އޯޖީޕީގެ މެމްބަރަކަށްވުމުން ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ބައިނަލްއަޤުވާމީ އެހީތެރިކަން ލިބޭނެ

އޯޕަން ގަވަރމަންޓް ޕާޓްނަޝިޕްގެ މެންބަރަކަށްވުމުން ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ބައިނަލްއަޤުވާމީ ގޮތުން ހޯދަންޖެހޭ އެހީތެރިކަމާއި އެއްބާރުލުން، ހޯދުމުގައި ރާއްޖެއަށް އެހީތެރިކަން ލިބޭނެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ޕިލިޕީންސްގައި ހުންނަވާ ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައެވެ.
އޯޕަން ގަވަރމަންޓް ޕާޓްނަޝިޕް، އޯޖީޕީގެ މެމްބަރު ޤައުމަކަށް ރާއްޖެވުމާއި ގުޅިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރުވަނީ ރާއްޖޭގައި ގިނަ ޤާނޫނުތަކެއް ހެދިފައި ހުރިނަމަވެސް ތަންފީޒުކުރުމުގެ މަރުޙަލާގައި ދަތިތަކެއް ހުރިކަން ފާހަގަކުރައްވާފައެވެ.
އެހެންކަމުން މިޖަމްޢިއްޔާގެ މެމްބަރު ޤައުމަކަށްވުމާއެކު ރާއްޖޭގެ މަދަނީ ޖަމްޢިއްޔާތަކާއި ގުޅިގެން މިފަދަ މައްސަލަތައް ހައްލުކޮށް ނަޒާހަތްތެރިކަން ކަށަވަރުކޮށް ހެޔޮވެރިކަމެއްކުރުމަށް ބާރަކަށްވެގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ ސަބަބުން ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ބައިނަލްއަޤުވާމީގޮތުން ބޭނުންވާ ފަންނީ އެހީތެރިކަން ލިބިގެންދާނެކަން ވަޒީރުވަނީ ފާހަގަކުރައްވާފައެވެ.
"މިއީ ވޮޝިންގޓަންގައި ރަޖިސްޓަރކޮށްގެން ހިންގާ މޫވްމަންޓެއް. މިހާރުވެސް 70އަށްވުރެ ގިނަ ޤައުމުން މިހަރަކާތުގައި ބައިވެރިވަމުން އެބަދޭ. މީގެ އެންމެ މުހިންމުކަމަކީ ޖަމްޢިއްޔާއިންވެސް ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދެނީ، ޤާނޫނުތަކާއި ޤަވާއިދުތައް ހެދިފައި ހުއްޓަސްވެސް، އަސްލު ޕްރެކްޓިސްކުރުމުގައި ގުޑް ގަވަރނެންސް އަދި އެކައުންޓެބިލިޓީ، ޓްރާންސްޕޭރެންސީ، އަދި ހަމައެއާއެކީގައި ޚިޔާނާތާއި ވައްކަމާއި، އެނޫންވެސް މިފަދަ ކަންކަމުން އަރައިގަތުމަށް. ހަގީގަތުގައި ސިސްޓަމްގެ ތެރެއިން ކުރެވެން ހުންނަ ކަންކަން ކުރުމަށް ގޮންޖެހުންތަކެއް ކުރިމަތިވާއިރު، ފުރުސަތުތަކެއް ފަހިކޮށްދިނުމަށްޓަކައި ސިވިލް ސޮސައިޓީގެ ބޭނުން ހިފައިގެން ކުރިއަށްދިޔުމަށް އަސްލުބޮޑަށް ބާރުމިއެޅެނީ." އާދަމް ޝަރީފް ޢުމަރު ވަޒީރު ވިދާޅުވިއެވެ.
ރާއްޖެއިން ރަސްމީކޮށް އޯޖީޕީއާ ގުޅިފައިވާކަން ހާމަކުރައްވާފައިވަނީ ފިލިޕީންސްގެ މެނިލާގައި ބޭއްވި އޯޕަން ގަވަރމަންޓް ޕާޓްނަޝިޕް (އޯޖީޕީ) އޭޝިއާ އަދި ޕެސިފިކް ރީޖަނަލް ބައްދަލުވުމުގެ ތެރެއިންނެވެ. އޯޖީޕީއާ ގުޅުމުން އާންމު އަދި މަދަނީ ޖަމްޢިއްޔާތަކުގެ ބައިވެރިވުން ކުރިއެރުވުމަށާއި، ޖަވާބުދާރީވުމާއި، ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރުމުގެ އިތުރަށް ހެޔޮ ވެރިކަމެއް ކުރުމަށް ހިތްވަރުދޭ މާހައުލެއް ބިނާކުރުމުގައި އެހީތެރިވެދޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
އޯޕަން ގަވަރމަންޓް ޕާޓްނަޝިޕް (އޯޖީޕީ)ގައި ސިޓީތަކާއި އިދާރީދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ އިތުރުން ފުވައްމުލައް ސިޓީއާއި ކުޅުދުއްފުށީ ސިޓީ ކައުންސިލުންވަނީ ބައިވެރިވެ ފިލިޕިންސްގެ ސިޓީތަކުގައި ޚިދުމަތްދެމުންދާގޮތް ބައްލަވާލައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ