މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް ނިޔާވި އަބްދުﷲ ރަޝީދަށް އިންސާފު ނުލިބި އިތުރު ފަސް އަހަރު މަޑުކުރަން ނުޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ރޭ ބޭއްވި "އަހާ ފޯރަމް"ގައި، އަބްދުﷲ ރަޝީދުގެ އަންހެނުން ޝެހެނާޒް އަބްދުއްރަހީމް ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ޝެހެނާޒްގެ ސުވާލާ ގުޅިގެން ބަންޑާރަ ނައިބު އަހުމަދު އުޝާމްއާ ވަގުތުން މަޝްވަރާ ކުރެއްވުމަށް ފަހު، ރައީސް ވިދާޅުވީ އަބްދުﷲ ރަޝީދަށް އިންސާފު ހޯދަން ފަސް އަހަރު މަޑުކުރަން ނުޖެހޭނެ ކަމަށެވެ.
"ނޫން. ފަސް އަހަރު ވަންދެން މަޑުކުރާކަށް ނުޖެހޭނެ. އަޅުގަނޑު ދެންނެވިން ދެންމެގައި އޯގާތެރި ސަރުކާރެއް ގާއިމުކުރަންށޭ އަޅުގަނޑު އައީ. ރައްޔިތުން އަޅުގަނޑާ ހަވާލުކުރީ އަޅުގަނޑު އެހެން ދެންނެވީމާ"
ކުރީ ސަރުކާރުން އުފެއްދި އިންތިގާލީ އިންސާފުގެ އޮފީހުން އާއިލާގެ ޒާތީ އެތައް މައުލޫމާތެއް ނެގުމަށްފަހު ވެސް އެ މައްސަލައިގައި އިންސާފު ލިބިފައިނުވާ ކަން ޝެހެނާޒް ވަނީ ފާހަގަކޮށްފަ އެވެ. އަދި މި ފަސް އަހަރުތެރޭގައި މި މައްސަލަ އަށް އިންސާފު ލިބޭނެތޯ އާއި އަނެއްކާވެސް ފަސް އަހަރު މަޑުކުރަންވީތޯ ޝެހެނާޒް ވަނީ ސުވާލު އުފައްދާފަ އެވެ.
މި ސުވާލުތަކުގެ ޖަވާބުގައި ރައީސް ވިދާޅުވީ، އިންތިގާލީ އިންސާފުގެ އޮފީސް އުފެއްދުމާ ގުޅޭ ގޮތުން ކުރީގެ ސަރުކާރުން ގާނޫނު ހަދާފައި އޮތީ އެ ވެރިކަމުގެ ފަހު ދުވަހު އެ ގާނޫނު އުވޭ ގޮތަށް ކަމަށެވެ. އެހެން ކަމުން އެ އޮފީހުން ކުރިއަށް ގެންދިޔަ ހުރިހާ ކޭސްތަކެއް ބަންޑާރަ ނައިބުގެ އޮފީހަށް މިހާރު ގެނެސްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އަބްދުﷲ ރަޝީދަށް އިންސާފު ލިބެން ޖެހޭނެ ކަމަށް އިންތިގާލީ އިންސާފުގެ އޮފީހުން ނިންމުމުގެ ކުރިން ވެސް އޭނާގެ އާއިލާ އިން ވަނީ ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުގެ އިސްވެރިންނާ ބައްދަލުކޮށް އޭނާއަށް އިންސާފު ހޯދައިދޭން އެދިފަ އެވެ. އެކަމަކު އެއްވެސް ތަނަކުން އިންސާފު ލިބިފައެއް ނުވެ އެވެ.
އަބްދުﷲ ރަޝީދު ޖަލަށް ލާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް އޭރުގެ އިދިކޮޅު ފަރާތްތަކުން 2015 ގެ މޭ 1 ގައި ބޭއްވި ބޮޑު މުޒާހަރާގެ ތެރެއިން ފުލުހަކަށް ހަމަލާދިނުމުގެ ކުށް ސާބިތުވެގެންނެވެ. އެ ހުކުމް ތަންފީޒުކުރަނިކޮށް އޭނާ ނިޔާވީ 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު އެވެ.
އޭނާ ނިޔާވީ ކަރެކްޝަނަލް ސާވިސްގެ އިހުމާލުން ކަމަށް، އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އާއިލާ އިން ދަނީ ބުނަމުންނެވެ. ބަލިހާލަތު ސީރިއަސްވަމުން ދިޔަ އިރު ވެސް ފަރުވާނުދީ މާ ބޮޑަށް ލަަސްކުރި ކަމަށް އާއިިލާ އިން ބުނެ އެވެ.
އަބްދުﷲ ރަޝީދަށް އިންސާފު ނުލިބި އިތުރު 5 އަހަރު މަޑުކުރާކަށް ނުޖެހޭނެ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ