އިސްރާއީލަށް ތަކެތި ސަޕްލައިކުރާ ބޯޓަކަށް ހޫޘީން ހަމަލާދީ ކަނޑަށް ފައްތާލައިފި

ސަންއާ (9 ޖުލައި 2025): އިސްރާއީލަށް މުދާ އުފުލުމުގައި ހަރަކާތްތެރިވަމުން ދިޔަ ގްރީސްގެ އާގު ބޯޓަކަށް ޔަމަންގެ ހޫޘީން ދިން ހަމަލާތަކެއްގައި އެ ބޯޓަށް ބޮޑެތި ގެއްލުންތަކެއް ލިބި ދިޔަވަމުން ދަނިކޮށް އިއްޔެ އެބޯޓު ރަތްކަނޑަށް ފެތި އަޑިއަށް ހިނގައްޖެއެވެ. މިހާދިސާގައި އެބޯޓުގެ ދެ ފަޅުވެރިއަކުވަނީ މަރުވެފައެވެ. އަދިވެސް ބައެއް ފަޅުވެރިން ތިބީ ކަނޑުގައ ކަމަށްވެއެވެ. އަލްޖަޒީރާ ބުނާގޮތުން ހޫޘީން ހަމަލާދިން ބޯޓަކީ 'އެމްވީ މެޖިކް ސީސް' ނަމަކަށް ކިޔާ ބޯޓެކެވެ. އެއީ ގްރީސްގެ ކުންފުންޏަކުން އޮޕަރޭޓު ކުރާ ލައިބީރިޔާގައި ރަޖިސްޓްރީ ކޮށްފައިވާ އާގު ބޯޓެކެވެ. ޔަމަންގެ ހޫޘީން އެބޯޓަށް ހަމަލާދިނީ އިސްރާއީލު ކަނޑުގެ މަގުން ހިސާރު ކުރުމަށް ހޫޘީން ހިންގާ އޮޕަރޭޝަން އަށް ގޮންޖަހައި ރަތްކަނޑު ހުރަސްކޮށް އިސްރާއީލުގެ އަސްދޫދު ބަނދަރަށް ދާން އުޅުމުންނެވެ. ހޫޘީން ހަމަލާދީފައިވަނީ ޔަމަންގެ ހުދައިދާ ބަނދަރާ 55 ކިލޯމީޓަރުގެ ދުރުން ރަތްކަނޑުގައި އެބޯޓު ދަތުރުކުރަމުން ދަނިކޮށެވެ. ބޯޓަށް ހަމަލާދިނީ ޑްރޯން އާއި ރޮކެޓް ބޭނުންކޮށްގެންނެވެ. އެބޯޓަށް ޑްރޯން އިން އެތަށްފަހަރަކު ވަނީ ހަމަލާދީފައެވެ. ހޫޘީން ގެ ބަޔާނެއް ބުނާގޮތުން 'އެމްވީ މެޖިކް ސީސް' އަށް ހަމަލާދިނީ އިސްރާއީލާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ބާރު ކަނޑުވާލަން މަސައްކަތް ކުރުމުންނެވެ. ހޫޘީންވަނީ އިސްރާއީލާ ދެކޮޅަށް ވައިގެ މަގުންނާއި ކަނޑުގެ މަގުން ހިސާރުގެ ފިޔަވަޅުތައް އަޅައިފައެވެ. ހޫޘީން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ވައިގެ މަގުން އިސްރާއީލްގެ މައި އެއާޕޯޓް ގެ ސަރަހައްދަށް ހަމަލާތައް ދެމުން ގެންދެއެވެ. މިއިން ކޮންމެ ހަމަލާއަކާއެކު އިސްރާއީލުގެ މައި އެއާޕޯޓް ބަންދު ކުރަންޖެއެވެ. އަދި އިސްރާއީލުގެ އާންމުންގެ ގިނަ ބަޔަކު ބިންގަރާސްތަކަށްވެސް ވަންނަން ޖެހެއެވެ. އެމެރިކާގެ ޚާރިޖީ ވުޒާރާއިންވަނީ ހޫޘީންގެ މިހަމަލާ ކުށްވެރިކޮށް އެއީ ޓެރަރިސްޓް ހަމަލާއެއްކަމަށް ސިފަކޮށްފައެވެ. ނަމަވެސް ހޫޘީން އިސްރާއީލަށާއި އިސްރާއީލުގެ މަސްލަހަތުތަކަށް ދޭ ހަމަލާތައް ހުއްޓުވުމުގައި އެމެރިކާއަށް ކުރެވޭނެ މާބޮޑު ކަމެއް ނެތްކަން މާޒީންވަނީ ހާމަވެފައެވެ. އިސްރާއީލުގެ ޓެރަރިޒަމްގެ އަމަލުތަކާއި އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމުތައް އެންމެ ބޮޑަށް ސްޕޮންސާ ކުރާ ގައުމުކަމަށްވާ އެމެރިކާއިން އިސްރާއީލުގެ އަނިޔާވެރިކަން ދިފާއު ކުރުމަށްޓަކައި ހޫޘީންނާ ދެކޮޅަށް ތެދުވެ ހޫޘީންނަށް ހަމަލާދޭން ފެށިއެވެ. ނަމަވެސް ރައްދުގައި ހޫޘީން އެމެރިކާގެ އާގު ބޯޓުތަކަށާއި އެމެރިކާގެ އަސްކަރީ އުޅަނދުތަކަށް ހަމަލާތައް ދޭން ފެށުމުން އެމެރިކާވަނީ އެހަމަލާތަކަށް ކެތް ނުކުރެވިގެން ހޫޘީންނަށް ހަމަލާދިނުން ހުއްޓާލުމަށް އެޖަމާއަތާއެކު ޑީލެއް ހަދާފައެވެ. މިއާއެކު ހޫޘީންނަށް ހަމަލާދިނުން އެމެރިކާވަނީ ހުއްޓާލާފައެވެ. 'އެމްވީ މެޖިކް ސީސް' އާގު ބޯޓަށް ހަމަލާދިނުމުގެ އިތުރުން ރަތްކަނޑުން ދަތުރުކުރި އެހެން އާގު ބޯޓެއްކަމަށްވާ "އެޓާނިޓީ" އަށްވެސްވަނީ ޑްރޯން ހަމަލާއެއް އަރާފައެވެ. ނަމަވެސް "އެޓާނިޓީ" އަށް ހަމަލާދިންކަން ހޫޘީން ކަށަވަރުކޮށްދީފައެއް ނުވެއެވެ. 'އެމްވީ މެޖިކް ސީސް' އަށް އެތަށް ފަހަރަކު ހަމަލާދިންކަން ހޫޘީންވަނީ ކަށަވަރުކޮށްދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ