އިންޓަލެކްޗުއަލް ޕްރޮޕަޓީ އޮފީހަކީ މިނިވަން މުއައްސަސާއަކަށް ވާންޖެހޭ، ނޫންނަމަ ސަރުކާރުގެ ނުފޫޒު ވަންނާނެ: އެމްޑީޕީ

ރައްޔިތުންގެ ފިކުރީ މުދާ ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ ޒިންމާ މަތިކޮށް، 'މޯލްޑިވްސް އިންޓަލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ' ނަމުގައި ސަރުކާރުގެ އައު އިދާރާއެއް އުފައްދުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށާއި، އެފަދަ އިދާރާއަކީ މިނިވަން މުއައްސަސާއަކަށް ވާންޖެހޭނެ ކަމަށާއި، ނޫންނަމަ ސަރުކާރުތަކުގެ ނުފޫޒު ފޯރުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު އެމްޑީޕީގެ މެންބަރުން މިއަދު ވިދާޅުވެއްޖެއެވެ. ސަރުކާރުގެ ފަރާތުން ކުޑަހުވަދޫ ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން ހަމީދު ހުށަހެޅުއްވި އެ ބިލުގައި އޮތީ 'މޯލްޑިވްސް އިންޓަލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ގާނޫނޫ' ވުޖޫދުކޮށް، އެ ގާނޫނުގެ ދަށުން 'މޯލްޑިވްސް އިންޓަލެކްޗުއަލް ޕްރޮޕަޓީ އޮފީހެއް' އުފެއްދުމެވެ. https://sun.mv/208613 މިއަދުގެ ޖަލްސާގައި އެ ބިލަށް ބަހުސްކުރައްވައި ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވިދާޅުވީ އެ ބިލުގައި ހަމައެކަނި އޮތް ވާހަކައަކީ ފިކުރީ މުދާ ހިމާޔަތްކުރުމަށް އިދާރާއެއް އުފައްދާ ވާހަކަ ކަމަށެވެ. އަދި އެ ބިލުގައި ކަންބޮޑުވާ ދެ މާއްދާއެއް އެބަ އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ. ފުރަތަމަ ކަމަކީ އެ އިދާރާއަކީ މިނިވަން މުއައްސަސާއަކަށް ނުވުމެވެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދުނިޔޭގެ އެހެން ގައުމުތަކުގައި މި ގާނޫނު އޮންނައިރު މި މުއައްސަސާ އުފެދިފައި އޮންނަނީ މިނިވަން މުއައްސަސާއެއް ގޮތުގައި. އެއީ ސަބަބުތަކެއް އޮވެގެން. ސަރުކާރުތަކުގެ ނުފޫޒުން އެއްކިބާވެގެން އޮންނަ މުއައްސަސާއަކަށް މި މުއައްސަސާ ވެގެން އޮތުން އެއީ އަޅުގަނޑު ދެކޭ އެންމެ މުހިންމު ގޮތް، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) -- ފޮޓޯ/ މަޖިލިސް ދެން ކަންބޮޑުވާ އަނެއް ކަމަކީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރުގެ 'ފުލް ކޮންޓްރޯލް' އޮތުމެވެ. ބިލުގެ ހަތްވަނަ މާއްދާ ބުނާ ގޮތުން ނަމަ އިންޓަލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ އެންމެ އިސް ވެރިއަކަށް ހުންނާނީ ރަޖިސްޓްރާ އޮފް އިންޓަލެކްޗުއަލް ޕްރޮޕަޓީއެވެ. ރަޖިސްޓްރާރް އައްޔަނުކުރަނީ ވެސް އަދި ވަކިކުރަނީ ވެސް އިކޮނޮމިކް މިނިސްޓަރެވެ. ވަކިން ޚާއްސަކޮށް ބިލުގެ 13 ވަނަ މާއްދާ ބުނާ ގޮތުން ނަމަ އެ މުއައްސަސާއަށް ބޭނުންވާ ތަކެއްޗާއި މުވައްޒަފުން ހޯދަނީ ވެސް މިނިސްޓަރެވެ. އެހެންކަމުން މިނިސްޓަރުގެ ފުލް ކޮންޓްރޯލް އޮތުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށް ޒިޔާދު ވިދާޅުވިއެވެ. އިގްތިސޯދީ ދަތިކަމެއްގެ ތެރޭގައި ރާއްޖެ އޮތްއިރު، އެވަރު ކަމެއް މިނިސްޓްރީއަށް ކުރެވޭނެތޯ ނުވަތަ ނުކުރެވޭނެތޯ ޒިޔާދު ވަނީ ސުވާލުއުފައްދަވައިފައެވެ. އޭގެ ބަދަލުގައި ރައްޔިތުންގެ މަޖިލީހުން އައްޔަނުކުރާ ރަޖިސްޓްރާރެއް ހުރެގެން އެކަން ކުރާނަމަ، އެ މަސައްކަތާ ދޭތެރޭ ރައްޔިތުންގެ އިތުބާރު ބޮޑުވާނެކަމަށް ޒިޔާދު ވިދާޅުވިއެވެ. ހަމައެއާއެކު އެ ބިލުގައި އެ އޮފީހަށް އާމްދަނީ ހޯދޭނެ އެއްވެސް ގޮތެއް ހިމަނާފައި ނެތުމުގެ މާނައަކީ ސަރުކާރުގެ ބަޖެޓުން އެކަން ކުރުން ކަމަށާއި އެއީ ވެސް މިވަގުތަށް ބަލައި، ދައުލަތަށް ބުރައަކަށް ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު -- ފޮޓޯ/ މަޖިލިސް ބަހުސްގެ ވަގުތުގައި އެމްޑީޕީގެ އެހެނިހެން މެންބަރުން ވެސް ވަނީ ޒިޔާދުގެ ވާހަކައަށް ބާރުދެއްވައި ވަކާލާތުކުރައްވައިފައެވެ. ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވީ އެ ބިލުގެ ބޭނުމަކީ ކޮޕީރައިޓްގެ ގާނޫނާއި މިހާރު މަޖިލީހަށް ހުށަހަޅާފައި އޮތް ޓްރޭޑްމާކްގެ ގާނޫނު ފަދަ ގާނޫނުތައް ބަލަހައްޓައި ތަންފީޒުކުރުމަށް މައި އިދާރާއެއް އުފެއްދުން ކަމަށެވެ. އެހެންނަމަވެސް އެހާ ޒިންމާދާރު އިދާރާއެއްގެ ޒިންމާދާރު މަގާމެއްގެ ފުރިހަމަ ބާރު މިނިސްޓަރަށް އޮތުމަކީ ޒިންމާދާރު ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އެކަން ކޮމިޓީގައި ބަލައި ގޮތެއް ނިންމުމަށް އޭނާ ވަނީ ގޮވާލައްވައިފައެވެ. ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެންބަރު އަމީން ފައިސަލް -- ފޮޓޯ/ މަޖިލިސް ހަމައެއާއެކު ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެންބަރު އަމީން ފައިސަލް ވިދާޅުވި ގޮތުގައި މި ދަނޑިވަޅުގައި އެ ގާނޫނަކީ އެހާ މުހިންމު ގާނޫނެއް ނޫނެވެ. ވަކިން ޚާއްސަކޮށް އިގްތިޞާދީ ގޮތުން ބަލާއިރު ދައުލަތުން އިތުރު ބުރައެއް އުފުލަން ޖެހޭ ގޮތަށް އައު އޮފީހެއް އުފެއްދުމަކީ އެންމެ ރަނގަޅު ގޮތްތޯ އޭނާ ސުވާލު އުފެއްދެވިއެވެ. ވިޔަފާރިކުރުމާ އީޖާދީ ވިސްނުން ހުއްޓަސް، ރާއްޖޭގެ އިގްތިޞާދަކީ ބައިނަލްއަގްވާމީ ދުނިޔެއަށް އަދި ހުޅުވިފައިވާ އިގްތިޞާދެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންވީމަ 21 ވަނަ ގަރުނަށް ނުފެތޭ ގައުމެއްގައި އަޅުގަނޑުމެން 21 ވަނަ ގަރުނުގެ ބިލުތައް މިތަނަށް ގެނެސްގެން [މިއުޅެނީ]. އަދި ނުދޭ އެ ހިސާބަކަށް. ބިލު މުހިންމު. ބިލުން ރައްކާތެރިކަމާ ކަންކަން ލިބޭނެ. އެހެންނަމަވެސް އަޅުގަނޑުމެންގެ ވަޒީރު ބޭފުޅެއްގެ ވެސް ނެތޭ ރައްޔިތަކަށް ލުޔެއް ވާނެ، އެންމެ ރުފިޔާއެއް ވެސް ރައްކާކުރެވޭނެ ގޮތެއް ހެދުމުގެ އެއްވެސް ވިސްނުމެއް، ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް އެ ބިލުގެ ބޭނުމަކީ ރާއްޖޭގައި ފިކުރީ މުދާ ހިމާޔަތްކޮށް ކުރިއެރުވޭނެ ނިޒާމެއް ގާއިމުކޮށް، ވިޔަފާރީގެ ދާއިރާގައި ފަންނުވެރިކަމަށް ހިތްވަރުދީ އެ ދާއިރާ ކުރިއެރުވުމެވެ. އަދި ގައުމުގެ އިގްތިސޯދީ ތަރައްގީއަށް މަގުފަހިކުރުމަށްޓަކައި ސަރުކާރުގެ އައު އިދާރާއެއް ގާއިމުކޮށް، އެ އޮފީހުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ބަޔާންކުރުމެވެ. މި ބިލުގައި ފިކުރީ މުދަލުގެ ގޮތުގައި ބަޔާންކޮށްފައި ވަނީ، ރާއްޖޭގައި އަމަލުކުރެވޭ ފިކުރީ މުދަލާގުޅޭ ކަމާބެހޭ ގާނޫނުތަކުގެ ދަށުން ހިމާޔަތްކޮށްދޭ އެންމެހައި ބާވަތްތަކުގެ ފިކުރީ މުދަލަށެވެ. އޭގެ ތެރޭގައި ޓްރޭޑްމާކާއި، ކޮޕީރައިޓާއި، ޕޭޓަންޓާއި، އިންޑަސްޓްރިއަލް ޑިޒައިން އަދި ޖިއޮގްރަފިކަލް އިންޑިކޭޝަންތައް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ