތްތައް ބޭއްވުމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައީސް މުއިއްޒުގެ ސަރުކާރު ޖަވާބުދާރީކޮށް، ވަރުގަދަ އިދިކޮޅު ހަރަކާތެއް އޮތުމަށްޓަކައި އެމްޑީޕީއާ އަލުން ގުޅުމަށް ޑިމޮކްރެޓްސް ޕާޓީން މިދިޔަ އަންގާރަ ދުވަހު ވަނީ ނިންމާފަ އެވެ. އެއާ އެކު، ނަޝީދު ހިމެނިވަޑައިގަންނަވާހެން ގުޅިވަޑައިގަންނަވާ މެންބަރުންނަށް ކުލަ ގަދަކޮށް މަރުހަބާ ދެންނެވުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން އިއްޔެ ވަނީ ނިންމާފަ އެވެ.
ނަޝީދަށް މަރުހަބާ ދެނެވުމަށާއި އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަކުރުމަށް ބާއްވާ މި ހަފްލާ ބާއްވާނެ ތަނެއް ނުދައްކާ ސަރުކާރުން ހުރަސް އަޅަމުންދާ ކަމަށް ފައްޔާޒު ވިދާޅުވީ މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ބުނީ ކީކޭ؟ - "ތަނެއް ހަމަޖެއްސުމަށް ކުރި މަސައްކަތަށް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހުރަސް އަޅަމުން ގެންދާތީ މި ހަފްލާތައް ބޭއްވުމަށް މިހާތަނަށް ވެސް އެއްވެސް ތަނެއް ހަމަޖެހިފައިނުވާތީ މިހާރު ގަސްތު މިކުރަނީ ރައީސް މުހައްމަދު ނަޝީދުއަށް މަރުހަބާ ދެންނެވުމަށް 23 ޖޫން 2025 [އަންނަ ހޯމަ] ދުވަހުގެ ނިޔަލަށް އިތުރު ތަނެއް ހަމަނުޖެހިއްޖެ ނަމަ، މުލީއާގޭ ކަންމަތީގައި ބޭއްވުމަށެވެ،" ފައްޔާޒުގެ ޕޯސްޓުގައި އޭނާ ލިޔުއްވި އެވެ.
"ވީމާ މި ޖަލްސާތަކާއި ހަފްލާތައް ބޭއްވުމަށް ސަރުކާރުން އިތުރު ތަނެއް ހަމަޖައްސަވައި ނުދެއްވާ ނަމަ، އެމްޑީޕީއަށް ތާއީދުކުރައްވާ އެންމެހާ ބޭފުޅުން މި މަހުގެ 23 ވަނަ ދުވަހުގެ ރޭ 9 ޖަހާއިރު މުލިއާގޭ ކަންމައްޗަށް ވަޑައިގެން ދެއްވުމަށް ދައުވަތު އަރުވަމެވެ."
މުލިއާގެއަކީ ރައީސްއަށް ދައުލަތުން ހާއްސަކޮށްފައިވޭ ގެކޮޅެވެ. ރައީސް މުއިއްޒު އެ ގޭގައި ދިރިއުޅުއްވާއިރު، މުލިއާގެ ހުންނަ ސަރަހައްދަކީ ސަލާމަތީ ގޮތުން އެންމެ ވަރުގަދަ ގްރީން ޒޯނެވެ. ގްރީން ޒޯނުގައި އެއްވުންތައް ބޭއްވުމަކީ މަނާ ކަމެކެވެ.
ފާހަގަކޮށްލެވޭ ކަމެއް - އެމްޑީޕީގެ އަހަރީ ދުވަހަކީ އަންނަ ހަފްތާ ބުރާސްފަތި ދުވަހު އެވެ. އެމްޑީޕީއަށް 20 އަހަރު ފުރޭ މި މުނާސަބާ ކުލަ ގަދަކޮށް ފާހަގަކުރުމަށް އެ ޕާޓީން އަންނަނީ ތައްޔާރުވަމުންނެވެ.
ފައްޔާޒު މިރޭ ކުރެއްވި ޕޯސްޓުން އެނގޭ ގޮތުގައި ނަޝީދު އެމްޑީޕީއަށް ސޮއިކުރައްވަނީ އަހަރީ ދުވަސް ފާހަގަކުރުމަށް ބާއްވާ މި ހަރަކާތްތަކުގެ ތެރެއިންނެވެ. ނަމަވެސް ނަޝީދު ސޮއިކުރައްވާނެ ވަކި ދުވަހެއް އޭނާ ވިދާޅެއް ނުވެ އެވެ.
ނަޝީދަށް މަރުހަބާ ކިޔުމުގެ ޖަލްސާ ބާއްވަން ތަނެއް ނުދިން؛ ދެން ބާއްވާނީ މުލިއާގޭ ކަންމަތީގައި: ފައްޔާޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ