ރައީސްގެ ސުވާލު އިދިކޮޅަށް: ކޮރަޕްޝަން ނައްތާލަން ކުރާ މަސައްކަތަށް ދެކޮޅުހަަދަނީ ކީއްވެ؟

ދައުލަތުގެ ހިދުމަތްތައް ޑިޖިޓަލްކުރަން ހިންގާ 'ދިވެހިރާއްޖެ 2.0'ގެ މަޝްރޫއުއަކީ ކޮރަޕްޝަން ނައްތާލަން އަޅާ ބޮޑު ފިޔަވަޅެއް ކަމަށާއި އެފަދަ މަސައްކަތަކަށް އިދިކޮޅުން ދެކޮޅުހަދަނީ ކީއްވެތޯ، ރައީސް މުހައްމަދު މުއިއްޒު މިއަދު ސުވާލުކުރައްވައިފި އެވެ. 
ވީ ކިހިނެއް؟ - ދައުލަތުގެ ގިނަ ހިދުމަތްތައް ޑިޖިޓަލްކޮށް، ފަހުގެ ޓެކްނޮލޮޖީއާ އެއްހަމަވާ ގޮތަށް ދޭން ރޭ ވަނީ 'ދިވެހިރާއްޖެ 2.0'ގެ ނަމުގައި މަޝްރޫއުއެއް ފަށައިފަ އެވެ. ނަމަވެސް ޑިޖިޓަލައިޒް ކުރުމުގެ ނަމުގައި ސަރުކާރުން ކުރަން އުޅޭ ކަމަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު އީވޯޓިންއަށް ބަދަލުކޮށް އޮޅުވާލަން ކަމަށް އިދިކޮޅު އެމްޑީޕީގެ ބައެއް އިސް ފަރާތްތަކުން ތުހުމަތުކުރައްވަ އެވެ.
ބުނީ ކީކޭ؟ - އެކަމަށް ރައްދުދެއްވައި 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން ދެކޮޅު ހަދަނީ ކީއްވެތޯ ސުވާލު ކުރައްވައިފަ އެވެ. އެ ސުވާލަށް ފަހު އެ މަޝްރޫއުގެ މައިގަނޑު ކަންކަން ރައީސް ލިއުއްވި އެވެ.
އާ ޑިޖިޓަލް ނިޒާމާ ބެހޭ ގޮތުން ރައީސް ވިދާޅުވީ:
މޯލްޑިވްސް 2.0 އަކީ ދައުލަތުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން ނައްތާލަން އެޅޭ އެންމެ ބޮޑު ފިޔަވަޅު 
ކޮންމެ ރައްޔިތަކަށް އެ ރައްޔިތެއްގެ މައުލޫމާތު (ޑޭޓާ)ގެ ފުރިހަމަ ކޮންޓްރޯލާއި ބާރުވެރިކަން ލިއްބައިދޭ ނިޒާމު 
ދެ ފުށް ފެންނަ، އަވަސް، ލުއި ފަސޭހަ، ހިދުމަތުގެ ފެންވަރު މަތީ ނިޒާމް
 ކޮރަޕްޝަން މަދު ގައުމުތަކުގެ ލިސްޓުގައި ރާއްޖެ އެތައް ދަރަޖައެއް މަތިވެގެންދާނޭ ނިޒާމް 
ޕްރެސް ފްރީޑަމް އިންޑެކްސްގައި ވެސް ރާއްޖެ އެތައް ދަރަޖައެއް މަތިވެގެންދާނޭ ނިޒާމް 
"މިއީ ރައްޔިތުން އެދޭ އަމާޒު. މި އަމާޒަށް ވާސިލް ވުމަށް ކުރާ ދަތުރުގައި، އަޅުގަނޑުމެން ކުރިޔަށް ދާނީ ރައްޔިތުންނާ ގާތުން، ރައްޔިތުންނާ އެކު،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
"މި ދަތުރުގައި ޒިންމާދާރުކަމާ އެކު ބައިވެރިވުމަށް ސިޔާސީ އިދިކޮޅު ފަރާތްތަކަށް ވެސް ގޮވާލަން."
އެނގުން މުހިއްމު - ދައުލަތުގެ ހިދުމަތްތައް ޑިޖިޓަލް ކުރުމުގެ މަސައްކަތް ފަށާފައި މިވަނީ، އެ ދާއިރާގައި އެންމެ ކުރިއަރާފައިވާ އެއް ގައުމު، އެސްޓޯނިއާގެ އެހީތެރިކަމާ އެކުގަ އެވެ.  ރައީސް މުއިއްޒު ވަނީ މި އަހަރު ކުރީކޮޅު އެސްޓޯނިއާއަށް ވަޑައިގެން އެ ގައުމުގެ ހިދުމަތްތައް ބައްލަވައި ތަޖުރިބާ ކުރައްވައިފަ އެވެ.
މި މަޝްރޫއުގެ ދަށުން، މުޅި ރާއްޖޭގެ އާއްމު ހިދުމަތުގެ ހުރިހާ ކަމެއް އެއް ވިއުގައަކުން ގުޅާލާނެ އެވެ. ޑިޖިޓަލް އައިޑީ ކާޑު ތައާރަފްކޮށް، މިނިސްޓްރީތަކާއި ކައުންސިލްތަކާއި އެހެނިހެން އިދާރާތަކުން ވެސް ހިދުމަތް ދޭނީ އެކަމަށް ހާއްސަ ގާނޫނުތަކުގެ ދަށުން ޑިޖިޓަލްކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ