ކަނޑަށް ދޫކުރަން ފެށި ކާނާ ފުޅިތައް ގާޒާއަށް ލައްގަން ފަށައިފި

މެދުއިރުމަތީ ގައުމުތަކުގެ ޒުވާނުން މެޑިޓެރޭނިއަން ކަނޑަށް ދޫކުރަން ފެށި ކާނާ ފުޅިތައް ގާޒާގެ ގޮނޑުދޮށަށް ލައްގަން ފަށައިފި އެވެ.
މިސްރުގެ ޒުވާނުންތަކެއް ފުޅިފުޅީގައި ކާނާ ބަންދުކޮށް ކަނޑަށް ދޫކުރަން ފެށީ ގާޒާއަށް އެހީ ދޭ ޖަމާއަތްތަކުގެ މަސައްކަތަށް ހުރަސްއަޅައި، އެއިން އެއްވެސް ބައެއްގެ ތަކެތި ގާޒާއަށް ވެއްދުން އިޒުރޭލުން ހުއްޓުވުމުން ރައްޔިތުން ބަނޑަށް ޖެހެމުން ދާތީ އެވެ. 
ފުށް، ޕާސްތާ، ބޭބީ ފޯމިއުލާ، ހަނޑޫ، މުގު އަދި އެހެނިހެން ބާވަތްތައް ފުޅިފުޅީގައި ބަންދުކޮށް ކަނޑަށް ދޫކުރި އެވެ.
'ފްރޮމް ސީ ޓު ސީ - އަ ބޮޓްލް އޮފް ހޯޕް ފޯ ގާޒާ'ގެ ނަމުގައި ހިންގާ މި ކެމްޕޭނުގެ ބައިވެރިން އަންނަނީ ލީބިޔާ، ޓިއުނީޝިއާ، އަލްޖީރިއާ އަދި މޮރޮކޯގެ ރައްޔިތުން ވެސް މި ގޮތަށް ގާޒާއަށް އެހީވާން ގޮވާލަމުންނެވެ.
ގާޒާގެ ގޮނޑުދޮށަށް ލައްގާ ކާނާ ފުޅިތައް ނަގައިގެން ގާޒާގެ ޒުވާން ފިރިހެނަކު އުޅޭ މަންޒަރު ސޯޝަލް މީޑިއާގައި މިހާރު ދަނީ ވައިރަލްވަމުންނެވެ.
އިޒްރޭލުގެ ސަބަބުން ގާޒާގެ ރައްޔިތުން މިހާރު ދަނީ ބަނޑަށް ޖެހެމުންނެވެ. ބަނޑުހައިހޫނުކަމުގައި އެތައް ބަޔަކު މަރުވާކަމުގެ ރިޕޯޓްތައް ވެސް ލިބެ އެވެ. އެގޮތުން މިހާތަނަށް 140 އަށް ވުރެ ގިނަ މީހުން/ކުދިން ވަނީ ބަނޑުހައިހޫނުކަމުގައި މަރުވެފަ އެވެ.
އިޒްރޭލުން ގާޒާގައި ހިންގަމުންދަނީ ގަސްދުގައި ބަނޑަށްޖެއްސުމުގެ އަމަލެއް ކަމަށް، ދުނިޔޭގެ އެތައް ގައުމަކުންނާއި ތަޖުރިބާކާރުން ގަބޫލުކުރެ އެވެ. އެންމެ ފަހުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް އިއްޔެ ވިދާޅުވީ ގާޒާ ބަނޑަށް ޖެހެމުން ދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ