އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ފޯރި ގަދަ ވަނީ، ފައްޔާޒު ވެސް ވާދަ ކުރައްވާ
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެއްވުމަށް އަދިވެސް ގަސްދު ކުރައްވާ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒް ވިދާޅުވީ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރެއްވީ ގައުމީ މަޖިލީހުގައި ކަމަށެވެ. އެގޮތުން އެ ޝައުގުވެރިކަން އަދިވެސް ހުންނެވި ކަމަށާއި ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ."ފުރަތަމަ ކަމަކަށް އަޅުގަނޑު ތި ވިދާޅުވާ އިއުލާން ކުރައްވާ ކަމަކީ އަޅުގަނޑުމެންގެ ގައުމީ މަޖިލީހުގައި ހިއްސާކޮށްލި ހިޔާލެއް އެނގޭތޯ. އެގޮތުގައި އަދިވެސް މިހުރީ. ﷲ އިރާދަކުރެއްވިއްޔާ، ދުނިޔޭގައި ހުރިއްޔާ [ވާދަ] ކުރާނަން،" ފައްޔާޒް ވިދާޅުވި އެވެފަޔާޒުއާ އެކު ނޫސްވެރިންގެ ބައްދަލުވުމުގައި އިންނެވި ޝާހިދަކީ ވެސް އެމްޑީޕީ އެތެރެއިން ލިބޭ މައުލޫމާތުތަކުން އެނގޭ ގޮތުގައި ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން ހުރި ބޭފުޅެކެވެެ. އެކަމަށް އޭނާ ކެމްޕެއިން ކުރައްވާ ކަމަށް ވެސް ވާހަކަ ދެކެވެ އެވެ. އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން އެއަށް އޭނާ ސީދާ ޖަވާބެއް ނުދެވެ އެވެ. އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ފައްޔާޒު މިއަދު ވިދާޅުވިއިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވެސް ވަނީ އެ ޕްރައިމަރީގައި ވާދަކުރައްވާނެކަން ގާތް ބޭފުޅުން މެދުވެރިކޮށް އިއުލާން ކުރައްވައިފަ އެވެ.އެންމެ ފަހުން 2023 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ނާކާމިޔާބު ވެވަޑައިގަތް އިބޫ ދެވަނަ ދައުރެއް ހޯއްދަވަން އަނެއްކާވެސް އިންތިހާބަށް ނުކުމެވަޑައިގަންނަވާނެކަން އިއުލާން ކުރެއްވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގަންނަވާނެކަން އިއުލާން ކުރެއްވުމުންނެވެ. ނަޝީދު ވެސް ވަނީ ރިޔާސީ އިންތިހާބަށް ނިކުމެވަޑައިގަތުމުގެ ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ. އަންނަ ރިޔާސީ އިންތިހާބަށް އެމްޑީޕީން ދައްކާނެ މީހަކު ހޯދުމަށް ބާއްވާ "ޕްރައިމަރީގެ ފޯރި" ވަރަށް ގަދަވާނެ ކަމަށް މިހާރު ވެސް ވަނީ ބެލެވެން ފަށައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ