ޕީޕީއެމްގެ ވެރިކަމުގައި މޫސުން ގޯސްވީ ބަދިގެ ތެރެއިން ކަންކަން ނިންމަން ފެށުމުން، މިފަހަރު އެހެންނެއް ނުވާނެ: ލަތީފ

2013 ވަނަ އަހަރު އިންތިޚާބުވި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ވެރިކަމުގައި '' މޫސުން ގޯސްވީ ބަދިގެ ތެރެއިން ކަންކަން ނިންމަން ފެށުމުން ކަމަށާއި، މިފަހަރު އެހެންނެއް ނުވާނެ ކަމަށް'' ދިއްދޫ ދާއިރާގެ މެންބަރު އަބުދުއްލަތީފް މުހައްމަދު (ލަތީބެ) މިރޭ ވިދާޅުވެއްޖެއެވެ.
ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޖަގަހަ ޖަލްސާތައް މިރޭ ފަށާފައިވާއިރު، ލަތީފް މިހެން ވިދާޅުވީ، މިޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ލަތީފްގެ ވާހަކަ ފައްޓަވަމުން ވިދާޅުވީ، ޕޯޑިއަމަށް އެރުމުން ވަރަށް ފިވާކަމަށެވެ. އަދި ޕޯޑިއަމްގައި ހުންނަންވީ ''ދެ ޖީބަތް އަތް ޖަހައިގެންކަމެއް، އެއްފައި މައްޗަށް ކަމެއް ނޫނީ ޕޯޑިއަމްގައި އެއް އަތްޅައިގެން ކަމެއް'' އެނގިވަޑައި ނުގަންނަވާ ކަމަށެވެ. ލަތީފް އެ އިޝާރާތް ކުރެއްވީ ކުރީގެ ރައީސް އަބުދުﷲ ޔާމީން އާންމުކޮށް ޕޯޑިއަމްގައި ހުއްޓި ހުންނަވާ ގޮތްގޮތަށް ކަމަށް ބެލެވެއެވެ. އަދި އެއީ ޖެއްސެވި ޖޯކެއް ކަމަށް ވެސް ބެލެވެއެވެ.
ލަތީފް ވިދާޅުވީ، މިހާރު ގުނަމުން ދަނީ އަމިއްލަ ވެރިކަމެއްގެ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ދުވަސްތައް ކަމަށެވެ. އަދި މީގެ ކުރީން 2013 އިން 2018 އަށް ވެސް ޕީޕީއެމްގެ ވެރިކަމެއްކުރި ކަމަށާއި، މި ވެރިކަން އެ ވެރިކަމަށްވުރެ މާ އުފާވެރ، މާ ހިތްހަމަޖެހުން ލިބޭނެ ކަމަށް ވިދާޅުވިއެވެ.
''ބިރު ފިލާ ހިނގައްޖެ މިހާރު، ކުރިންތިބީ ޝައްކެތްމަތީގައި، ކުރިންނަމަ މި ދެއްކޭ ވާހަކަ އަކީ ރަނގަޅު ވާހަކައެއްތޯ، މިކުރެވެނީ ރަނގަޅު ކަމެއްތޯ ސުވާލު އަންނާނެތީ، މާދަމާ އަޅުގަނޑުމެންނަށް އިންޒާރެއް ނާންނާނެ، އެއީ ކާކު ބުނިގެން ބުނިއެއްޗެއްތޯ އެ ސުވާލެއް ދެނެއް ނާންނާނެ، އިތުބާރާއި ޔަގީންކަން އެބައޮތް، ޝަކުވާއެއް ނުކުރާނެ، މައްސަލައެއް ނުޖައްސާނެ، އަޅުގަނޑުމެންނަށް އަންނަ ނޯޓެއް ދެނެއްނާންނާނެ، ނޯޓު ނިމުނީ އެ ހިސާބުން'' ލަތީފް ވިދާޅުވިއެވެ.
ލަތީފް ވިދާޅުވީ، 2013 ވަނަ އަހަރު ޕީޕީއެމުން ވެރިކަމާއި ހަވާލުވީ ހެޔޮ ވެރިކަމެއް ކުރަން ކަމަށާއި، އެ ވެރިކަން ކުރަމުން ދިޔައީ އާ ކާމިޔާބީ ދުވަސްތަކެއް ގެންނަން ކަމަށެވެ.
''ވެރިކަން ކުރަމުން ދަނިކޮށް އަޅުގަނޑުމެންގެ މޫސުން ބަނަވީ، އަޅުގަނޑުމެން މޫސުން ބަނަވީ ވެރިމީހާގެ ސަބަބަކުން ނޫނޭ އަޅުގަނޑު ބުނާނީ، މޫސުން ބަނަވީ ބަދިގޭގެ ސަބަބުންނޭ އަޅުގަނޑު ބުނާނީ، ބަދިގެ ތެރެއިން ކަންކަން ނިންމަން ފެށީމަ އެހިސާބުން މޫސުން ގޯސްވީ، އެއީ އެކަން ވީ ގޮތަކީ،މިފަހަރު އިރާދަކުރެއްވިއްޔާ ބަދިގެ ތެރެއަކުން އެކަމެއް ނުކުރާނެ'' ލަތީފް ވިދާޅުވިއެވެ.
ލަތީފް ވިދާޅުވީ، މިފަހަރު އޯޑަރު އަންނާނީ ސީދާ ޕާޓީގެ އޮފީސް ތެރެއިން ކަމަށާއި، މިފަހަރު ކުރިއަށް ދާނީ ރައީސް އާއި ޕާޓީގެ ވެރިންނާއި ޕާޓީގެ ހުރިހާ ގުނަވަންތައްގުޅި އެކައްޗެއްގެ ގޮތުގައި ހިތްހަމަޖެހުމާއެކުގައި ކަމަށެވެ.
ލަތީފްގެ ވާހަކާގައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަށް ވަރަށް ތައުރީފްކުރަށްވާ ވާހަކަ ދައްކަވާފައެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ