ހާރިޖީ ވަޒީރު ޒަމީރުގެ އަރިހަށް މިޞްރުގެ ސަފީރު ވަދާޢީ ޒިޔާރަތެއް ކުރައްވައިފި

ހާރިޖީ ވަޒީރު މޫސާ ޒަމީރުގެ އަރިހަށް މިޞްރުގެ ސަފީރު ވަދާޢީ ޒިޔާރަތެއް ކުރައްވައިފިއެވެ
މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވި މި ބައްދަލުވުމުގައި، ވަޒީރު ޒަމީރުވަނީ ސަފީރުގެ ދައުރު ނުހަނު ކާމިޔާބުކަމާއެކު ނިންމަވާލެއްވުމުން އެ މަނިކުފާނަށް ތަހުނިޔާ ވިދާޅުވެ، ރާއްޖެއާއި މިޞްރާއި ދެމެދު އޮތް އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އެ މަނިކުފާނު ކުރެއްވެވި މަސައްކަތްޕުޅަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މިޞްރުގެ ސަފީރުވަނީ އެމަނިކުފާނުގެ ދައުރުގައި ދިވެހި ސަރުކާރުން ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކުރައްވައި، ކުރިއަށް އޮތް ތަނުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވެފައެވެ.
ދިވެހިރާއްޖެއާއި މިޞްރާ ދެމެދު، ޞިއްޙީ ދާއިރާއިންނާއި ތަޢުލީމީ ރޮނގުން އަދި ދީނީ ޢިލްމު އުނގެނުންފަދަ މުހިންމު ދާއިރާތަކުން ހިންގާފައިވާ މަސައްކަތްތަކަށް، މި ބައްދަލުވުމުގައި އަލިއަޅުވާލެވިގެންދިޔައެވެ. މީގެ އިތުރުން، ދިވެހިރާއްޖެއާއި މިޞްރާއި ދެ ޤައުމުގެ ދެމެދުގައި އިތުރު ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
ވަޒީރު ޒަމީރުގެ އަރިހުގައި މި ބައްދަލުވުމުގައި ފޮރިން ސެކްރެޓަރީ ފާޠިމަތު ޢިނާޔާއާއި ޖޮއިންޓް ސެކްރެޓަރީ މަރްޔަމް ރީޝާ އަދި އެސިސްޓަންޓް ޑިރެކްޓަރ މިޒްނާ ވަޙީދު ބައިވެރިވެވަޑައިގެންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ