އޭއައި ޗެޓްބޮޓްތަކުން ޒާތީ މައުލޫމާތު ލީކުވުމުގެ ނުރައްކާ
ޖެނެރޭޓިވް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓޫލްސް ކަމަށްވާ ޗެޓްޖީޕީޓީ އަދި ކޯޕައިލެޓް ފަދަ ޓޫލްސް ބޭނުންކުރުމުގެ ސަބަބުން ކުންފުނިތަކުގެ ސިއްރު މައުލޫމާތާއި، މުވައްޒަފުންގެ މުސާރަ އަދި ސިއްހީ މައުލޫމާތު ފަދަ ނާޒުކު ޒާޒީ މައުލޫމާތު ލީކުވުމުގެ ނުރައްކާ ބޮޑުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. މިފަދަ ޓޫލްސްގެ ޑިފޯލްޓް ސެޓިންސްގައި ޗެޓް ހިސްޓްރީ ރިކޯޑްކޮށް އަރުޝީފުކުރެވޭތީ، މިއީ ޑޭޓާ ލީކުވުމުގެ ބޮޑު ނުރައްކަލެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ. މިފަދަ ޓޫލްސް ބޭނުންކުރުމުގެ ސަބަބުން ޑޭޓާ ސެކިއުރިޓީއާ ގުޅުންހުރި ހާދިސާތަކުގެ ގާތްގަނޑަކަށް ހަތްބައިކުޅަ އެއްބައި ހިއްސާކުރާ ކަމަށް ދާދިފަހުން ކުރި ސާވޭއަކުން ދައްކައެވެ. މިކަމުގެ ނުރައްކާތެރިކަން ހާމަވި ހާދިސާއެއްގައި، 2023 ވަނަ އަހަރު ސެމްސަންގެ އިންޖިނިއަރަކަށް އޮޅުމަކުން ކުންފުނީގެ ސިއްރު ސޯސް ކޯޑުތަކާއި، އިންޓާނަލް ބައްދަލުވުންތަކުގެ ނޯޓްސް އޭއައި ޕްލެޓްފޯމަކަށް ޕޭސްޓްކުރެވުނެވެ. މިކަމާ ގުޅިގެން ސެމްސަންގް، އެޕަލް، ޖޭޕީ މޯގަން، އަދި އެމޭޒަން ފަދަ ބޮޑެތި ކުންފުނިތަކުން ވަނީ އެ މީހުންގެ މުވައްޒަފުންނަށް މިފަދަ ޕަބްލިކް އޭއައި ޓޫލްތަކަށް ކުންފުނީގެ ނާޒުކު މައުލޫމާތު އެޅުން މަނާކޮށްފައެވެ. މި ޗެޓްބޮޓްތަކަކީ ސީދާ "ވަގަށް" ޑޭޓާ ނަގާ އެއްޗެހިތަކެއް ނޫނެވެ. ނަމަވެސް، ޔޫޒަރުންނާ ދެކެވޭ ވާހަކަތައް، އެ އޭއައި މޮޑެލްތައް އިތުރަށް ތަމުރީނުކޮށް، އުނގަންނައިދީ، ޖަވާބުދިނުން ރަނގަޅުކުރުމަށް ބޭނުންކުރެވެއެވެ. ޗެޓްޖީޕީޓީ ފަދަ ޕްލެޓްފޯމްތަކުގެ ޕްރައިވެސީ ޕޮލިސީގައި ވެސް މިކަން ހާމަކޮށްފައިވެއެވެ. މައްސަލައަކީ ގިނަ ޔޫޒަރުން މިކަމަށް ސަމާލުނުވެ، ޒާތީ އަދި ސިއްރު މައުލޫމާތުތައް އެ ޕްލެޓްފޯމްތަކަށް ލުމެވެ. މި ޑޭޓާ އެއްފަހަރު އޭއައި މޮޑެލްއަށް ދަސްވެއްޖެނަމަ، އެހެން ޔޫޒަރެއްގެ ސުވާލެއްގެ ޖަވާބުގެ ތެރޭގައި އެ މައުލޫމާތު ހިމެނިގެން ހިނގައިދާނެއެވެ. ނާޒުކު މައުލޫމާތު ރައްކާތެރިކުރުމަށް އެކަށީގެންވާ ކޮންޓްރޯލްތައް ނެތްނަމަ، ހެކަރުންނަށް ވެސް އެފަދަ އޭއައި ޕްލެޓްފޯމްތައް މެދުވެރިކޮށް މިފަދަ ޑޭޓާތަކަށް ވަރަށް ފަސޭހައިން ވާސިލުވެވިދާނެއެވެ. ތަޖުރިބާކާރުން ލަފާދެނީ މިފަދަ ޓޫލްތައް ބޭނުންކުރުން ހުއްޓާލުމުގެ ބަދަލުގައި ޒިންމާދާރުކަމާ އެކު ބޭނުންކޮށް ޑޭޓާ ރައްކާތެރިކުރުމަށް ފިޔަވަޅުތައް އެޅުމަށެވެ. އެގޮތުން، އެންމެ މުހިންމު ކަމަކީ އެއްވެސް ހާލެއްގައި އަމިއްލަ ޒާތީ މައުލޫމާތާއި، ކުންފުނީގެ ސިއްރުތަކާއި، މާލީ މައުލޫމާތު، ނުވަތަ ސިއްހީ މައުލޫމާތު ފަދަ އެއްވެސް އެއްޗެއް ޗެޓްބޮޓަށް ނޭޅުމެވެ. މީގެ އިތުރުން، ޗެޓްޖީޕީޓީ ފަދަ ޕްލެޓްފޯމްތަކުގެ ސެޓިންއިން ޗެޓް ހިސްޓްރީ ސޭވްކުރުން ހުއްޓާލުމުން، ތިބާގެ ވާހަކަތައް މޮޑެލް ތަމްރީނުކުރުމަށް ބޭނުމެއް ނުކުރާނެއެވެ. އަދި، ކުންފުނިތަކުން މުވައްޒަފުންނަށް އޭއައި ބޭނުންކުރެވޭނެ ގޮތުގެ ސާފު ގައިޑްލައިންތަކެއް އެކުލަވާލައި، ކުންފުނިތަކަށް ޚާއްސަ ޑޭޓާ ރައްކާތެރިކުރުމުގެ ފީޗާ ހިމެނޭ "އެންޓަޕްރައިޒް" ވާޝަންތައް ބޭނުންކުރުމަކީ ވެސް ރައްކާތެރި ފިޔަވަޅެކެވެ. ޖެނެރޭޓިވް އޭއައިއަކީ މަސައްކަތްތައް އަވަސްކޮށް، އުފެއްދުންތެރިކަން އިތުރުކޮށްދޭ ވަރުގަދަ ވަސީލަތެކެވެ. ނަމަވެސް، މި ޓެކްނޮލޮޖީ ބޭނުންކުރުމުގައި ޑޭޓާގެ ސަލާމަތާއި ރައްކާތެރިކަމަކީ އެންމެ އިސްކަންދޭންޖެހޭ އެއްކަންތަކެވެ. މި ޓޫލްތައް ބޭނުންކުރުން އެއްކޮށް ހުއްޓާލުމުގެ ބަދަލުގައި، އޭގެ ނުރައްކާތަކަށް ސަމާލުވެ، ޒިންމާދާރުކަމާ އެކު ބޭނުންކުރުމަކީ ކޮންމެ ފަރުދެއްގެ އަދި ކުންފުންޏެއްގެ ޒިންމާއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ