ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނުގެ ދަށުން ނ. ދިގުފަރު ފަޅާއި އެ އަތޮޅު ދެކެނަންފަރު އަދި ކުރަމާދޫގައި ދެމެހެއްޓެނިވި ވަސީލަތްތަކާއެކު ޓައުންޝިޕް މަޝްރޫއުއެއް ހިންގުމުގެ ހުއްދަ ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ދީފި އެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު އާންމުކުރި ނޫސްބަޔާނުގައި ބުނީ އެ މިނިސްޓްރީގެ ދަށުން ހިންގާ އިންވެސްޓްމެންޓު ބޯޑުން ހުއްދަ ދޫކުރީ ކްރިސްޓަލް ހޯލްޑިންގްސް އިން ހުށަހެޅި ހުށަހެޅުން ރިވިއު ކުރުމަށްފަހު ކަމަށެވެ.
"ޕްރޮޖެކްޓް އައީލާ" ގެ ނަމުން ނަން ދީފައިވާ އެ މަޝްރޫއުގެ ދަށުން މަތީ ފަންތީގެ ބޯހިޔަވަހިކަމާއި ބައިނަލްއަގުވާމީ ފެންވަރުގެ ސިއްހީ ހިދުމަތް ދޭ ތަންތަން ތަރައްގީ ކުރާނެ އެވެ. އެ މަޝްރޫއުގެ 60 ޕަސެންޓު އިމާރާތްތަކުގައި ބޭނުން ކުރުމަށް ހަމަޖެހިފައި ވަނީ އިރުން ހަކަތަ އުފައްދާ ނިޒާމު ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
އޭގެ އިތުރުން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެ މަޝްރޫއުގެ ދަށުން އެކުއަކަލްޗާ އަދި އެޑްވާންސް އެގްރިކަލްޗާގެ މަސައްކަތްތައް އެ ތަނުގައި ހިންގާނެ އެވެ. އެއާއެކު އެ މަޝްރޫއުގެ ދަށުން ތަރައްގީ ކުރާ ތަންތަނުގައި ހިދުމަތް ދިނުމަށް މަސައްކަތް ކުރާ މުވައްޒަފުންނާއި އެ މީހުންގެ އާއިލާތަކަށް އެ ތަނުގައި ދިރިއުޅެވޭނެ ގޮތަށް ތައުލީމު ހާސިލު ކުރާ ބިނާތަކާއި ބޯހިޔާވަހިކަން ވެސް އެ ތަނުގައި ގާއިމު ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
އެސްއީޒެޑު ގާނޫނުގެ ދަށުން މިއަދު ދޫކުރި ހުއްދައިގެ ދަށުން ދިގުފަރު ފަޅާއި އެ އަތޮޅު ދެކެނަންފަރު އަދި ކުރަމާދޫ ތަރައްގީ ކުރާނެ ގޮތުގެ ފީސިބިލިޓީ އެސެސްމެންޓާއި އިންފްރާސްޓްރަކްޗާ މާސްޓާ ޕްލޭންގެ އިތުރުން އިންޖިނިއަރިން އަދި ތިމާވެށްޓާ ބެހޭ ދިރާސާތަކާއި އެތަނުގައި ހިންގާނެ ވިޔަފާރީގެ މަޝްރޫއުތަކުގެ ތަފުސީލީ ޕްލޭން މިއަދުން ފެށިގެން 180 ދުވަހުގެ ތެރޭގައި ކްރިސްޓަލް ހޯލްޑިގްސް އިން ހުށަހަޅަން ޖެހޭނެ އެވެ.
އެސްއީޒެޑް ގާނޫނުގެ ދަށުން ނ. އަތޮޅުގައި ޓައުންޝިޕް ޕްރޮޖެކްޓެއް ހިންގަން ހުއްދަ ދީފި އެސްއީޒެޑް ގާނޫނުގެ ދަށުން ނ. އަތޮޅުގައި ޓައުންޝިޕް ޕްރޮޖެކްޓެއް ހިންގަން ހުއްދަ ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ