ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރު މާދަމާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހާޒިރުވުމަށް އަންގައިފި އެވެ.
ވީ ކިހިނެއް؟ - ދެ ފަނޑިޔާރުން ހާޒިރުވުމަށް އެންގީ، ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ހުތުރުކޮށް ވާހަކަ ދެއްެކެވި ކަމަށް ބުނާ ތަނެއްގައި އަޒްމިރަލްދާއާއި މަހާޒު އިންނެވި ކަމަށް ބުނާ މައްސަލާގަ އެވެ.
ތަފްސީލް - 2022 ވަނަ އަހަރު ޖޭއެސްސީއަށް ހުށަހެޅި މައްސަލައެއްގައި އެ ކޮމިޝަނަށް މަހާޒާއި އަޒްމިރަލްދާ ހާޒިރުވުމަށް ޗިޓު ފޮނުވާފައިވާކަން ދެ ފަނޑިޔާރުންގެ ވަކީލުން ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ. އެ ގޮތުން:
މަހާޒު ހާޒިރުވުމަށް އަންގާފައި ވަނީ ހެނދުނު 11:15އަށް
އަޒްމިރަލްދާ ހާޒިރުވުމަށް އަންގާފައި ވަނީ ހެނދުނު 10:30އަށް
ފާހަގަކުރެވޭ - މި މައްސަލައިގެ އިތުރުން އަޒްމިރަލްދާގެ ފިރިކަލުން އައިޖީއެމްއެޗުގެ ޑޮކްޓަރު އިސްމާއީލް ލަތީފް ބަންދު ނުކުރުމަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައެއް ވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ.
މި މައްސަލައިގެ ތުހުމަތު އަޒްމިރަލްދާގެ އިތުރަށް މަހާޒަށް ވެސް ކުރެ އެވެ. މި މައްސަލާގައި ދެ ފަނޑިޔާރުންގެ ބަޔާން ނެގުމަށް ފަހު ކޮމިޝަނުގެ ތަހުގީގު ރިޕޯޓް ވެސް ވަނީ ފަނޑިޔާރުންނަށް ދޫކޮށްފަ އެވެ.
ތަހުގީގުގެ ފުރަތަމަ ރިޕޯޓާ ގުޅޭ ގޮތުން ޖަވާބު ދެއްވުމަށް ފަނޑިޔާރުންނަށް ހަތް ދުވަސް ލިބޭނެ އެވެ. އެ މުއްދަތު ހަމަވާނީ މި އަންނަ ބުރާސްފަތި ދުވަހަށެވެ. ފައިނަލް ރިޕޯޓް ތައްޔާރުކުރާނީ އޭގެ ފަހުން، އަޑުއެހުމެއްގެ ގޮތުގައި އިތުރު އަޑުއެހުމެއް ވެސް ބާއްވައިފަ އެވެ.
ގުޅުން ހުރި - އަޒްމިރަލްދާ އާއި މަހާޒު ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނާ މައްސަލައެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވެސް ދަނީ ބަލަމުންނެވެ.
އަޒްމިރަލްދާ ވަނީ އޭސީސީގެ ރައީސް އާދަމް ޝާމިލް ޝަރީއަތަށް ނުފޫޒު ފޯރުވި ކަމަށް ވިދާޅުވެ މައްސަލައެއް ވެސް ހުށަހަޅުއްވައިފަ އެވެ. އޭސީސީން ވަނީ އެ މައްސަލަ ބަލައިގެންފަ އެވެ.
އެނގުން މުހިންމު - ކުރިން އޮތް ޖޭއެސްސީއަށް ހުށަހެޅި މައްސަލަތަކެއް ވެސް ހިމެނޭ ގޮތަށް މި ފަނޑިޔާރުންގެ މައްސަލަތައް ބަލަން ނިންމައި ސަސްޕެންޑްކުރީ މަޖިލީހުގެ ގޮނޑި ގެއްލޭ އާ ހާލަތްތަކަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކާ ގުޅޭ އަޑުއެހުމެއް ފަށަން ކުޑަތަން ވެފައި ވަނިކޮށެވެ.
އެއީ ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ މައްސަލަ އެވެ. ފަނޑިޔާރުން ސަސްޕެންޑްކުރީ މައްސަލަ ކުރިއަށް ގެންދަން ވެސް ކޯޓުން ނިންމާފައި ވަނިކޮށެވެ. މިހެންވެ، އެ މައްސަލަ މި ވަގުތަށްވަނީ ހުއްޓިފަ އެވެ. އެއީ:
ސުޕްރީމް ކޯޓުގައި ސަސްޕެންޝަނެއް ނެތި ތިއްބެވީ ހަތަރު ފަނޑިޔާރުން
ކޯޓުތަކުގެ ގާނޫނު ބުނާ ގޮތުން ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ބެލޭނީ މަދުވެގެން ފަސް ފަނޑިޔާރުން ތިއްބަވާ ބެންޗަކަށް
ހައި ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ ހާޒިރުކުރުވި މައްސަލާގައި މަހާޒާއި އަޒްމިރަލްދާ މާދަމާ ޖޭއެސްސީއަށް ހާޒިރުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ