ބައެއް މީހުންނަކީ ވަރަށް ހިތްހެޔޮ އަދި ވަރަށް ދީލަތި ބައެކެވެ. އެފަދަ މީހުންނަށް ކުރިމަތިވާ އެންމެ ބޮޑު އެއް މައްސަލައަކީ އެހެން މީހަކަށް ނޫނެކެވެ ބުނަން ނުކެރުމެވެ. މިއީ ރަނގަޅު ގޮތެއް ނޫނެވެ. ނޫނެކެ ބުނަންޖެހޭ ޙާލަތްތަކުގައި ނޫނެކެވެ ބުނަންޖެހޭނެއެވެ.
މިޘާލަކަށް ތިބާލައްވައި ނުބައި ޢަމަލެއް ކުރުވަން އުޅެނީއެވެ. ދޮގުހެކި ދިނުމަށް އެދެނީއެވެ. ދީނުގައި ޙަރާމްވެގެންވާ އެއްވެސް އެއްޗެއް ބޭނުންކުރުވަން ދަޢުވަތުދީ ބާރުއަޅަނީއެވެ. މީހަކަށް ދެރައެއް ލިބިދާނެ ކަމެއް ކުރުވަން އުޅެނީއެވެ. މިނޫންވެސް އެބާވަތުގެ ކަމެއް ކުރުވަން އުޅެނީއެވެ.
މިފަދަ ކަމެއް މެދުވެރިވުމުން ދޮގުވެސް ނުހަދާށެވެ. އެއީވެސް ކުރެވޭ ފާފައެކެވެ. ވަރަށް އަދަބުވެރިކަމާއިއެކު ރިވެތި ބަހުރުވައިން އެކަމެއް ނުކުރާނެ ކަމަށް ބުނަންކެރެންވާނެއެވެ. ބަލަންވީ އަނެކާ ތިބާއަށް ނުރުހިދާނެ ކަމަކަށް ނޫނެވެ. ﷲ ތަޢާލާ ތިބާދެކެ ރުހިވޮޑިނުގެންފާނެ ކަމަށެވެ. އެއަށްވުރެ ބޮޑު ދެރައަކީ ކޮބައިހެއްޔެވެ؟
ކުރިމަތިވާ ކޮންމެ ކަމެއްގައިވެސް ތިމާ ޢަމަލުކުރާނެ މިންގަނޑު ކަނޑައަޅަންވާނެއެވެ. އަދި އެގޮތަށް ޢަމަލުކުރަންވެސްވާނެއެވެ. މިބަޔާންކުރި ބާވަތުގެ ކަމެއް ތިބާއަށް ހުށަހަޅައިފިނަމަ ހަމައެކަނި އެކަން ޤަބޫލުނުކުރުމަކުންވެސް ނުފުދޭނެއެވެ. އިތުރަށް އެބާވަތުގެ ހުށަހެޅުމެއް ހުށަނާޅަންވެސް ބުނަންވާނެއެވެ. އެމީހަކީ ތިބާއަށް ހެޔޮއެދޭ މީހަކު ނަމަ ތިބާގެ ހުށަހެޅުން ޤަބޫލުކުރާނެއެވެ. ޤަބޫލުނުކޮށް ނުރުހިއްޖެނަމަ އެމީހަކީ ޝައިޠޯނެކެވެ. އޮތީ ޝައިޠޯނުންނާއި ދުރުހެލިވުމެވެ.
- މަޢުލުމާތު: މުފްތީ މެންކުގެ ދަރުސަކުން
ތިބާއަކީ ކިތަންމެ ހިތްހެޔޮ މީހަކުނަމަވެސް ކިތަންމެ ގާތް މީހުންނަށްވެސް ނޫނެކޭ ބުނަންޖެހޭ ކަންކަމުގަ ނުބުނާނަމަ ސަލާމަތްކަމެއް ނުލިބޭނެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ