ސުނާމީއާއެކު ޖަޕާނުން 2 މިލިއަން މީހުން ރައްކާތެރި ހިސާބުތަކަށް، ގިނަ ބަޔަކު ހޮކައިޑޯގައި

ރަޝިޔާ ކައިރިއަށް މިއަދު އައި ބިންހެލުމާ ގުޅިގެން ޖަޕާނާއި ރަޝިޔާގެ އެކި ހިސާބުތަކަށް ސުނާމީ އަރަމުން އަންނައިރު، ޖަޕާނުގެ ގާތްގަނޑަކަށް 1.9 މިލިއަން މީހުން ރައްކާތެރި ހިސާބުތަކަށް ގެންގޮސްފިއެވެ. އޭގެ ތެރެއިން 10،500 އެއްހާ މީހުން ތިބީ ޖަޕާނުގެ ރަށެއް ކަމަށްވާ ހޮކައިޑޯގައެވެ. ޓޯކިޔޯގެ ދެކުނުގައި އޮންނަ ޗިބާގެ ގޮނޑުދޮށް ފެންނަ ސަރަހައްދަކަށް ވެސް ބައެއް މީހުން އެއްވެފައިވެއެވެ. އަދި، ޖަޕާނުގެ އިރުމަތީ އައްސޭރިފަށުގައި ދިރިއުޅޭ ރައްޔިތުން އުސް ބިންތަކަށް ބަދަލުވުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ. ޖަޕާނުގެ ޕެސިފިކް ކަނޑުގެ އައްސޭރިން ގިނަ އަދަދަކަށް ރާޅު އަރާތަން ފެނިފައިވާ ކަމަށް ސީއެންއެންއިން ރިޕޯޓުކޮށްފައިވެއެވެ. ޖަޕާނުގެ މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ, ސުނާމީގެ ރާޅުތައް ތިން މީޓަރު އުސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ސުނާމީގައި ހަލާކުވި ރަޝިޔާެގެ ކުޑަކުދިންނަށް ކިޔަވައިދޭ ސްކޫލް. ފޮޓޯ/ރޮއިޓާސް ސުނާމީއާ ގުޅިގެން ރަޝިޔާގެ ސަޚާލިން ސަރަހައްދުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާއިރު، ޗައިނާއަކީ ވެސް ރަޝިޔާގެ އެންމެ އިރުމަތީ އައްސޭރިފަށަށް 8.8 ގެ ބާރުމިނުގައި އައި ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރު ދިން ބައެއް ގައުމުތަކުގެ ތެރެއިން އެއް ގައުމެވެ. ޗައިނާގެ ސުނާމީގެ އިންޒާރުދޭ މަރުކަޒުން ބުނީ، އެ ގައުމުގެ އިރުމަތީ އައްސޭރިފަށަށް 30 ސެންޓިމީޓަރާއި އެއް މީޓަރާއި ދެމެދުގެ ރާޅު އަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ސުނާމީ ރާޅުތަކުގެ ސަބަބުން ހަވާއީގެ މައުއީއާއި އެހެން ސަރަހައްދުތަކުން ފެން ވެސް ވަނީ ބަންދުކޮށްފައެވެ. އެމެރިކާގެ ކެލޮފޯނިއާއި، އިންޑޮނޭޝިއާ، ނިއު ޒީލޭންޑް، ޕެރޫ، ވޮޝިންގްޓަން، ޓޮންގާ، ޓައިވާން، ފިލިޕީންސް އަދި މެކްސިކޯއަށްވެސް ވަނީ ސުނާމީގެ އިންޒާރު ނެރެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ