އާދަޝް ގޯރަވްގެ ހޮލީވުޑް ސީރީސް މި އަހަރުގެ އޮގަސްޓް މަހު

މީގެ ކުރިން ވެސް އިނގިރޭސި ފިލްމުތަކުންނާއި ވެބް ސީރީސްތަކުން ފެނިފައިވާ އިންޑިއާގެ ޒުވާން އެކްޓަރު އާދަޝް ގޯރަވްގެ އެމެރިކަން ޓެލެވިޒަން ސީރީސް "އޭލިއަން: އާތު"ގެ ފުރަތަމަ ލުކް ދައްކާލައިފިއެވެ. އާދަޝް މުހިއްމު ރޯލަކުން ފެންނާނެ މި ސައިންސް ފިކްޝަން ހޮރޯ ސީރީސް ޕްރީމިއާ ކުރުމަށް ހަމަޖެހިފައި ވަނީ މަޝްހޫރު މީޑިއާ ކުންފުނި އެފްއެކްސް ނެޓްވޯކްގެ އެފްއެކްސް ޓެލެވިޒަން ޗެނަލް ހުލޫއިންނެވެ. މި އަހަރުގެ އޮގަސްޓް މަހުގެ 12 ވަނަ ދުވަހު ބެލުންތެރިންނަށް ގެނެސްދޭން ނިންމާފައިވާ "އޭލިއަން: އާތު" އަކީ މަޝްހޫރު ފިލްމުތައް ކަމަށްވާ "ގްލޭޑިއާޓަ"، "ރޮބިންހުޑް" އަދި "ހައުސް އޮފް ގުޗީ"ގެ ޑައިރެކްޓަރު ރިޑްލޭ ސްކޮޓް އެގްޒެކެޓިވް ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތްކުރާ ވެބް ސީރީސްއެކެވެ. އާދަޝްއަށް ބެލުންތެރިންގެ މަގުބޫލުކަން ލިބުނީ އެމެރިކަން ފިލްމު ޑައިރެކްޓަރު ރާމިން ބަހްރާނީ ގެނެސްދިން "ދަ ވައިޓް ޓައިގާ"ގައި އޭނާ ކުޅުނު ރޯލްއަށް ފަހުއެވެ. ރާމިން ބަހްރާނީ އަކީ އީރާން ދަރިކޮޅު މީހެކެވެ. އާދަޝްއަށް ބޮޑު މަގުބޫލުކަމެއް ލިބުނު ފިލްމު "ދަ ވައިޓް ޓައިގާ"ގެ މަންޒަރެއްގައި ބަތަލާ ޕްރިޔަންކާ އަދި އެކްޓަރު ރާޖްކުމާރު ރާއޯއާ އެކު--ފޮޓޯ/ފިލްމުފެއަ އޭގެ ކުރިން އާދަޝް ކުޅުނު ބައެއް ފިލްމުތަކުގެތެރޭ "މައި ނޭމް އިޒް ޚާން"، "ރުކް" އަދި "މޭޑްލީ" ހިމެނެއެވެ. "އޭލިއަން: އާތު"ގެ ފުރަތަމަ ޕޯސްޓަ ލުކްއާ އެކު ވެސް މިއީ ވަރަށް ޝައުގުވެރި ވާހަކައެއްގެ މައްޗަށް ބިނާކޮށްފައިވާ ސީރީސްއަކަށްވާނެ ކަމަށް ބެލުންތެރިން ވަނީ ބުނެފައެވެ. މި ވެބް ސީރީސްގެ ވާހަކަ ބިނާކޮށްފައި ވަނީ ޖައްވީ އުޅަނދެއް ބިންމައްޗަށް ވެއްޓުމާ ގުޅިގެން އެ އުޅަނދުގައި ދަތުރުކުރާ ޓީމުގެ ސަބަބުން ދުނިޔެއަށް ނުރައްކަލެއް ކުރިމަތިވުމުގެ ބިރު އޮތުމާއެކު އެކަމުން ސަލާމަތްވުމަށް ކުރާ މަސައްކަތްތަކުގެ މައްޗަށެވެ. މި ސީރީސްގައި އާދަޝް ފެންނަ ގޮތުގެ ފުރަތަމަ ޕޯސްޓަރު ސޯޝަލް މީޑިއާގައި ހިއްސާކުރަމުން 30 އަހަރުގެ އެކްޓަރު ބުނެފައި ވަނީ ހޮލީވުޑްގެ ތަޖުރިބާހުރި ޓީމަކާ އެކު މަސައްކަތްކޮށްލުމުގެ ފުރުސަތު ލިބުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އާދަޝް އަންނަނީ ބޮލީވުޑްގެ ތުރިލާ ފިލްމެއް ކަމަށްވާ "ތޫ ޔާ މޭ"ގައި ވެސް މަސައްކަތް ކުރަމުންނެވެ. މި ފިލްމުގައި އާދަޝްއާ އެކު ބަތަލާގެ ރޯލްއިން ފެންނާނީ ފިލްމު އިންޑަސްޓްރީއަށް އަލަށް ތައާރަފްވާ ޝަނާޔާ ކަޕޫރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ