ރޯދަމަހު ކަނުއަނދިރީގައި ތިބެންޖެހުމުގެ ހަގީގަތް: ބޮޑު އަގުގައި ފެނަކައަށް ބާ ޖެނެރޭޓަރުތަކެއް ގަތުމުގެ ހިޔާނާތް! ރޯދަމަހު ކަނުއަނދިރީގައި ތިބެންޖެހުމުގެ ހަގީގަތް: ބޮޑު އަގުގައި ފެނަކައަށް ބާ ޖެނެރޭޓަރުތަކެއް ގަތުމުގެ ހިޔާނާތް!

ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ފުރަތަމަ އަކުރުތަކާއި ފިލިތަކުން ނަންދީ 2012 ވަނަ އަހަރު ވުޖޫދުކުރި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ޒިންމާއަކީ އެ ތިން ހިދުމަތް އެކަށީގެންވާ ގޮތެއްގައި ދިވެހީންނަށް ފޯރުކޮށްދިނުމެވެ.
ނަމަވެސް ހުސްވި އަހަރު ތެރޭގައި، ހާއްސަކޮށް ކަރަންޓުގެ ހިދުމަތް އެންމެ އެކަށީގެންވާ ގޮތެއްގައި ދިވެހީންނަށް ފޯރުކޮށްދިނުމަށް ރާއްޖޭގެ 150 ރަށަށް ހިދުމަތް ދެމުންދާ ފެނަކަ ކުންފުނި ވަނީ ނުކުޅެދިފަ އެވެ. އެ ސަބަބާ ހުރެ، ރުހުމާއި ނުރުހުމުގެ ލޯތަކުން ވެސް ފެނަކައަށް ކަޅިއެޅުން އިތުރުވެއްޖެ އެވެ. އެކަށީގެންވާ ގޮތެއްގައި ފެނަކައިން ކަރަންޓު ފޯރުކޮށްނުދެވޭ މައްސަލަ މަޖިލީހަށް ވެސް ވެއްދި އެވެ.
އެހެނަސް މިދިޔަ ރޯދަމަހު އައްޑޫ ރައްޔިތުން ކަނު އަނދިރީގައި ތިބެން ޖެހުމާއި ރޯދައިގެ ކުރިން ރާއްޖޭގެ އުތުރާއި ދެކުނުގެ އެތައް ރައްޔިތުންނެއް ކަރަންޓުން މަހުރޫމްވެގެން ތިބެންޖެހުނު ސަބަބު ހާމަ ކުރާނެ ވާތްގެއް ފެނަކައިގެ އިސްވެރިންގެ ދުލުގައި ނެތެވެ. ކަރަންޓުގެ މައްސަލައިގެ ފަހަތުގައި ފޮރުވިފައި އޮތީ ކޮން ސިއްރެއްކަމެއް ރައްޔިތުންނަކަށް ނޭނގެ އެވެ.
އެހެންކަމުން ކަރަންޓު މައްސަލައިގެ ހަގީގަތް ހޯދައި ބެލުމަށްޓަކައި އަދަދު ނޫހުން ކުރި މަސައްކަތުން ފިތް ކަނޑައިގެން ދާވަރުގެ ބޮޑެތި މައްސަލަތައް ފާހަގަވި އެވެ.
މުޅި ރާއްޖެއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް 46 ޖެންސެޓު ހޯދަން އިއުލާނު ކޮށްފައި ވަނިކޮށް ކުއްލިއަކަށް އެ އަދަދު 24 އަށް މަދުކުރުމާއި ދެތިން ހަތަރުފަހަރު ރީއިވެލުއޭޓު ކޮށްގެން ވަކި ބަޔަކަށް ނާޖާއިޒް ފައިދާ ހޯދައިދޭން މަސައްކަތް ކުރުމެވެ.
ފެނަކައިން ގެނައި ބައެއް ޖެންސެޓުތަކުގެ ފޮޓޯ. މިއީ 2023 އާއި 2024 ގައި ބޭނުންކުރަން ފަށާފައި ހުރި ޖެންސެޓުތަކެއް ކަން ކަމިންސްގެ ވެބްސައިޓުން އެނގޭ
ވަގު ލިޔުންތަކެއް ހުށަހެޅި ކުންފުނިތަކަކަށް ޖެންސެޓުތައް ގެންނާން ހަވާލު ކުރުމާއި އަގުބޮޑުކޮށް ބާ ޖެންސެޓުތަކެއް ގަނެގެން ރާއްޖެއަށް ގެނައުމެވެ.
ހުސްވި ރޯދަ މަހާއި މިދިޔަ ހޫނު މޫސުމަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ރަށްތަކަށް ކަރަންޓު ދިނުމުގައި ކުރިމަތިވަމުންދާ ދަތިތަކަށް ހައްލެއް ހޯދުމަށްޓަކައި ފެނަކައިން ދިޔައީ މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން މަސައްކަތް ކުރަމުންނެވެ.
އެގޮތުން މިދިޔަ އަހަރުގެ މެދެއްހައި ހިސާބުގައި އެ ކުންފުނިން ކަރަންޓުގެ ހިދުމަތް ދެމުންދާ ރަށްތަކަށް ދަތިކަމެއް ނެތި، އެކަށީގެންވާ ގޮތެއްގައި އެ ހިދުމަތް ފޯރުކޮށްދިނުމަށް ގަންނަން ޖެހޭ ޖެނަރޭޓަރުތަކުގެ "ރިކުއަމެންޓް ލިސްޓް" އެއް ފެނަކައިގެ ޓެކްނިކަލް މުވައްޒަފުން ތައްޔާރުކުރި އެވެ.
އެ ލިސްޓުގައި އޮތް ގޮތުން މިދިޔަ ރޯދަ މަހުގެ ކުރިން އެ ކުންފުންޏަށް 46 ޖެންސެޓު ހޯދަންޖެހެ އެވެ. އޭގެތެރޭގައި މިދިޔަ ރޯދަ މަހު އެންމެ ބޮޑަށް ކަރަންޓުގެ މައްސަލަ ކުރިމަތިވި އަައްޑޫ ސިޓީއަށް ގެންނަންޖެހޭ 1600 ކިލޯވޮޓުގެ ދެ ޖެންސެޓު ވެސް ހިމެނެ އެވެ.
ރާއްޖޭގެ ކަރަންޓުގެ ދަތިކަން ހައްލު ކުރުމަށް ހޯދަން ޖެހޭ ޖެނެރޭޓަރުތައް ކަމަށް ފެނަކައިގެ ޓެކްނިކަލް ޓީމުން ތައްޔާރުކުރި ލިސްޓު
ފެނަކައިގެ ރިކުއެމެންޓު ލިސްޓާ އެއްގޮތަށް އޮކްޓޫބަރު 6، 2024 ގައި އެ ކުންފުނިން ގަންނަން ބޭނުންވާ ޖެންސެޓުތައް ހޯދަން އާންމުކޮށް އިއުލާނުކުރި އެވެ. ވަކިވަކީން ގެޒެޓުކުރި އެ އިއުލާނުތަކުގެ ދަށުން އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑިއަކަށް އޮތީ އޮކްޓޫބަރު 14، 2024 އާއި އޮކްޓޫބަރު 15، 2024 އެވެ.
ނަމަވެސް އެ އިއުލާނުތަކުގެ ދަށުން ހުށަހެޅި އަންދާސީ ހިސާބުތަކުގެ އަގުތަކަކީ ފެނަކައަށް ގަބޫލު ކުރެވޭ ވަރަށްވުރެ ބޮޑެތި އަގުތަކެއް ކަމަށް ބުނެ ދެވަނަ ފަހަރަށް އޭގެތެރެއިން ބައެއް އިއުލާނުތައް ބާތިލުކޮށް 34 ޖެންސެޓެއް ގަތުމަށް ޑިސެމްބަރު 16، 2024 ގައި އަލުން ފެނަކައިން އިއުލާނުކުރި އެވެ.
ފެނަކައަށް ގަންނަން ވަކިވަކީން އެ ދުވަހު އަލުން އިއުލާނު ކުރީ:
ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ކަމުގައި އޭރު ހުންނެވި މުއާޒް މުހައްމަދު ރަޝީދު ކުއްލި ގޮތަކަށް އެ މަގާމުން އިސްތިއުފާ ދެއްވީ ފެނަކައަށް ޖެންސެޓުތައް ގަންނަން ބޭނުންވެގެން ކުރި އިއުލާނުތަކުގެ ދަށުން ހުށަހެޅި އަންދާސީ ހިސާބުތައް އިވެލުއޭޓު ކުރުމުގެ މަރުހަލާގައި އޮއްވައި ޑިސެމްބަރު 23، 2024 ގަ އެވެ.
ފެނަކައިގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުން މުއާޒު އިސްތިއުފާ ދެއްވުމުން އެ މަގާމަށް ދެން ރައީސް އައްޔަނު ކުރެއްވީ މޭޖާ (ރިޓަޔާޑް) މުހައްމަދު ނަޖާހް، ހ. ޔެލޯރޯޒް 2، އެވެ.
ފެނަކައިގެ މެނޭޖިން ޑިރެކްޓަރުކަމާ ނަޖާހު ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ނިންމެވި އެއް ނިންމެވުމަކީ ޖެނުއަރީ 12، 2025 ގައި ޗީފް ރިސޯސް އޮފިސަރު (ސީއާރްއޯ) ގެ ނަމުގައި އާ މަގާމެއް އުފައްދަވައި އެ މަގާމަށް މުހައްމަދު ޖިހާދު ނަމަކަށް ކިޔާ ބޭފުޅަކު އައްޔަނު ކުރެއްވުމެވެ.
އެ ނިންމުން ނިންމެވިކަން އަންގައި ނަޖާހު ސޮއިކުރައްވައި ހަމަ އެ ދުވަހު ނެރުއްވި ސާކިއުލާގައި ބުނެފައި ވަނީ ޕްރޮޖެކްޓްސް ޑިޕާޓްމެންޓާއި ޕްރޮކިއުމެންޓް ޑިޕާޓްމެންޓުގެ އިތުރުން ލޮޖިސްޓިކްސް ޑިޕާޓްމެންޓު އަދި ރިޕެއާ އެންޑް މެއިންޓެނެންސްގެ އެންމެހައި ކަންކަން ހިންގަމުން ދާނީ ޖިހާދުގެ ބެއްލެވުމުގެ ދަށުން ކަމަށެވެ.
ފެނަކައިގެ އެމްޑީކަމާ ނަޖާހު ހަވާލުވެވަޑައިގަތުމަށްފަހު އޭގެ ކުރިން އެ ކުންފުންޏަށް ގަންނަން އިއުލާނުކުރި 46 ޖެންސެޓުގެ އެއްވެސް މަސައްކަތެއް ކުރިއަށްދިޔަކަން ލިޔެކިޔުމުން ފެންނާކަށް ނެތެވެ. ފެނަކަ ހިންގުމާ ނަޖާހު ހަވާލުވުމަށްފަހު ދެން މަސައްކަތް ފެށްޓެވީ 46 ޖެންސެޓުގެ ބަދަލުގައި 24 ޖެންސެޓު ހޯދުމަށެވެ.
އެ ނިންމުމާއެކު މިދިޔަ ރޯދަ މަހު އެންމެ ބޮޑަށް ކަރަންޓުގެ މައްސަލަ ކުރިމަތިވި އައްޑޫއަށް ހޯދަންޖެހޭ ކަމަށް ޓެކްނިކަލް މުވައްޒަފުން ތައްޔާރުކުރި "ރިކުއަޔަމެންޓް ލިސްޓު" ގައި އޮތް 1600 ކިލޯވޮޓުގެ ދެ ޖެންސެޓުގެ ތެރެއިން އެއް ޖެންސެޓު ވެސް އުނިވެގެންދިޔަ އެވެ. އައްޑޫ ރައްޔިތުން ކަރަންޓުން މަހުރޫމްވެފައި ރޯދަމަހު ތިބެންޖެހުނު މައިގަނޑު ސަބަބަކީ މިއީ އެވެ.
ފެނަކައިގެ އެމްޑީކަމާ ނަޖާހު ހަވާލުވެވަޑައިގަތުމަށްފަހު ޖެންސެޓުތައް ގަތުމުގެ އެންމެހައި މަސައްކަތްތައް އޮތީ މަޑުޖެހިފަ އެވެ. އެ މުއްދަތުގައި ފެނަކައިގައި އަލަށް އުފެއްދި މަގާމެއް ކަމަށްވާ ޗީފް ރިސޯސް އޮފިސާ (ސީއާރުއޯ)، މުހައްމަދު ޖިހާދު އާއި އެ ކުންފުނީގެ ޓެކްނިކަލް ކޮންސަލްޓެންޓު (އެހައިތަނަށް)، މުހައްމަދު އާރިފް ޖެންސެޓް އުފައްދާ ކުންފުންޏަކަށް ޒިޔާރަތް ކުރުމަށް ޖެނުއަރީ 27، 2025 ގައި އިންޑިއާގެ ބެންގަލޫރުގައި ހުންނަ ޕަވަރިކާ ފެކްޓްރީއަށް ދަތުރުކުރި އެވެ.
ފެނަކައިގެ ޑީއެމްޑީގެ މަގާމަށް މުހައްމަދު އާރިފް އައްޔަނު ކުރެއްވީ އެ ދަތުރުގައި އިންޑިއާގައި ހުންނަވަނިކޮށް އޭގެ އަނެއް ދުވަހު އެވެ.
އެ ދަތުރުގެ ތެރެއިން، އިންޑިއާގައި ހުންނަވައި ޖެނުއަރީ 28، 2025 ގައި ސީއާރްއޯ، ޖިހާދު އެ ކުންފުނީގެ އޮޕަރޭޝަން ސާވިސް ޑިޕާޓްމެންޓުގެ ވެރިޔާ، އަހުމަދު އިބްރާހިމްއަށް އީމެއިލްއެއް ފޮނުވި އެވެ.
އެ އީމެއިލްގައި ޖިހާދު އަންގާފައި ވަނީ ރާއްޖޭގެ 14 އަތޮޅެއްގެ 24 ރަށަކަށް ރޯދަމަހުގެ ކުރިން ޖެންސެޓުތަކެއް ހޯދުމަށް އެމާޖެންސީ ޕްރޮކިއުމެންޓް ރިކުއެސްޓެއް ކުރުމަށެވެ. އަދި އޭގެކުރިން ޖެންސެޓުތަކާ ގުޅިގެން ކޮށްފައި ހުރި ހުރިހާ ޕްރޮކިއުމެންޓް ރިކުއެސްޓުތައް ބާތިލު ކުރަން އެ އީމެއިލްގައި ޖިހާދު އަންގާފައިވެ އެވެ.
އޭގެއިތުރުން އިންޓާނަލް މެމޯއެއް މެދުވެރިކޮށް އާޖެންޓް ޕްރޮކިއުމެންޓު ކުރަން ޕްރޮކިއުމެންޓް ޑިޕާޓުމެންޓަށް އެންގުމަށް ވެސް ޖިހާދުގެ އީމެއިލްގައި އަންގާފައިވެ އެވެ.
އާރުއެފްކިއު ތައްޔާރު ކުރުމަށް އަންގައި ޖިހާދު ފޮނުވި އީމެއިލް
އެ އެންގުމާ އެއްގޮތަށް 24 ޖެންސެޓު ގަންނަން އެމާޖެންސީ ޕްރޮކިއުމެންޓް ރިކުއެސްޓު ކުރުމުން ޖެނުއަރީ 30، 2025 ގައި ފެނަކައިން ވަކި ކުންފުނިތަކަކަށް ރިކުއެސްޓް ފޯ ކޯޓޭޝަން (އާރްއެފްކިއު) ތަކެއް، ފޮނުވި އެވެ. އެ އާރްއެފްކިއުގައި ބުނެފައި ވަނީ އެ ކުންފުންޏަށް ހުށަހަޅާ ކޯޓޭޝަންތަކުގައި ޑެލިވަރީ ޑޭޓާއި ވޮރެންޓީ އަދި އަގު ހިމަނާފައި އޮންނަން ވާނެ ކަމަށެވެ.
އެގޮތުން ހުށަހަޅާ ކޯޓޭޝަންތަކުގައި ކޮންމެ ޖެންސެޓަކަށް ޖެހޭ އަގު ވަކިވަކީން ބަޔާން ކުރަންވާނެ ކަމަށާއި އެއިން ކޮންމެ ޖެންސެޓަކަށް ވެސް މަދުވެގެން އެއް އަހަރުގެ ވޮރެންޓީ ޕީރިއަޑެއް އޮންނާންވާނެ ކަމަށް އާރްއެފްކިއުގައި ބަޔާން ކޮށްފައިވެ އެވެ.
ފެނަކައަށް ހުށަހަޅާ ކޯޓޭޝަންތަކާއެކު އެ ޖެންސެޓުތަކުގެ ބްރޭންޑާއި އެހެނިހެން ތަފުސީލީ މައުލޫމާތު ހިމަނަން އާރްއެފްކިއުގައި ބުނެފައިވެ އެެވެ. އަދި ކޯޓޭޝަން ހުށަހަޅާ ކުންފުންޏަކީ ޖެންސެޓު އުފައްދާ ކުންފުންޏެއް ނޫން ނަމަ، އެ ޖެންސެޓު އުފެއްދި ކުންފުނިން ސަޕްލަޔަރަށް ދޫކޮށްފައިވާ ލިޔުމާއި ސަޕްލަޔަރު ޑީލަރަށް ދޫކޮށްފައިވާ ލިޔުން ވެސް ކޯޓޭޝަންއާއެކު ހުށަހަޅަން ފެނަކައިގެ އާރްއެފްކިއުގައި ބުނެފައިވެ އެވެ.
ކޯޓޭޝަން ހުށަހެޅުމުގެ ސުންގަޑިއެއްގެ ގޮތުގައި އާރްއެފްކިއުގައި އޮތީ ފެބްރުއަރީ 3، 2025 އެވެ. އެ މުއްދަތުގައި ކޯޓޭޝަންތައް އިވެލުއޭޓު ކުރުމަށް އެ ކުންފުނިން ކަނޑައަޅާފައިވާ އުސޫލުގައި ބުނެފައި ވަނީ ކޯޓޭޝަންތަކަށް މާކްސް ދޭނީ، އަގަށް 30 ޕަސެންޓު އަދި ޑެލިވަރީ މުއްދަތަށް 70 ޕަސެންޓު ކަމަށެވެ.
އާރުއެފްކިއުގެ ސްކޭން
ފެނަކައިގެ އެ އާރްއެފްކިއުގެ ދަށުން 29 ފަރާތަކުން ކޯޓޭޝަން ހުށަހެޅި އެވެ. އޭގެތެރެެއިން ލިޔުންތައް ހަމަވެގެން ޓެކްނިކަލް އިވެލުއޭޝަނުން ފާސްވީ 10 ކުންފުންޏެކެވެ.
ފެނަކައަށް ހަރުމުދާ ހޯދަނީ އެ ކުންފުނީގެ ޕްރޮކިއުމެންޓް ޕޮލިސީގެ ދަށުން އުފައްދާފައި އޮންނަ ޓެކްނިކަލް ކޮމިޓީއަކުން ދިރާސާކޮށް އިވެލުއޭޓު ކުރުމަށްފަހު އެވެ. އެ ކޮމިޓީއަކީ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެކެވެ.
ފެނަކައިގެ އާރްއެފްކިއުގެ ސުންގަޑި ހަމަވުމުގެ އެއް ދުވަސް ކުރިން، ފެބްރުއަރީ 2، 2025 ގައި ކުންފުނީގެ އެމްޑީ، ނަޖާހު އެ ކޮމިޓީއަށް ކުއްލި ބަދަލެއް ގެންނެވި އެވެ.
ޓެކްނިކަލް ކޮމިޓީއަށް އެމްޑީ ނަޖާހު ގެނައި ބަދަލު
ނަޖާހު ގެންނެވި ބަދަލަކީ ޓެކްނިކަލް ކޮމިޓީގައި ހިމެނުނު، ޕްރޮޖެކްޓްސް ޑިޕާޓުމެންޓުގެ އިންޖިނިއަރު، މުހައްމަދު ޒަޔާން ޝަފީއު ކޮމިޓީން ވަކިކޮށް ކުންފުނީގެ ޑީއެމްޑީ، މުހައްމަދު އާރިފް އެ ކޮމިޓީއަށް އައްޔަނުކުރުމެވެ. ޓެކްނިކަލް ކޮމިޓީއަށް ޑީއެމްޑީ އާރިފް އައްޔަނުކުރީ އެ ކޮމިޓީގެ ޗެއާޕާސަންގެ ގޮތުގަ އެވެ.
ޓެކްނިކަލް ކޮމިޓީއަށް ބަދަލު ގެނައުމަށްފަހު، އާރްއެފްކިއުގެ މުއްދަތު ހަމަވި ދުވަހު، ފެބްރުއަރީ 3، 2025 ގައި ފެނަކައިގެ އިންޓާނަލް މެމޯ، M-I/IM/2025/021 އިން ޖެންސެޓުތަކުގެ އިވެލުއޭޝަން މަރުހަލާގައި މާކްސް ދޭ އުސޫލަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ބަދަލެއް ގެންނެވި އެވެ.
އެ ބަދަލަކީ އެ ކުންފުނީގެ އާރްއެފްކިއުގެ ދަށުން ހުށަހަޅާ ކޯޓޭޝަންތަކަށް މާކްސް ދޭއިރު، ޖެންސެޓުތައް ސަޕްލައި ކޮށްދެވޭނެ އެންމެ ކުރު މުއްދަތަކީ 25 ދުވަސްކަމަށް ކަނޑައެޅުމެވެ. މިގޮތަށް ކަނޑައެޅީ 10 ދުވަހާއި 14 ދުވަހާއި ދެމެދުގެ މުއްދަތެއްގައި ޖެންސެޓު ސަޕްލައި ކޮށްދޭނެ ކަމަށް ބުނެ ބައެއް ކުންފުނިތަކުން ކޯޓޭޝަން ހުށަހަޅާފައި ވަނިކޮށެވެ.
އިވެލުއޭޓް ކުރުމުގެ ކްރައިޓީރިއާއަށް ކުއްލި ބަދަލެއް ގެނެސް ނެރުނު ސާކިއުލާ
24 ޖެންސެޓު ގަންނަން ފެނަކައިން ފޮނުވި އާރްއެފްކިއުގެ ދަށުން ހުށަހަޅާފައި ހުރި ކޯޓޭޝަންތައް އިވެލުއޭޓު ކުރުމަށް ޓެކްނިކަލް ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބޭއްވީ ފެބްރުއަރީ 4، 2025 ގަ އެވެ. އެ ބައްދަލުވުމުގައި ވަކިވަކީން 24 ޖެންސެޓު ސަޕްލައި ކޮށްދިނުމަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅާފައި ހުރި އަންދާސީ ހިސާބުތައް އިވެލުއޭޓުކޮށް އެ ކޮމިޓީން މާކްސް ދިނެވެ.
ފެނަކައިގެ ޕްރޮކިއުމެންޓު އުސޫލު އޮންނަ ގޮތުން، ޓެކްނިކަލް ކޮމިޓީން ފާސްކުރި ނަމަވެސް، އެ ކުންފުންޏަށް ހޯދާ މުދަލުގެ ޖުމުލަ އަގު 225،000ރ. އަށްވުރެ އިތުރުވާނަމަ އެ މުދަލާއި ހިދުމަތުގެ އަގު އިވެލުއޭޓު ކުރުމަށް ޑައިރެކްޓު ޕާޗޭޒް ކޮމިޓީއަށް ފޮނުވަންޖެހެ އެވެ.
ޓެކްނިކަލް ކޮމިޓީން ފާސްކުރި އަންދާސީ ހިސާބުތަކުގެ ތަފުސީލު އިވެލުއޭޓު ކުރުމަށް ފެނަކައިގެ ޑައިރެކްޓު ޕާޗޭސް ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބޭއްވީ ފެބްރުއަރީ 5، 2025 ގަ އެވެ. ނަމަވެސް އެ ބައްދަލުވުމުގައި މާކްސް ދިނީ ފެނަކައިގެ އެމްޑީ، ނަޖާހު ނެރުއްވި އިންޓާނަލް މެމޯއަށް ރިއާޔަތް ނުކޮށެވެ.
އެ ދުވަހުގެ ބައްދަލުވުމުގައި އިވެލުއޭޓު ކުރުމަށްފަހު ކޮމިޓީން އެވޯޑު ކުރަން ނިންމީ:
ޑީޕީސީގެ ފުރަތަމަ އިވެލުއޭޝަން
ޑައިރެކްޓު ޕާޗޭސް ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި ނިންމި ގޮތަށް ކުންފުނިތަކަށް ޖެންސެޓުތައް އެވާޑެއް ނުކުރެ އެވެ. ސަބަބަކަށްވީ ނަޖާހު ނެރުއްވާފައި އޮތް މެމޯއަށް ރިއާޔަތް ނުކޮށް އެ ކޮމިޓީން މާކްސް ދިނުމެވެ.
އެހެންކަމުން އެ މެމޯއަށް ރިއާޔަތްކޮށް ޖެންސެޓުތައް ސަޕްލައި ކޮށްދެވޭނެ އެންމެ ކުރު މުއްދަތަކީ 25 ދުވަސް ކަމަށް ބަލައިގެން ކޯޓޭޝަންތައް އަލުން ރީއިވެލުއޭޓު ކުރުމަށް ޕްރޮކިއުމެންޓު ޑިޕާޓުމެންޓުގެ ނަންބަރު I-DPC/IM/2025/132 މެމޯއިން އެންގި އެވެ.
އެއާއެކު އަނެއްކާ ވެސް ޖެހިގެން އައި ފެބްރުއަރީ 6، 2025 ގައި ޑައިރެކްޓު ޕާޗޭސް ކޮމިޓީގެ ބައްދަލުވުމެއް ބޭއްވި އެވެ. އެ ބައްދަލުވުމުގައި ޖެންސެޓުތައް ސަޕްލައި ކޮށްދިނުމަށް ހުށަހަޅާފައި ހުރި އަންދާސީ ހިސާބުތައް އަލުން ރީއިވެލުއޭޓުކުރި އެވެ. ދެވަނަ ފަހަރަށް ރީއިވެލުއޭޓު ކުރުމުން އޭގެކުރިން ތިން ޖެންސެޓު އެވާޑު ކުރަން ނިންމި އިލެކްޓްރިފައި މޯލްޑިވްސް އާއި އެއް ޖެންސެޓު އެވާޑު ކުރަން ނިންމި އާރްޓީޓީ އިންވެސްޓްމެންޓް ބާކީވި އެވެ. އަދި، ކުރިން 24 ޖެންސެޓަށް ހަރަދުވާނެ ކަމަށް ބަޔާން ކޮށްފައި އޮތް 50،090،584ރ. 72ލ. ، 48،159،373ރ. އަށް ކުޑަވި އެވެ.
އެ ދުވަހުގެ ބައްދަލުވުމުގައި އިވެލުއޭޓު ކުރުމަށްފަހު ކޮމިޓީން އެވޯޑު ކުރަން ނިންމީ:
ޑީޕީސީގެ ދެވަނަ އިވެލުއޭޝަން
އެ ބައްދަލުވުމުގައި ނިންމި ގޮތަށް އަލްފާ އެނާޖީ ސޮލިއުޝަންސް އާއި އެނާޖިއާ ކޮންސަލްޓިންއަށް އެވާޑުކުރި ޖެންސެޓުތައް އެވާޑު ކުރުމަށް، އެގްރީމެންޓު ތައްޔާރުކޮށް އެ ކުންފުނިތަކަށް ފެބްރުއަރީ 10، 2025 ގައި ފެނަކައިން ހިއްސާކުރި އެވެ.
ނަމަވެސް އަންދާސީ ހިސާބުތައް އިވެލުއޭޓު ކުރުމުގައި ޖެންސެޓުތައް ސަޕްލައި ކުރެވޭނެ އެންމެ ކުރު މުއްދަތެއްގެ ގޮތުގައި 25 ދުވަސް ކަނޑައަޅަން ފެނަކައިގެ އިންޓާނަލް މެމޯއަކުން ނިންމި ނިންމުމާމެދު ހިތްހަމަނުޖެހުމުގެ ސަބަބުން އެ ދެ ކުންފުނިން ވެސް ވަނީ ފެނަކައިގެ އެގްރީމެންޓުގައި ސޮއިކުރަން ދެކޮޅު ހަދައިފަ އެވެ.
ނަތީޖާއެއްގެ ގޮތުން ތިންވަނަ ފަހަރަށް ފެބްރުއަރީ 15، 2025 ގައި ޑައިރެކްޓު ޕާޗޭސް ކޮމިޓީގެ ބައްދަލުވުމެއް ބާއްވައި ޖެންސެޓުތައް ސަޕްލައި ކޮށްދިނުމަށް ހުށަހަޅާފައި ހުރި ކޯޓޭޝަންތައް ރީއިވެލުއޭޓުކުރި އެވެ.
ތިންވަނަ ފަހަރު ރީއިވެލުއޭޓު ކުރުމުން އޭގެކުރިން 10 ޖެންސެޓު އެވާޑު ކުރަން ނިންމި އަލްފާ އެނާޖީ ސޮލިއުޝަންސް އާއި އެއް ޖެންސެޓު އެވާޑު ކުރަން ނިންމި އެނާޖިއާ ސޭލްސް އެންޑް ސާވިސަސް ބާކީވި އެވެ. އަދި، ކުރިން 24 ޖެންސެޓަށް ހަރަދުވާނެ ކަމަށް ބަޔާން ކޮށްފައި އޮތް 48،159،373ރ. ، 46،968،549ރ. އަށް ކުޑަވި އެވެ.
އެ ދުވަހުގެ ބައްދަލުވުމުގައި އިވެލުއޭޓު ކުރުމަށްފަހު ކޮމިޓީން އެވޯޑު ކުރަން ނިންމީ:
ކޯޓޭޝަންތައް ތިންވަނަ ފަހަރަށް އިވެލުއޭޓު ކުރުމަށްފަހު ފެނަކައިން ޖެންސެޓުތައް އެވާޑުކުރި ކަނެކްޓް ކޮންސަލްޓިން އާއި ޖާމިނަލް ޓެކްނޮލިޖީސް އިން ފެނަކައަށް ހުށަހަޅާފައި ވަނީ ވަގު ލިޔުންތަކެކެވެ.
ފެނަކައިން ކުރި އާރްއެފްކިއުގައި ބަޔާން ކޮށްފައި އޮތް ގޮތުން، އެ އާރްއެފްކިއުގެ ދަށުން ކޯޓޭޝަން ހުށަހަޅާ ކުންފުންޏަކީ މެނުފެކްޗަރާއެއް ނޫންނަމަ، މެނުފެކްޗަރާއިން ސަޕްލަޔަރަށް، އަދި ސަޕްލަޔަރު ޑީލަރަށް ދީފައިވާ ލިޔުންތައް ފެނަކައަށް ހުށަހަޅަންޖެހެ އެވެ. ޖާމިނަލް ޓެކްނޮލޮޖީސް އަދި ކަނެކްޓް ކޮންސަލްޓިން އަކީ ވެސް ޖެންސެޓު މެނުފެކްޗަރާއެއް ނޫނެވެ.
ފެނަކައިގެ އާރްއެފްކިއުގެ ދަށުން ކޯޓޭޝަން ހުށަހެޅި ހުރިހާ ކުންފުންޏަކުން ވެސް ސަޕްލައި ކުރަން ހުށަހަޅާފައި ހުރީ އިންޑިއާގެ ޖެންސެޓް މެނުފެކްޗަރާ، ކަމިންސް އިންޑިއާ ލިމިޓެޑުގެ ޖެންސެޓުތަކެވެ. ކަމިންސް ކުންފުނީގެ ޖެންސެޓުތައް ސަޕްލައި ކުރުމުގެ ހުއްދަ ދީފައި އޮންނަ ތިން ކުންފުންޏަކީ އިންޑިއާގެ ޕަވަރިކާ ލިމިޓެޑް އާއި ޖެކްސަން ލިމިޓެޑް އަދި ސުދިރް ޕަވާ ލިމިޓެޑް އެވެ.
ފެނަކައިން ޖެންސެޓް އެވޯޑު ކުރި ޖާމިނަލް ކުންފުނިން ހުށަހަޅާފައިވާ ދެ ލިޔުމުގެ ކޮޕީ ވެސް އަދަދު އަށް ލިބިފައިވެ އެވެ. ކަމިންސް ކުންފުނިން ޕަވަރިކާއަށް ދިން ކަމަށް ބުނެ ހުށަހެޅި ލިޔުމާއި ޕަވަރިކާއިން ޖާމިނަލްއަށް ދިން ކަމަށް ބުނެ ހުށަހަޅާފައިވާ ދެ ލިޔުމުގައި ވެސް ސުވާލު އުފެދޭ ކަންތައްތަކެއް ފާހަގަކުރެވެ އެވެ.
ކަމިންސް ކުންފުނިން ޖެނުއަރީ 1، 2025 ގައި ޕަވަރިކާއަށް ދިން ލިޔުން ކަމަށް ބުނެ، ޖާމިނަލް އިން ފެނަކައަށް ހުށަހަޅާފައިވާ ލިޔުމުގައި ސޮއިކޮށްފައި ވަނީ މަނޯޖް ރާޖްގޮޕަލަން ކިޔާ މީހެކެވެ. އެ ލިޔުމުގައި ބޭނުން ކޮށްފައި ވަނީ ޑިޖިޓަލް ސޮޔެކެވެ. އެ ލިޔުމުގެ ވެލިޑިޓީ ތާރީހެއްގެ ގޮތުގައި ދީފައިވަނީ ޑިސެމްބަރު 31، 2025 އެވެ.
ޖާމިނަލްއިން ހުށަހެޅި ލިޔެކިޔުމަކީ ފޯޖުކޮށްފައިވާ ލިޔެކިޔުމެއްކަން ހާމަވޭ
ޑިޖިޓަލް ސޮޔެއްގައި ނަމަ، އެ ސޮއި ކުރާ ދުވަހާއި ތާރީހު ވަރަށް ސާފުކޮށް ފެންނާން އޮވެ އެވެ. އެހެންނަމަވެސް ޖާމިނަލް އިން ހުށަހެޅި ލިޔުމުގައި ބޭނުން ކޮށްފައިވާ ޑިޖިޓަލް ސޮއިގައި ވަނީ މާޗު 3، 2024 ގެ ތާރީހެވެ. މިދިޔަ އަހަރުގެ ސޮޔެއް ކޮށްފައި އޮތް ލިޔުމެއްގައި މި އަހަރުގެ ތާރީހެއް ޖަހާފައި އޮތުމުން ލިޔުމުގެ ސައްހަކަމާމެދު ސުވާލު އުފެދެ އެވެ.
އެކަން އިތުރަށް ބެލުމަށްޓަކައި، އެ ލިޔުމުގައި ސޮއިކޮށްފައިވާ މަނޯޖްއަކީ ކާކުކަން ކަށަވަރު ކުރުމަށް އަދަދު އިން ކުރި މަސައްކަތުން އެނގުނު ގޮތުގައި އޯގަސްޓު 2024 އިން ފެށިގެން މަނޯޖް މަސައްކަތް ކުރަމުން އަންނަނީ އިނޮވޭޓިވް އިންފްރާ އެންޑް މައިނިން ސޮލިއުޝަންސް ކިޔާ އިންޑިއާ ކުންފުންޏެއްގެ ސީއީއޯގެ މަގާމުގަ އެވެ. އެހެންކަމުން މި އަހަރުގެ ޖެނުއަރީ 1، ގައި ކަމިންސްއިން ޕަވަރިކާއަށް ދިން ލިޔުމެއްގައި އޭނާގެ ސޮއި ނޯންނާނެކަން ކަށަވަރުވެ އެވެ.
މަނޯޖު ނައިރުގެ ލިންކްޑްއިން ޕްރޮފައިލް
އެ ލިޔުން ދިރާސާ ކުރަމުންދިޔައިރު، ޖާމިނަލްއިން ހުށަހަޅާފައިވާ ލިޔުމުގެ އަސްލު ވެސް އަދަދު އަށް ވަނީ ލިބިފަ އެވެ. ޖާމިނަލް އިން ހުށަހަޅާފައިވާ ލިޔުމަކީ އޭގެ ކުރީ އަހަރު ކަމިންސް އިން ޕަވަރިކާއަށް ދީފައިވާ ލިޔުމެއްގެ ތާރީހު ބަދަލުކޮށް، ހުށަހަޅާފައިވާ ވަގު ލިޔުމެކެވެ. އެކަން ކަށަވަރު ކުރެވުނީ އަދަދު އަށް ލިބުނު މާޗު 3، 2024 ގެ އަސްލު ލިޔުމުގައި މަނޯޖު ސޮއިކޮށްފައި އޮތް ވަގުތާއި، ސިކުންތު ވެސް ޖާމިނަލް އިން ފެނަކައަށް ހުށަހެޅި ލިޔުމާ ދިމާވާތީ އެވެ.
ކަމިންސްއިން މި އަހަރު ދޫކޮށްފައި ހުރި އެހެން ލިޔުންތަކަށް ބެލުމުން ފާހަގަވި އަނެއް ކަމަކީ މި އަހަރުގެ ސިޓީތަކުގައި އެ ކުންފުނީގެ ފަރާތުން ސޮއިކޮށްފައި ވަނީ މެންޑޮންކާ ޖޭމްސަން ކިޔާ މީހެއް ކަމެވެ. އެހެންކަމުން ޖާމިނަލްގެ ލިޔުމުގައި ސޮއިކޮށްފައިވާ މަނޯޖް މިހާރު ކަމިންސްގައި މަސައްކަތް ނުކުރާކަން އިތުރަށް ކަށަވަރުވެ އެވެ.
އެ ލިޔުމާމެދު ސުވާލު އުފެދޭ އަނެއް ސަބަބަކީ ކަމިންސް ކުންފުނީގެ ލެޓާ ހެޑަށް މި އަހަރު ގެނެސްފައިވާ ބަދަލެވެ. އެ ކުންފުނިން މި އަހަރު ދޫކޮށްފައި ހުރި ހުރިހާ ލިޔުމެއްގައި ވެސް ކިއުއާރް ކޯޑެއް ހިމަނާފައިވެ އެވެ. އެ ކިއުއާރް ކޯޑު ސްކޭން ކޮށްލުމުން ކަމިންސްގެ ވެބްސައިޓުން އެ ލިޔުމެއްގެ ސައްހަކަން ކަށަވަރުވެ އެވެ. ނަމަވެސް ކަމިންސްގެ ލިޔުމެއް ކަމަށް ބުނެ ޖާމިނަލްއިން ހުށަހަޅާފައިވާ ލިޔުމުގެ ލެޓާ ހެޑްގައި ކިއުއާރް ކޯޑެއް ނެތެވެ.
ޖާމިނަލްއަށް ޕަވަރިކާއިން ޖެނުއަރީ 15، 2025 ގައި ދިން ކަމަށް ބުނެ ޖާމިނަލްއިން ފެނަކައަށް ހުށަހަޅާފައިވާ ލިޔުމުގައި ސޮއިކޮށްފައި ވަނީ ދިނޭޝް އޮބެރޯއީ ކިޔާ މީހެކެވެ. އޭނާގެ މަގާމުގެ ގޮތުގައި އެ ލިޔުމުގައި ވަނީ ސޭލްސް އެންޑް މާކެޓިންގެ ސީނިއާ ވައިސް ޕްރެޒިޑެންޓް އެވެ. 
މި ލިޔުމާމެދު ސުވާލު އުފެދެނީ ފެނަކައިން ޖެންސެޓް އެވާޑުކުރި އަނެއް ކުންފުނި، ކަނެކްޓް ކޮންސަލްޓިންއިން ހުށަހަޅާފައިވާ ލިޔުމަށް ބެލުމުންނެވެ. އެ ކުންފުނިން ފެނަކައަށް ހުށަހަޅާފައި ވަނީ ފެބްރުއަރީ 2، 2025 ގައި ޕަވަރިކާއިން ޖާމިނަލް ޓެކްނޮލިޖީސްއަށް ދޫކޮށްފައިވާ ކަމަށް ބުނާ ލިޔުމެކެވެ. އެ ލިޔުމުގައި ޕަވަރިކާގެ ފަރާތުން ދިނޭޝް އޮބެރޯއީ ސޮއިކޮށްފައި ވަނީ ސޭލްސް އެންޑް މާކެޓިންގެ ވައިސް ޕްރެޒިޑެންޓުގެ ގޮތުގަ އެވެ.
ކަނެކްޓް ކޮންސަލްޓިން އިން ހުށަހެޅި ލިޔުމާއި ޖާމިނަލްއިން ހުށަހެޅި ލިޔުމަކީ ސައްހަ ދެ ލިޔުމަށް ވާނީ ޖެނުއަރީ 15، ގެ ފަހުން ދިނޭޝް އޮބެރޯއީއަށް ޑީމޯޝަނެއް އައިސް، ސީނިއާ ވައިސް ޕްރެޒިޑެންޓުގެ މަގާމުން ވައިސް ޕްރެޒިޑެންޓުކަމަށް އޭނާގެ މަގާމު ދަށް ކޮށްފައިވާ ނަމަ އެވެ.
ޖާމިނަލް އާއި ކަނެކްޓް ކުންފުނިން ހުށަހެޅި ލިޔެކިޔުމުގައި ހުރި ތަފާތު
ޕަވަރިކާއިން ޖާމިނަލް ޓެކްނޮލޮޖީސްއަށް ދޫކޮށްފައި އޮތް ލިޔުމެއްގައި ކަނެކްޓްގެ ތަތްގަނޑު ޖަހާފައި އޮތުމުން ހާމަވާ އަނެއް ކަމަކީ އެ ދެ ކުންފުންޏަކީ އެއް ބައެއްގެ މަސްލަހަތު އޮތް ދެ ކުންފުނި ކަމެވެ.
އެކަމާ ގުޅިގެން އަދަދު އާ ވާހަކަދެއްކި ޖެންސެޓް ސަޕްލައި ކުރާ ޑީލަރަކު ބުނީ އެއް ޑީލަރަކަށް ސަޕްލަޔަރު ދީފައިވާ ލިޔުން އެހެން ޑީލަރަކަށް ތަތްގަނޑު ޖަހައިގެން ބޭނުން ނުވެސް ކުރެވޭނެ ކަމަށެވެ. އެހެންކަމުން ކަނެކްޓް އިން ހުށަހަޅާފައިވާ ޖާމިނަލްގެ ލިޔުމަކީ ފެނަކައިން ބަލައިގަނެގެން ވާނެ ލިޔުމެއް ނޫން ކަމަށް އެނާ ބުންޏެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި ފެނަކައަށް ހޯދަން އާރްއެފްކިއު ފޮނުވި 24 ޖެނެރޭޓަރުގެ ތެރެއިން މިހައިތަނަށް 14 ޖެނެރޭޓަރެއް ވަނީ ރާއްޖެއަށް ގެނެސްފަ އެވެ. އޭގެތެރެއިން ބައެއް ޖެނެރޭޓަރުތަކުގެ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލްމީޑިއާގައި ވެސް ދައުރުވެފައިވެ އެވެ.
ދައުރުވެފައިވާ ވީޑިއޯތަކާއި ފޮޓޯތަކުން ފެންނަނީ ރާއްޖެއަށް ގެނައި ޖެނެރޭޓަރުތަކުގައި ދަބަރު ޖަހައި ބާ ވެފައިވާ ކަމެވެ. އޭގެއިތުރުން ބައެއް ރަށްރަށަށް ފޮނުވި ޖެނެރޭޓަރުތަކުގައި ތަފާތު އެކި މައްސަލަތައް ހުރިކަން ވެސް ވަނީ ފެނަކައިގެ ސަމާލުކަމަށް ގެނެސްފަ އެވެ.
ރާއްޖެއަށް ގެނައި ޖެންސެޓުތަކާ ގުޅޭގޮތުން ކަމިންސް ވެބްސައިޓުން ފެންނަން ހުރި މައުލޫމާތު
މި ކަންތައްތަކާ ގުޅިގެން ރާއްޖެއަށް ގެނައި ޖެނެރޭޓަރުތަކުގެ ތަފުސީލު ބެލުމަށް މި ނޫހުން ކުރި މަސައްކަތުން ރާއްޖެއަށް ގެނައި ޖެނެރޭޓަރުތަކުގެ ތެރެއިން ބައެއް ޖެނެރޭޓަރުތަކުގެ ސީރިއަލް ނަންބަރުތައް އަދަދު އަށް ވަނީ ލިބިފަ އެވެ. ކަމިންސްގެ ވެބްސައިޓު މެދުވެރިކޮށް އެ ސީރިއަލް ނަންބަރުތައް ސާޗު ކުރުމުން ރާއްޖެއަށް ގެނައި ބައެއް ޖެންސެޓުތަކަކީ ބާ އެއްޗެހިކަން ވަނީ ކަށަވަރު ކުރެވިފަ އެވެ.
އިންޑިއާގެ ކަމިންސް ކުންފުނިން ތައްޔާރުކުރާ ހުރިހާ ޖެނެރޭޓަރެއްގެ މައުލޫމާތު ވެސް އެ ކުންފުނީގެ ވެބްސައިޓުގައި ޝާއިއު ކޮށްފައި ހުރެ އެވެ. އެގޮތުން ކޮންމެ ޖެންސެޓެއްގެ ވެސް ސީރިއަލް ނަންބަރު، އެ ވެބްސައިޓުގައި ޖެހުމުން، އެ ޖެންސެޓު ފުރަތަމަ ބޭނުން ކުރަން ފެށި (ސްޓާޓް ޑޭޓް) ތާރީހާއި ޖެންސެޓު ޝިޕް ކުރި ތާރީހު ފެންނާނެ ހުރެ އެވެ.
އަދަދުއަށް ލިބިފައި ހުރި މައުލޫމާތަށް ބަލާއިރު، ރާއްޖެއަށް ގެނައި ޖެންސެޓުތަކުގެ ތެރެއިން ބައެއް ޖެންސެޓުތަކަކީ 2023 ވަނަ އަހަރާއި 2024 ވަނަ އަހަރު ބޭނުންކުރަން ފަށާފައި ހުރި ޖެންސެޓުތަކެކެވެ.
ކަމިންސްގެ ވެބްސައިޓުގައި ހުރި ޖެންސެޓުތަކުގެ މައުލޫމާތު
ރާއްޖެއަށް ގެނައި ޖެންސެޓުތަކާ ގުޅޭގޮތުން ކަމިންސް ވެބްސައިޓުގައި ހުރި މައުލޫމާތު
ޖެންސެޓުތައް އުފައްދައި ސަޕްލައި ކުރާ ކުންފުނިތަކުން އާންމު ގޮތެއްގައި ވޮރެންޓީ ދެނީ ޖެންސެޓުގެ ސްޓާޓު ޑޭޓުން ފެށިގެން އެއް އަހަރު ދުވަހަށެވެ. މި ހަގީގަތަށް ބަލާއިރު، މަތީގައި ފާހަގަކޮށްފައި އެވާ ޖެންސެޓުތަކަށް އެއް އަހަރު ދުވަހުގެ ވޮރެންޓީ ލިބިދާނެ ކަމާމެދު ވެސް ސުވާލު އުފެދެ އެވެ.
މިއީ މިނޫހަށް ލިބުނު ސީރިއަލް ކޯޑުތަކެވެ. ކަމިންސް ވެބްސައިޓު މެދުވެރިކޮށް މި މައުލޫމާތު ބެލެނީ ކަމިންސް ކުންފުނީގެ މުވައްޒަފުންނަށާއި އެންޑް ޔޫޒާއަށެވެ. އެހެންކަމުން ސްޓެލްކޯ އަދި ފެނަކައިގައި ވެސް މި މައުލޫމާތު ބެލޭނެ ގޮތް ހުންނާނެ އެވެ.
މިއީ ފައިބެ އަހަރު ދިވެހީން ތަހަންމަލު ކުރާންޖެހުނު ތުރާލުގެ ފަހަތުގައި ފޮރުވިފައިވާ ނާގާބިލުކަމާއި ހަރާންކޯރުކަމުގެ އެންމެ ބޮޅެކެވެ. މިއީ ފެނަކައިގެ ލެޓާ ހެޑުގެ އެންމެ މަތީގައި، "ނަޒާހާތްތެރިކަން - ހަލާލް މަސައްކަތް - ތާހިރު ދިރިއުޅުން" ޖަހައިގެން ތިބެ ރައްޔިތުންގެ މޫނުމަތީ ޖެހި ތަފާލެއް ނޫންތޯ އެވެ؟
މިވަރުގެ އިހުމާލެއް ވާއިރު، އެތައް އިންޖިނޭރުންނަކާއި ޓެކްނީޝަނުން ތިބި ކުންފުންޏަކަށް ރޭކާނުލާނެ ކަމަށް ގަބޫލު ކުރާނޭ ބުއްދީގެ ހަމައެއް ނެތެވެ. މި ރިޕޯޓަށް މައުލޫމާތު ފޯރުކޮށްދިން މަސްދަރުތަކުން ބުނެފައި ވަނީ ފެނަކައިން ހިންގި މި ޖަރީމާއިން ރިޝްވަތުގެ މުޑުދާރު ފައިސާ ވެރިންގެ ޖީބަށް މިލިއަނުން ވަދެފައިވާ ކަމަށެވެ.
މިފަދަ އަމަލުތައް ހުއްޓުވޭނީ ކޮރަޕްޝަން ހުއްޓުވުމުގެ ޒިންމާ ގާނޫނުން މަތިކޮށްފައިވާ އެންޓި ކޮރަޕްޝަން ކޮމިޝަން ފަދަ މުއައްސަސާތައް ހޭޖެހިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ